Download Logo
Copy Logo

އޮސްޓްރޭލިއާގައި އޭއައި އޭޖެންޓެއް ޖިމެއްގެ ވެބްސައިޓް ހެކްކޮށްލައިފި

ހިންދު ޢަލީ 15 އޯގަސްޓު 2026

އެންޑްރޫ ބަރޑް އަކީ އޮސްޓްރޭލިޔާގެ މެލްބަރންގައި ހުންނަ ޓެކް ކުންފުންޏެއް ކަމަށްވާ އަފިންޑާގެ ހެޑް އޮފް އޭއައި އެވެ. އެންޑްރޫ އާންމުކޮށް އޭނާ ކުރަންޖެހޭ ފޫހި ރިޕީޓަޑް މަސައްކަތްތައް ހަވާލުކުރަނީ އޭނާ ބޭނުންކުރާ އޭއައި އެސިސްޓެންޓަކާއެވެ. އެގޮތުން އާދައިގެ މަތިން އޭނާގެ ޖިމްގައި ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވިފައިވާ ފިޓްނަސް ކްލާހެއްގައި އޭނާ ނަން ރަޖިސްޓަރ ކުރުމަށް އޭނާ ހަވާލުކުރީ އޭއައި އެސިސްޓަންޓާއެވެ. އޭއައި އެސިސްޓަންޓަކަށް މިފަދަ މަސައްކަތެއް ހަވާލުކުރުމުން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

އަަހަރުމެން އުންމީދު ކުރާނީ އޭއައި އެސިސްޓަންޓް ޖިމްގެ ވެބްސައިޓަށް ގޮސް ބުކިން ފޯމް ނުވަތަ ރަޖިސްޓްރޭޝަން ފޯމް ހޯދާ، ކްލާހުގައި ޖާގަހުރިތޯ ޗެކްކޮށް، ފޯމް ފުރިހަމަކުރާނެކަމަށެވެ. އެންޑްރޫ ވެސް ހީކުރީ ކަންތައް ވާނީ އެހެން ކަމަށެވެ. އެހެން ނަމަވެސް ކަންތައް ވީ މުޅިން އެހެނެއް ނޫނެވެ.

އޭގެ ބަދަލުގައި އޭއައި އެސިސްޓަންޓް ކުރިކަމަކީ ޖިމްގެ ބުކިން ސިސްޓަމްގައި ހުރި ވަލްނަރެބިލިޓީއެއް ހޯދީއެވެ. އަދި އާންމުކޮށް ކްލާހުގައި ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތު ފަހަނަ އަޅާ ގޮސްފައިވަނިކޮށް އެކަން ކުރަން ކަނޑައެޅިފައިވާ މަރުހަލާތައް ބައިޕާސްކޮށް، ސިސްޓަމް ހެކްކޮށްލީއެވެ. ކްލާހުގައި ރަޖިސްޓަރ ވުމުގެ ޖާގަ ނެތީމާ، ކްލާހަށް ރަޖިސްޓަރ ވެފައި ވެއިޓިންގް ލިސްޓްގައި ތިބި މީހުންގެ ތެރެއިން އެންމެ މަތީގައި އިން މީހާގެ ނަން ލިސްޓުން އުނިކޮށް އެންޑްރޫގެ ނަން ވެއިޓްލިސްޓްގެ މައްޗަށް ޖައްސާލީއެވެ.

މިއީ އެންޑްރޫ އޭނާގެ އޭއައި އެސިސްޓަންޓް ކައިރީ ކަންތައް ކުރަން ބުނި ގޮތެއް ނޫނެވެ. އެހެން މީހެއްގެ ބުކިންގ ކެންސަލް ކުރާކަށް އޭނާ ނުބުނެއެވެ. އޭއައި އެސިސްޓަންޓް މިހުރިހާ ކަމެއް ކޮށްލީ އަމިއްލަ އިހްތިޔާރުގައެވެ. އެއަށް ހަވާލުކުރެވުނު މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި، އޭތި އަމިއްލައަށް ގޮތްތަކެއް ނިންމާ، އެކަން ފުރިހަމަކުރީއެވެ.

އޮސްޓްރޭލިޔާގެ އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ މި ހާދިސާއަކީ އޮސްޓްރޭލިޔާގައި އޮޓޮނޮމަސް އޭއައި އޭޖެންޓަކު ސައިބަރ ހަމަލާއެއް ހިންގި ފުރަތަމަ ހާދިސާއެވެ.


ހާދިސާ ހިނގާ ދިޔަ ގޮތް

މިހާދިސާ ރިޕޯޓްކޮށްފައިވަނީ 10 އޮގަސްޓް 2026 ގައެވެ. މިހާދިސާގައި ހެކްކުރި އޭއައި އޭޖެންޓަކީ އޯޕަންކްލޯ އެޖެންޓެކެވެ. މިއީ އެންތްރޮޕިކްގެ ކްލޯޑްގެ މައްޗަށް ހިންގާ އެޖެންޓެކެވެ.

އާންމު ޗެޓްބޮޓަކާއި ހިލާފަށް އޭއައި އެޖެންޓަކީ އެކްސްޓަރނަލް އެހެން ޓޫލްތަކަށާއި ހިދުމަތްތަކަށް އަމިއްލައަށް ކަނެކެޓްކޮށް، އިންސާނެއް އެދޭ މަސައްކަތް ކުރާ އެއްޗެކެވެ. ޗެޓްބޮޓަކާއި އޭއައި އެޖެންޓަކާއި ހުރި ތަފާތަކީ މިއީއެވެ. ޗެޓްބޮޓަކާއި ވާހަކަ ދެއްކުމުން، ޗެޓްބޮޓު ޔޫސަރ ކައިރީގައި ޖިމް ކްލާހެއް ބުކްކުރުމަށް ބުނާނީއެވެ. ނުވަތަ ލަފާދޭނީއެވެ. އޭގެ ބަދަލުގައި އޭއައި އެޖެންޓް އެކްލާހެއް އަމިއްލައަށް ބުކްކުރާނީއެވެ.

އޭޖެންޓެއް އަމިއްލައަށް ވެބްސައިޓަކަށް ވަދެ، އޭގައި ހިމެނޭ އޭޕީއައިތަކާއި އަމިއްލައަށް އިންޓަރެކްޓް ކުރާނެއެވެ. އަދި އީމެއިލް ފޮނުވާ، ގިނަ ސްޓެޕްތަކެއް ހިމެނުނު ކަމުގައި ވިނަމަވެސް ހިދުމަތްތަކަށް އެޕްލައި ކުރާނެއެވެ. އޭޖެންޓެއްގެ މަގުސަދަކަށް ވާނީ އެއާއި ހަވާލު ކުރެވުނު މަސައްކަތް އަމިއްލައަށް ފުރިހަމަ ކުރުމެވެ. މިހާ ނުވަތަ ޔޫސަރ، އޭޖެންޓާއި މަސައްކަތެއް ހަވާލުކޮށްފައި އޭގެން ނުކުންނަން ޖެހޭ ނަތީޖާ ބުނާނީއެވެ. އެނަތީޖާ ހާސިލްކުރަން ކުރަންޖެހޭ ކަންތައްތަކެއް ނުވަތަ އަޅާނެ ފިޔަވަޅުތަކެއް ނިންމާނީ އެޖެންޓެވެ.

މިކޭސްގައި ވީ ގޮތަކީ އެޖިމްގެ އާންމު ބުކިން ވެބްސައިޓްގެ އިންޓަފޭސްގައި ކްލާސް ފުލްވުމުން ބުކްނުކުރެވޭނެ ގޮތަށް ރެސްޓްރިކްޓް ކުރެވިފައިވީ ނަމަވެސް ސިސްޓަމްގެ ފަހަތުގައި ނުވަތަ ބެކްއެންޑްގައި އޭޕީއައި މެދުވެރިވެ އެހުރަސް ބައިޕާސްކުރެވޭ ގޮތަށް ހުރިކަން އޭޖެންޓް ދެނެގަތީއެވެ. އަދި މީގެ އިތުރުން ކުރިން އެހެން މީހަކު ހަދާފައިވާ ބުކިންއެއް ކެންސަލް ކުރުމަށް ބޭނުންވާ ހުއްދަ ނުވަތަ އޮތޮރައިޒޭޝަން، ބުކިން ސިސްޓަމްގެ އޭޕީއައި ޗެކްނުކުރާކަން ދެނެގަތީއެވެ.

މިހާދިސާގައި އޭޖެންޓް ވަނީ އަމިއްލައަށް އެހެން ފަރާތެއްގެ ހުއްދަ ނެތި ހެކްކުރުމުގެ 2 އަމަލެއް ހިންގާފައެވެ. އެއީ

- ޖިމްގެ ބުކިން ސިސްޓަމުން އެޑްވާންސް ބުކިން ކުރެވޭ މުއްދަތުގެ ބޭރުން ބުކިން ހެދުމާއި،

- އަދި ވެއިޓްލިސްޓްގައި އެންޑްރޫގެ ނަން ހިމެނުމަށް ފަހު ލިސްޓުގެ މައްޗަށް ޖެއްސޭނެތޯ ސުވާލުކުރުމުން، އޭޖެންޓް ވަނީ އެންމެ ކުރީގައި އިން މީހާގެ ނަން އޭޕީއައި މެދުވެރިކޮށް ވެއިޓްލިސްޓުން ޑިލީޓްކޮށްލާފައެވެ.

ކަން މިހެން ހިނގައިފިކަން އެންޑްރޫއަށް އެނގުމުން އޭނާ މަސައްކަތްކުރީ އެޖެންޓު މެދުވެރިކޮށް ކުރިން ހުރި ގޮތަށް ވެއިޓްލިސްޓް ރުޖޫއަ ކުރެވޭތޯއެވެ. އެހެން ނަމަވެސް އޭޖެންޓަކަށް ޑިލީޓްކޮށްލި މީހާގެ ނަމެއް އަނބުރާ ވެއިޓް ލިސްޓަކަށް ނުލެވުނެވެ. އެެހެން މީހަކަށް އަސަރު ކުރާނެ ފިޔަވަޅެއް އެޅުމުގެ ގާބިލްކަން އޭޖެންޓަށް ލިބުނު ނަމަވެސް އެފިޔަވަޅުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަމެއް އެޖެންޓްގެ ކިބައިގައި ނެތެވެ.

އޭޖެންޓް އެޅި ފިޔަވަޅު އަނބުރާ ނުގެނެވޭނެކަން އެނގުމުން އެންމެ ފަހުން އެންޑްރޫ ކުރި ކަމަކީ ޖިމްގައި ބޭނުންކުރާ ސޮފްޓްވެއަރ ސިސްޓަމް އުފައްދާފައިވާ ފަރާތަށް އޭގައި ހިމެނޭ ވަލްނަރެބިލިޓީ އަންގާ އީމެއިލްއެއް ފޮނުވީއެވެ.


މީގެ ކުރިން ހަބަރުތަކުން ފެނިފައިވާ އޮޓޮނޮމަސް (ނުވަތަ އަމިއްލަ އިހްތިޔާރުގައި) އެޖެންޓެއް ހެކްކުރި ހާދިސާތަކާއި މިހާދިސާއާއި ކުޑަކޮށް ތަފާތެވެ. ކުރިން ފެނިފައިވާ ހާދިސާތަކުގައި އެޖެންޓުތައް ހެކްކުރީ، ހެކްކުރޭތޯ ޓެސްޓުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި ޓެސްޓުގެ ނަތީޖާއިން ހެކްކުރާކަމަށް ދެއްކީއެވެ.

އެހެން ނަމަވެސް މިހާދިސާ އަކީ ހެކް ކުރޭތޯ ކުރި ޓެސްޓެއް ނޫނެވެ. އަދި އެންޑްރޫ އެޖެންޓާއި މަސައްކަތް ހަވާލު ކުރީ ހެކްކުރުމުގެ ނިޔަތުގައެއް ވެސް ނޫނެވެ. އެންޑްރޫ އޭނާގެ އެޖެންޓަށް އެއްވެސް ގޮތަކަށް ޕްލެޓްފޯމް ހެކްކުރުމަކަށް ނާންގައެވެ. އަދި ޖިމްގެ ވެއިޓް ލިސްޓްގައި ހިމެނޭ އެހެން މީހެއްގެ ހައްގަކަށް އަރައިގަންނާކަށް ވެސް ނުބުނެއެވެ.

މި ހާދިސާއިން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ އޭޖެންޓިކް އޭއައިގައި ހިމެނޭ އެއްވެސް ހައްދެއްނެތި ލަނޑުދަނޑިއަށް ވާސިލްވުމުގެ މައްސަލައެވެ. އޭޖެންޓަކާއި ހަވާލު ކުރެވޭ މަސައްކަތް އެއްވެސް ހައްދެއް ނެތި ފުރިހަމަ ކުރުމަށް މަސައްކަތްކުރާ ކުރުމެވެ. ހަގީގަތުގައި މިހާދިސާގައި އޭޖެންޓް ކުރީ އެއާއި ހަވާލު ކުރެވުނު މަސައްކަތެވެ. އެހެން ނަމަވެސް އެއަށް ހުއްދަ ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތައް ދެނެގަންނާކަށް ނޭގުނެވެ.

ދެން މީގެ އިތުރުން އަސްލު ޖިމްގެ ސިސްޓަމްގައި މިހާދިސާއިން ފާހަގަވި ވަލްނަރަބިލިޓީތައް ނެތްނަމަ އޭޖެންޓަކަށް ހެކެއް ނުކުރެވުނީސް ކަންވެސް ފާހަގަވެއެވެ. އާންމު ގޮތެއްގައި މީހަކު ސިސްޓަމް ހެކްކުރަން އުޅުނުނަމަވެސް މިކަންތައް ފާހަގަ ކުރެވުނީސްކަން ޔަގީނެވެ. އެހެން ނަމަވެސް އޭއައި އެޖެންޓަކަށް ލިބިފައިވާ ޓޫލްތަކާއި، އޭގައި ހިމެނޭ ކެޕޭސިޓީގެ ސަބަބުން މިކަން ފަސޭހައިން ދެނެގަނެވުނީއެވެ. އަދި އޭގެ އިތުރުން އޭޖެންޓް ބަލައިގަތީ ސިސްޓަމްގެ ސެކިޔުރިޓީ ކޮންޓްރޯލްތަކަކީ އެއަށް ހަވާލު ކުރެވިފައިވާ މަސައްކަތްތަކަށް ކުރިމަތިވި ހުރަސްތަކެއްގެ ގޮތުގައެވެ. އަދި މަސައްކަތް ފުރިހަމަ ކުރުމަށް އޭއައި އޭޖެންޓް އެހުރަސްތަކުން އަރައިގަތީއެވެ.


މިހާދިސާއިން ދަސްކުރުން މުހިއްމު ފިލާވަޅުތައް

މިހާދިސާއިން ފާހަގަވީ ކަމަކީ ޖިމްގެ ސޮފްޓްވެއަރ ސިސްޓަމުގައި އަސާސީކޮށް ބަލަންޖެހޭ ކަންތައްތަކަކަށް ބަލާފައި ނެތްކަމެވެ. އެކަމާއި ހެދި ސިސްޓަމް ބަލިކަށިވީއެވެ. މީގެ ކުރިން އަާންމުކޮށް ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ސެކިޔުރިޓީ ޓީމްތަކުން ވިސްނާފައިވަނީ މީހުން ސިސްޓަމްތައް ބްރޭކް ކޮށްފާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރަސްތައް ކުރިމަތިކޮށް ސިސްޓަމްތައް ރައްކާތެރިކުރެއެވެ. އެހެން ނަމަވެސް މިހާރު އޭޖެންޓުން މިއަންނަނީ މީހުން ވިސްނާ ވިސްނުމުގެ ބޭރުން އިތުރު ބާރުތަކާއި އެކުގައެވެ.

މިހާދިސާގެ ގިނަ ފިލާވަޅުތަކެއް އަމާޒުވަނީ ސޮފްޓްވެއަރ އުފައްދާ ޑިވެލޮޕަރުންނަށާއި ސިސްޓަމްތަކުގެ ސެކިޔުރިޓީ ބަލަހައްޓާ ޓީމްތަކަށެވެ. ހަމައެކަނި ފްރަންޓްއެންޑް ރައްކާތެރިކުރުމާއި ހިސާބުން ވިސްނުން ނިންމާ ނުލެވޭނެކަމެވެ. އަދި މިހާރު ސިސްޓަމް ބޭނުންކުރަން އަންނާނީ ހަމައެކަނި އިންސާނެއް ކަމަށް ދެކެގެން އެކަނި ހަމައެއް ނުޖެހޭނެއެވެ. އޭޖެންޓްތައް ވެސް އަތުވެދާނެކަމަށާއި މިއާއެކު އަދި ކުރިން ކުރިމަތިނުވާ ނުރައްކާތެރި ކަންތައްތަކެއް ކުރިމަތި ވެދާނެކަމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހެއެވެ.

މީގެ އިތުރުން ދެން ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ އޭއައި އޭޖެންޓުން މަސައްކަތް ކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެނައުން މުހިއްމު ކަމެވެ. އެއްވެސް ހާލަތެއްގައި ސިސްޓަމްތަކުގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިޕާސް ނުކުރުމަށް އޭޖެންޓުންނަށް ތަމްރީން ދޭންޖެހެއެވެ. އެގޮތުން އޭޖެންޓުން އުފައްދާ ޑިވެލޮޕަރުންނަށް ވެސް އޭޖެންޓަކަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ ވަކި ހައްދުތަކެއް ކަނޑައަޅަން ޖެހެއެވެ. ސިސްޓަމް ބުކިން ހަދާ އޭޖެންޓަކަށް އެހެން މީހެއްގެ ބުކިން ކެންސަލް ކުރުމުގެ ނުވަތަ އެހެން ޔޫޒަރެއްގެ ޑޭޓާ ބަދަލުކުރުމުގެ ހުއްދަ އޮޓޮމެޓިކުން ލިބިގެން ނުވާނެއެވެ. އޭޖެންޓެއްގެ އަމާޒަކީ ކޮންމެ ގޮތަކުން ވެސް މަސައްކަތްތައް ފުރިހަމަ ކުރުން ކަމުގައި ވެގެން ނުވާނެއެވެ. އެއަށް ލިބޭ ބާރުތައް ލިމިޓްވެސް ކުރަންޖެހެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.