އެންތްރޮޕިކް ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން އުފައްދާ ޓެކްސްޓްތައް އެނގޭނޭ ގޮތަށް ވޯޓަރމާކެއް ހިމަނައިފިކަމަށް އެކުންފުނިން މިހިނގާ އޮގަސްޓް މަހުގެ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ. މިބަދަލާއިއެކު ދެން ކްލޯޑް މެދުވެރިވެ ޖެނެރޭޓް ކުރާ ޓެކްސްޓް އަދި ފައިލްތައް ޖެނެރޭޓް ކުރީ އޭއައި ބޭނުންކޮށްގެންކަން އިނގޭނެއެވެ. މިބަދަލު ގެނައީ އޭއައި ބޭނުންކުރުމުގައި ޓްރާންސްޕޭރަންސީ އިތުރުކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން އެކުލަވާލާފައިވާ ގަވާއިދުތަކަށް ތަބާވުމުގެ ގޮތުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އީޔޫގެ ކޯޑް އޮފް ޕްރެކްޓިސް އޮން ޓްރާންސްޕޭރެންސީ އޮފް އޭއައި ޖެނެރޭޓެޑް ކޮންޓެންޓްގައި ބުނެފައި ވަނީ އޭއައި ސިސްޓަމްތަކުން ޖެނެރޭޓްކުރާ ކޮންޓެންޓަކީ އޭއައިގެ އެހީގައި ޖެނެރޭޓްކޮށްފައިވާ ކޮންޓެންޓްކަން ކަސްޓަމަރުންނަށް އެންގުމަށްޓަކައި ސިސްޓަމްތައް އުފައްދާ ކުންފުނިތަކުން އެކޮންޓެންޓްތަކުގައި ވޯޓަރމާކެއް ހިމަނަންޖެހެއެވެ.
މީގެ އިތުރުން މިގަވާއިދުގައި ބުނާގޮތުން ޑީޕްފޭކާއި އިންސާނުންގެ ޖަޒުބާތުތައް ދެނެގަންނަ (އިމޯޝަން-ރިކޮގްނިޝަން) އަދި ބަޔޮމެޓްރިކް މައުލޫމާތު ބޭނުންކުރާ ޓޫލްތައް ބޭނުންކުރާއިރު އެއީ އެފަދަ ތަކެތިކަން ކަސްޓަމަރުންނަށް އަންގަން ޖެހޭނެއެވެ. އީޔޫއިން ހާމަކުރާ ގޮތުގައި ގާތްގަނޑަކަށް 200 ޖަމިއްޔާއަކުން މިފިޔަވަޅުތައް އެޅުމަށް ވަނީ އެއްބަސްވެފައެވެ.
އެންތްރޮޕިކް ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އޮގަސްޓް 2ގެ ފަހުން ތައާރަފްކުރާ ކްލޯޑް މޮޑެލްތަކުގައި ވޯޓަރމާކް ހިމެނޭނެއެވެ. މީގެ ތެރޭގައި ކްލޯޑް، ކްލޯޑް ކޯޑް، ކްލޯޑް ކޯވޯކް، ކްލޯޑް ޓެގް އަދި ކްލޯޑް އޭޕީއައި މެދުވެރިކޮށް އުފައްދާ ތަކެތި ވެސް ހިމެނެއެވެ. އަދި މިބަދަލު އަމަލު ކުރާނީ ހަމައެކަނި ޔޫރަޕް ގައުމުތަކުގައި އެކަނި ނޫންކަމަށާއި، ކްލޯޑް ބޭނުންކުރާ ހުރިހާ ތަނެއްގައި މިބަދަލު އަންނާނެކަމަށްވެއެވެ.
އީޔޫގެ ގަވާއިދުތަކަށް ތަބާވުމަށް އެންތްރޮޕިކް ނޫނަސް މިދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުން ވެސް ވަނީ އޭއައި ކޮންޓެންޓްތައް ވޯޓަރމާކް ކުރުމުގެ މަސައްކަތް މީގެ ކުރިން ކޮށްފައެވެ. މީގެ ތެރޭގައި ގޫގުލްގެ ޖެމިނައި، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ، މައިކްރޮސޮފްޓްގެ ކޯޕައިލެޓް އަދި މެޓާގެ ލާމާ ހިމެނެއެވެ.
ވޯޓަރމާކު ކުރުމަކީ އުފައްދާ ތަކެތީގެ ސައްހަކަން އަންގައި ދިނުމަށްޓަކައި އެތަކެތީގެ ތެރެއަށް ނިޝާނެއް އިތުރުކުރުމުގެ ޕްރޮސެސްއެކެވެ. އުފެއްދުމެއްގެ އަސްލު ނުވަތަ މިލްކުވެރިކަން ފަހުން ދެނެގަތުމައްޓަކައި ފިޒިކަލް އަދި ޑިޖިޓަލް ކޮންޓެންޓްތަކަށް ވެސް މިފަދަ ނިޝާން ލައެވެ.
އާންމުކޮށް ވޯޓަރމާކް ކުރުމަށް، ފެންނަ ނުވަތަ ފޮރުވިފައިވާ ނިޝާނެއް ކޮންޓެންޓަށް އިތުރު ކުރެއެވެ. ބައެއް ފިޒިކަލް ޑޮކިޔުމަންޓްތަކުގެ (ތައުލީމީ ސެޓްފިކެޓް، ބޮންޑު ލިޔުން ފަދަ ތަކެތި) ފޮޓޯކޮޕީ ނަގާއިރު މިފަދަ ވޯޓަރމާކް ފެންނަގޮތަށް ހުރެއެވެ. އަދި ވަކި އޭއައި ޓޫލެއް ބޭނުންކޮށްގެން ޖެނެރޭޓްކުރާ ފޮޓޯ ނުވަތަ ވީޑިއޯގައި އެޓޫލެއްގެ ލޯގޯ ނުވަތަ ނަން ހިމަނާފައި ހުރެދާނެއެވެ.
އޭއައި އިން އުފައްދާ ކޮންޓެންޓަށް ވެސް އިތުރުކުރަނީ މިފަދަ ފޮރުވިފައިވާ ނުފެންނަ (އިންވިސިބަލް) ނިޝާނެކެވެ. އޭއައި ކޮންޓެންޓްތަކުގައި ވޯޓަރމާކް ނިޝާނެއް ޖަހަނީ އެކޮންޓެންޓް އުފައްދާފައިވަނީ އޭއައި ބޭނުންކޮށްގެންކަން އަންގައިދިނުމަށެވެ. އާންމުކޮށް އޭއައި މެދުވެރިވެ ޖެނެރޭޓް ކުރާ ތަކެތީގައި ހުންނަނީ ވަރަށް ފާހަގަނުވާކަހަލަ ކުދި ކުދި ބަދަލުތަކެއް ގެނެސްފައެވެ. މިސާލަކަށް:
- ލަފުޒުތަކާއި ނަންބަރުތަކުގެ ދޭތެރޭގައި ވަކި ދުރުމިނެއް ބަހައްޓުން
- ޓެކްސްޓް ފޯމެޓްކުރުމަށް ވަކި ގޮތެއް ބޭނުންކުރުން
- ހާއްސަ އެލްގޮރިދަމްތަކުގެ އެހީގައި ވަކި ބާވަތެއްގެ ބަސްތައް ބޭނުންކުރުން
- ޔުނިކޯޑް ކެރެކްޓަރއެއް އިތުރުކުރުން (މިސާލަކަށް ސުމެއް (0) ހުންނަ ކޮންމެ ތަނެއްގައި ފޮރުވިފައިވާ ކެރެކްޓަރއެއް ހިމެނުން)
- ފައިލްގައި ވަކި ހާއްސަ މެޓަޑޭޓާތަކެއް ހިމެނުން
މިފަދަ ނިޝާންތަކަކީ ކިޔާއިރު ނުވަތަ ބަލާއިރު މީހުންނަށް ނުފެންނަ، އަދި ކޮޕީ ޕޭސްޓް ކުރާއިރުވެސް ފޮހެނުލެވޭ ފަދަ ނިޝާންތަކެކެވެ. އެހެން ނަމަވެސް ކޮމްޕިޔުޓަރަކަށް މިފަދަ ނިޝާންތައް ދެނެގަނެވޭނެއެވެ.
އެންތްރޮޕިކްއިން ހާމަކޮށްފައިވާ ގޮތުގައި ކްލޯޑް މޮޑެލްތަކުގައި ވޯޓާރމާކިންގ އަށް ވަކި ހާއްސަ ބާވަތެއްގެ ބަސްތަކެއް ބޭނުންކުރުމުގެެ އޮޕްޝަނާއި އަދި ބަސްތައް އަތުރާލެވޭ ހާއްސަ ޕެޓަރންއެއް ބޭނުންކުރާ ކަމަށެވެ.
ވޯޓަރމާކް ހިމެނުމަށް ކްލޯޑްއަށް ބަދަލު ގެނެވުނު ނަމަވެސް ކްލޯޑް މެދުވެރިވެ އުފައްދާ ކޮންޓެންޓްގެ ފެންވަރަކަށް ބަދަލެއް ނާންނާނެކަމަށް އެންތްރޮޕިކް އިން ޔަގީންކަން ދެއެވެ. އަދި ހާއްސަ ޑިޓެކްޝަން ޓޫލެއް ބޭނުންކޮށްގެން މެނުވީ، ވޯޓަރމާކް ކޮށްފައިވާ ޓެކްސްޓާއި ނުކުރާ ޓެކްސްޓާއި ތަފާތެއް ނުފެންނާނެ ކަމަށެވެ.
ވިންޑޯޒް ނޯޓްޕެޑް ނުވަތަ މެކްއޯއެސްގެ ޓެކްސްޓްއެޑިޓް ފަދަ ޓެކްސްޓް އެޑިޓަރުތަކަށް ކޮޕީ ކުރިނަމަވެސް، ނުވަތަ ޓެކްސްޓަށް ބަދަލު ގެނައި ނަމަވެސް، ކްލޯޑްއިން ޖެނެރޭޓްކުރާ ޓެކްސްޓްތަކަށް އިތުރުކުރާ ވޯޓަރމާކް ނުފޮހެވޭނޭ ކަމަށްވެއެވެ.
އެންތްރޮޕިކްއިން ހާމަކޮށްފައިވާ ގޮތުގައި ކްލޯޑް މެދުވެރިވެ ޖެނެރޭޓް ކުރާ ޖޭޕެގް، ޕީއެންޖީ އަދި އެސްވީޖީ ފައިލްތަކުގައި ކްރިޕްޓޯގްރަފިކް ސިގްނޭޗަރއެއް ހިމެނޭނެއެވެ. މިއީ ފޮޓޯ އެޑިޓްކުރާ ސޮފްޓްވެއަރ ތަކުގައި، ފޮޓޯ އުފައްދާ ތަން ދެނެގަތުމަށް ބޭނުންކުރާ ސްޓޭންޑަރޑްއަކާއި އެއްގޮތަށް ހިމަނާ ވޯޓަރމާކެކެވެ. މީހަކު މިސިގްނޭޗަރ ބަދަލުކުރަން އުޅެފިނަމަ އެކަން ކުރަން މަސައްކަތްކުރިކަން ފޮޓޯ ބަލާ މީހާކަށް އެނގޭނޭކަމަށް އެންތްރޮޕިކްއިން ހާމަކުރެއެވެ.
އެންތްރޮޕިކްއިން ނެރުނު ބަޔާނުގައި މުހިއްމު އެހެން ކަމެއް އެކުންފުނިން ފާހަގަކުރެއެވެ. މިދެންނެވުނު ވޯޓަރމާކް ހިމެނޭ ކޮންމެ ކޮންޓެންޓަކީ ކްލޯޑްއިން އުފެއްދި ތަކެތި ކަމުގައި ނުވެދާނެކަމަށެވެ. އަދި ކޮންޓެންޓްގައި ވޯޓަރމާކް ނެތުމަކީ ކްލޯޑްއިން އެތަކެތި ނުއުފައްދާކަމުގެ ޔަގީންކަމެއް ވެސް ނޫންކަމަށެވެ.
މީހަކު އަމިއްލައަށް އުފައްދާފައިވާ މަޒުމޫނެއް ކްލޯޑްއަށް ދީފައި ކުޑަ ކުޑަ ބަދަލެއް ގެނައި ނަމަވެސް އޭގައި ވޯޓަރމާކް ހިމެނިދާނެއެވެ. އެހާލަތުގައި އެލިޔުމުގައިވާ ހުރިހާ ތަފްސީލެއް އެއީ މީހާގެ އަމިއްލަ އުފެއްދުމެއް ކަމުގައި ވިނަމަވެސް އޭއައި އުފެއްދި އެއްޗެއްކަމުގެ ލޭބަލް ކުރެވޭނެއެވެ.
އަދި ކްލޯޑް ބޭނުންކޮށްގެން ލިޔުމެއް ޖެނެރޭޓްކޮށްފައި، ބައެއް ބައިބައި ބަދަލުކޮށްލާ، އިތުރު ބައިތައް އެއްކޮށްގެން އުފައްދާ އެއްޗެއްގައިވެސް، ފަހު ޑްރާފްޓްގައި ކުޑަ ކުޑަ މިންވަރެއް ކްލޯޑް ޖެނެރޭޓްކުރި ކޮންޓެންޓް ހިމެނުނު ކަމުގައި ވިޔަސް އޭގައިވެސް އޭއައި އުފެއްދި އެއްޗެއްކަމުގެ ލޭބަލް ކުރެވިދާނެއެވެ. މިހާލަތުގައި ބޮޑުބައި މީހާ އަމިއްލައަށް އުފެއްދި ނަމަވެސް ލޭބަލް ކުރެވޭނީ އޭއައި ބޭނުންކޮށްގެން އުފެއްދި އެއްޗެއްގެ ގޮތުގައެވެ. ކްލޯޑް ޖެނެރޭޓްކުރި ކޮންމެ ލަފުޒެއް އެއްކޮށް ބަދަލު ނުކުރާހާ ހިނދަކު ވޯޓަރމާކް ހިމެނިދާނެއެވެ.
އެންތްރޮޕިކްއިން އިތުރަށް ފާހަގަކުރި ގޮތުގައި ކްލޯޑް އިން އުފައްދާ ތަކެތީގައި ވޯޓަރމާކް ނުހުރެދާނެ ބައެއް ސަބަބުތައް ވެސް ހިމެނޭކަމަށެވެ. އޭއައި އިން އުފެއްދި ކޮންޓެންޓްގެ މިންވަރު މާ މަދުވުމުން ނުވަތަ އެކޮންޓެންޓް ވަރަށް ބޮޑަށް އެޑިޓްކޮށް، ބަދަލުކޮށް، ތަރުޖަމާކޮށް ނުވަތަ އެހެން ލިޔުމަކަށް އެއްކޮށްފައި ހުރުމުން ވޯޓަރމާކް ނުހުރެދާނެއެވެ.
ކްލޯޑް އިން ޖެނެރޭޓް ކުރި ފޮޓޯއެއްގައިވެސް ވޯޓަރމާކް ނުހުރެދާނެ ހާލަތެއް އަތުވެދާނެއެވެ. މިސާލަކަށް ފޮޓޯގެ ސްކްރީންޝޮޓެއް ނަގާ، އެހެން ފޯމެޓެއްގައި ފޮޓޯ ސޭވްކޮށްފިނަމަ، އޭގައި ކުރިން ހުރި މެޓަޑޭޓާ ނުހުންނާނެއެވެ.
އެންތްރޮޕިކްގެ މިއިއުލާނާއި ގުޅިގެން ކްލޯޑްގެ ގިނަ ކަސްޓަމަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ބިޒްނަސް އިންސައިޑަރއިން ހާމަކޮށްފައިވާ ގޮތުގައި ބައެއް މީހުން ވަނީ މިކަމާއި ގުޅިގެން ސަބްސްކްރިޕްޝަން ކެންސަލްކޮށްލާފައެވެ. އަދި އެކްސްގައިވެސް މިކަމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
ބައެއް ފަރާތްތަކުގެ ހިޔާލު ހުރި ގޮތަކީ، އެންމެ ފުރިހަމަ ގޮތުގައި މިވޯޓަރމާކުން ކޮންޓެންޓްގެ ރަނގަޅު ހާލަތު ދެނެ ނުގަނެވޭނެ ކަމަށެވެ. ހާއްސަކޮށް ކްލޯޑްގެ ވަރަށް ކުޑަކުޑަ އިންޓަރެކްޝަނެއްގެ ސަބަބުން ކޮންޓެންޓަށް އޭއައި 'ޖެނެރޭޓް' ކުރި އެއްޗެއް ކަމަށް ލޭބަކް ކުރެވިދާނެކަމުގެ ފުރުސަތު އޮތީތީއެވެ. ވޯޓަރމާކިންގެ ނަތީޖާއެއްގެ ގޮތުން ފޯލްސް ޕޮޒިޓިވްތަކުގެ ނުރައްކާ ވަރަށް ބޮޑު ވެއެވެ.
އެންތްރޮޕިކްއިން އީޔޫގެ ގަވާއިދުތަކަށް ތަބާވުމުގެ މަގުސަދުގައި މިމަސައްކަތް ކުރި ނަމަވެސް، އޭއައި ހުރި ކޮންޓެންޓް ދެނެގަތުމުގެ މަސައްކަތަށް އަދި އެހާ ބޮޑު އިތުބާރެއް ނުކުރެވޭކަމަށް ބައެއް ރިޕޯޓްތަކުގައި ފާހަގަކުރެއެވެ. މިސާލަކަށް އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ވާހަކަ ދައްކާ މީހަކު އިނގިރޭސިން ލިޔެފައި ހުރި އެއްޗެއް، އަމިއްލަ ލިޔުމެއް ނަމަވެސް އޭއައި ޖެނެރޭޓެޑް ކޮންޓެންޓް ގޮތުގައި ގިންތި ކުރެވިފައި ހުރި ހާލަތު ފެނިފައި އެބަހުރިއެވެ.
މިކަމާއި ގުޅިގެން މިހާރު ވެސް ބައެއް ވެބްސައިޓްތަކުގައި އޭއައި ވޯޓަރމާކް ނައްތާލާން ބޭނުންކުރާ ޓޫލްތަކުގެ އިޝްތިހާރު ދަނީ ކުރަމުންނެވެ.
އޭއައި އިން އުފައްދާ ކޮންޓެންޓް ދެނެގަތުމައްޓަކައި ހަމައެކަނި ވޯޓަރމާކް އަކާއި ހަމައިން ނިންމާލުމަކީ މިކަމުގައި އެންމެ ފުރިހަމަ ގޮތެއް ނޫނެވެ. ހަމައެކަނި މިގޮތަށް ނިޝާނެއް އިތުރުކުރުމުގެ ބަދަލުގައި އިންސާނަކު އެކޮންޓެންޓް އުފެއްދުމުގައި ބައިވެރިވި މިންވަރު ވަޒަން ކުރެވޭނެ ސިސްޓަމެއް ތަރައްގީ ކުރެވެންޖެހެއެވެ. އެހެން ނުވާހާ ހިނދަކު އަދި މިވޯޓަރމާކަކީ ހަމައެކަނި ކޮންޓެންޓް އުފެއްދުމުގައި އޭއައި ކޮންމެވެސް މިންވަރަކަށް ބައިވެރިވާކަމުގެ ފާހަގައެކެވެ. މިއީ ޔަގީންކަމާއެކު ވަކި މީހަކު އުފައްދާފައިވާކަން ނިންމޭ މިންވަރުގެ އިތުބާރު ހުރި މިންގަނޑެއް ނޫނެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް