Download Logo
Copy Logo

އޭއައިގެ ކޮންމެ ވަސީލަތަކުންވެސް ނޫފުފުޒު ފޯރަފާނެ ---

އޭއައިއިން ލިޔާ ލިޔުންތަކަށް، އޭގެ އަމިއްލަ ނުފޫޒު ނުސީދާކޮށް ފޯރުވަނީ

އަޙްމަދު ދާއޫދު 06 ޖުލައި 2026


ސޯޝަލް މީޑިއާގައި ޝާއިއުކުރާ ލިޔުންތައް ފުރިހަމަކޮށް، ގްރެމާ ރަނގަޅުކުރުމަށްޓަކައި މިހާރު ގިނަ ބަޔަކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ތަފާތު ވަސީލަތްތައް ބޭނުންކުރެއެވެ. ނަމަވެސް އޮކްސްފޯޑް އިންޓަނެޓް އިންސްޓިޓިއުޓާއި ހައްސޯ ޕްލެޓްނާ އިންސްޓިޓިއުޓުން ކުރި އައު ދިރާސާއަކުން ދައްކާގޮތުގައި، މިގޮތަށް ލިޔުންތައް އެޑިޓްކުރުމުގެ ތެރޭގައި އޭއައި އިން ނުސީދާކޮށް އެ ލިޔުމެއްގެ އަސްލު މާނަ ނުވަތަ ޚިޔާލު ވަކި ކޮޅަކަށް ބުރަވާގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ.

މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޚިޔާލު ތަފާތުވާ ފަދަ މައުޟޫޢުތަކުގައި އޭއައި އިން ލިޔުންތައް ރިޑައިރެކްޓް ކުރަނީ ވަކި ޚާއްސަ މިސްރާބަކަށެވެ.


އޭއައި އިން ލިޔުންތަކަށް ގެންނަ މިފަދަ ބަދަލުތަކަކީ ހަމައެކަނި ގްރެމާ ރަނގަޅުކުރުމަށް ކުރާ ކަންކަމަށް ވުރެ ފުން ނުފޫޒެއް ފޯރުވާ ކަންކަމެވެ. މިސާލަކަށް، ފެމިނިޒަމް ނުވަތަ މަސްތުވާތަކެތި ހުއްދަކުރުމާ ގުޅޭގޮތުން ލިޔެފައިވާ ޕޯސްޓެއް އޭއައި އަށް ދިނުމުން، އެ ލިޔުން ބަދަލުކުރަނީ އެ ޚިޔާލުތަކަށް ތާއީދުކުރާ ފަދަ އޯގާތެރި ނުވަތަ ޕޮޒިޓިވް ރާގެއްގައެވެ. މިއީ ލިޔާ ފަރާތުން ބޭނުންވި ގޮތް ނޫން ކަމުގައިވިޔަސް، އޭއައި އިން އޭގެ އަމިއްލަ "އަލްގޮރިދަމް" ބޭނުންކޮށްގެން އެ ލިޔުމުގެ އަސްލު ބަދަލުކޮށްލަނީއެވެ.

ހަމައެފަދައިން، ހަތިޔާރު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ކުރާ ޕޯސްޓްތައް އެޑިޓްކުރާ އިރު، އެ ލިޔުންތައް އިތުރަށް ހަރުކަށިކޮށް، ގާނޫނީ ފިޔަވަޅުތަކަށް ބާރުއަޅާ ރާގެއް އޭއައި އިން ގެންނަނީއެވެ.

މިފަދަ ބަދަލުތަކުން ދައްކުވައިދެނީ، އޭއައި އަށް ދީފައިވާ ޕްރޮމްޕްޓްތަކުގައި ނުވަތަ އެ ޓޫލްތައް ތަމްރީނުކޮށްފައިވާ ޑޭޓާގެ ސަބަބުން، ވަކި މައުޟޫޢުތަކަކަށް އޭއައި އިން ޚާއްސަ ޚިޔާލެއް ގެންގުޅޭކަމެވެ.

މިފަދަ ނުފޫޒުތައް އެންމެ ބޮޑަށް ފާހަގަވާ އެއް އޭއައި ވަސީލަތަކީ ގްރޮކް އޭއައި ---

ދީނީ މައުޟޫޢުތަކާއި މަރުގެ އަދަބާ ގުޅޭގޮތުން ކުރެވޭ ޕޯސްޓްތަކުގައި އޭއައި އިން ގެންނަ ބަދަލުތަކަކީ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމެވެ. މި މައުޟޫޢުތަކުގައި ލިޔުންތައް ފެންނަނީ ވަރަށް ބޮޑަށް ފާޑުކިޔާ ރާގެއްގައި ނުވަތަ އެކަމާ މެދު ޝައްކު އުފެދޭ ގޮތަކަށެވެ.

މިއީ މުޖުތަމަޢުގެ ތެރޭގައި ހުންނަ ނާޒުކު ބަހުސްތަކަށް އޭއައި އިން ދޭ "ސައިލެންޓް ރިއެކްޝަން" ކަމަށް ދިރާސާވެރިން ސިފަކުރެއެވެ.

މި މައްސަލައަކީ ވަކި އެއް ކުންފުންޏެއްގެ އޭއައި އަށް އެކަނި ދިމާވާ ކަމެއް ނޫން ކަން ދިރާސާތަކުން ކަށަވަރުވެއެވެ. އޯޕަން އޭއައި، އެންތްރޮޕިކް، އަދި ގޫގުލް ފަދަ އެކި ކުންފުނިތަކުގެ ބޮޑެތި ލޭންގުއޭޖް މޮޑެލްތަކުން ވެސް މިފަދަ ނަތީޖާތައް ފެނިފައިވެއެވެ. މިއީ އިންޑަސްޓްރީގެ މިންގަނޑުތަކެއްގެ ގޮތުގައި އޭއައި އަށް ވަދެފައިވާ "ބަޔާސް" ނުވަތަ ނުފޫޒުކަން މިއިން ސާބިތުވެއެވެ.

އިތުރު ހެއްކެއްގެ ގޮތުން، އެކްސް ޕްލެޓްފޯމުގައި ހުންނަ "އެކްސްޕްލެއިން ދިސް ޕޯސްޓް" ފީޗާ ބަލާލުމުން ކިހާ ވަރަކަށް އޭއައި އިން ޚިޔާލުތަކަށް ނުފޫޒު ފޯރުވާކަން އެނގެއެވެ. މި ފީޗާގައި ބޭނުންކުރާ "މެއިންސްޓްރީމް ޚިޔާލުތަކާ ޚިލާފުވާން ޖެހިއްޖެނަމަ އެކަން ކުރުން" ފަދަ އިންސްޓްރަކްޝަންތަކުގެ ސަބަބުން، ވަކި ކޮޅަކަށް ޖެހިފައިވާ ޖަވާބުތައް އުފައްދައެވެ.

މިގޮތަށް ލިބޭ ޖަވާބުތަކުން މީހުންގެ ވިސްނުމަށް ނުސީދާ ގޮތެއްގައި ބަދަލުތައް އާދެއެވެ. އެންމެ ނުރައްކާތެރި ކަމަކީ، މިފަދަ އެޑިޓިންގ ތަކުން އެކަކު ކުރާ ޕޯސްޓަކުން ބޮޑު ބަދަލެއް ނައިސްދާނެ ނަމަވެސް، މިލިއަނުން ގުނާލެވޭ ޕޯސްޓްތަކުގައި މިފަދަ ބަދަލުތައް އައުމެވެ. މިއީ މުޅި މުޖުތަމަޢުގެ ޚިޔާލަށް ނުފޫޒު ފޯރުވައި، ވަކި ކޮންސެންސަސްއެއް އުފެއްދުމަށް އޭއައި ބޭނުންކުރެވިދާނެ ކަމުގެ އިންޒާރެކެވެ. މިއީ ސޯޝަލް މީޑިއާ ބޭނުންކުރާ އާންމު ފަރުދުންނަށް ވެސް ނޭނގި ހިނގަމުންދާ ކަމެއްކަން ދިރާސާވެރިން ފާހަގަކުރެއެވެ.

މި ހޯދުންތަކުން ދައްކުވައިދެނީ މިހާރު އަމަލުކުރަމުންދާ ގާނޫނީ ފްރޭމްވޯކްތަކާއި އޭއައި ރެގިއުލޭޝަންތައް، އޭއައި އިން ޚިޔާލުތައް ނުސީދާކޮށް ބަދަލުކުރާ މިފަދަ ނާޒުކު ކަންކަމަށް އަދި ހޭލުންތެރި ނޫން ކަމެވެ. މިހާރު ގާއިމްކޮށްފައިވާ ގާނޫނުތަކުން މައިގަނޑު ގޮތެއްގައި ބަލަނީ ނުރައްކާތެރި ކޮންޓެންޓްތަކަށެވެ. އެހެންކަމުން، އޭއައި އިން ލިޔުންތައް އެޑިޓްކުރާއިރު ބޭނުންކުރާ ބަސްތަކުން އިންސާނުންގެ ވިސްނުމަށް ނުފޫޒު ފޯރުވުމަކީ ގާނޫނީ ގޮތުން ހައްލުކުރަން ޖެހިފައިވާ އައު ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.