ތުރުކީގެ ދިރާސާވެރިން ވާޗުއަލް ރިއަލިޓީ (VR) އާއި ކްލާސިކަލް މިއުޒިކް ބޭނުންކޮށްގެން ލޭގެ ޕްރެޝަނުދައްކުރެވޭކަން ދިރާސާއަކުން ހޯދާފައެވެ. ޑރ ސަފާ ޑޮންމޭޒް އިސްކޮށް ހުންނަވައިގެން އަންކާރާގެ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސްގެ ޓީމަކުން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެމާޖަންސީގައި ފަރުވާ ދެމުންދާ ބަލިމީހުންގެ ޕްރެޝަރު 15 މިނިޓްތެރޭގައި ބޮޑުތަން ދައްކޮށްފައިވެއެވެ. މި ދިރާސާގެ ހޯދުންތައް މި ދިޔަ ސެޕްޓެމްބަރު 25ގައި ހިނގި ޔޫރަޕިއަން އިމަޖެންސީ މެޑިސިން ކޮންގްރެސްގައި ހުށަހަޅާފައިވެއެވެ.
މިގޮތުން މި ދިރާސާގައި 130 ބަލިމީހުން ބަލާފައިވެއެވެ. މީގެތެރޭގައި 65 މީހުންނަށް VRއާއި ކްލާސިކަލް މިއުޒިކް ބޭނުންކޮށްގެން ފަރުވާ ދީފައިވީއިރު، ބާކީތިބި ފަރާތްތަކުންނަށް ހަމައެކަނި އާންމުކޮށްދޭ އިންޓަވެންޝަންދީފައި ކޮންޓްރޯލް ގްރޫޕެއްގެ ގޮތުގައި ބަލާފައިވެއެވެ. ވީއާރުއާއި ކްލާސިކަލް މިއުޒިކް ދީފައިވާ ފަރާތްތަކަށް ވެސް އާންމުކޮށްދޭ އިންޓަވެންޝަން ދީފައި ވީނަމަވެސް. އޭގެ އިތުރުން ހިތްހަމަޖެހޭ ކަހަލަ ގުދުރަތީ މަންޒަރެއް ދައްކައިދީ ކްލެސިކް މިއުޒިކްގެ އަޑުއިއްވާފައިވެއެވެ. މި މިއުޒިކުގައި ބާކް، މޮޒާޓް، ވިވަލްޑީ، ޑެބިއުސީ އަދި ޗައިކޯވްސްކީ ފަދަ ކޮމްޕޯސަރުންގެ މަސައްކަތްތައް ހިމެނެއެވެ.
ދިރާސާ ކުރި ފަރާތްތަކުން ބަލިމީހުންގެ ލޭގެ ޕްރެޝަރު 15، 30، 60، 90 އަދި 120 މިނެޓް ފަހުން ބަލާފައިވެއެވެ. 15 މިނެޓް ފަހުން ވީއާރު ގްރޫޕްގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ގްރޫޕަށް ވުރެ ބޮޑަށް ދަށްވެފައިވެއެވެ. އެމީހުންގެ މީން އާޓިރިއަލް ޕްރެޝަރު ގާތްގަނޑަކަށް %12 ދަށްވެފައިވާއިރު، ކޮންޓްރޯލް ގްރޫޕްގައި ދަށްވެފައިވަނީ ހަމައެކަނި %8އެވެ. ވީއާރު ގްރޫޕްގެ ލޭގެ ޕްރެޝަރު އެވަގުތު ކޮންޓްރޯލް ގްރޫޕަށްވުރެ ގާތްގަނޑަކަށް 4-5 mmHg ދަށްވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިދެބައިގެ ތަފާތު 60 މިނިޓަށްފަހު ކުޑަވެފައިވެއެވެ.
މީގެ އިތުރުން، މި ދިރާސާއިން ބަލިމީހުންގެ އެންޒަޔަޓީ ބެލުމުގެ ކުރިންނާއި ފަހުން STAI-II ކްވެސްޝަނިއަރު ބޭނުންކޮށްގެން ބަލާފައިވެއެވެ. މިގޮތުން ބެލުމުގެ ކުރިން ވީއާރް ބޭނުންކުރި ފަރާތްތަކުގެ އެންޒަޔަޓީ ކޮންޓްރޯލް ގްރޫޕަށްވުރެ ބޮޑުވެފައިވީއިރު، ދެ ގަޑީރަށް ފަހުން ކޮންޓްރޯލް ގްރޫޕާއި އެއްވަރަށް ތިރިވެފައިވެއެވެ. މިކަމުގެ ސަބަބުން މި ފަރުވާއަކީ ފެންނަ ފެނުމުގައި ހާސްކަން ބޮޑު، ކަންބޮޑުވެފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް އެހީއަކަށް ވާނެކަމަށް ބެލެވޭކަމަށް މި ދިރާސާގައި ބައިވެރިވެފައިވާ އަންކާރާ ބިލްކެންޓް ސިޓީ ހޮސްޕިޓަލްގެ އިމަޖެންސީ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ ކާދިރު ޔެނަލް ބުނެފައިވެއެވެ.
މި ދިރާސާގައި ބައެއް ލިމިޓޭޝަންތަކެއް ހުރެއެވެ. މިގޮތުން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެއް ހޮސްޕިޓަލެއްގައެވެ. އަދި ބަލިމީހުން ބަލާފައިވަނީ ހަމައެކަނި ދެ ގަޑިއިރަށެވެ. ދިރާސާވެރިން މިއީ ރައްކާތެރި، އަދި ބޭނުންތެރި ފަރުވާއެއް ކަމަށް ފާހަގަކޮށްފައިވީ އިރު، މި ފަރުވާ އަކީ އެހެން ބޭސްތަކާއި ފަރުވާތަކާއި އެކު ބޭނުންކުރެވޭ ނިޒާމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މި ދިރާސާގައި މިއުޒިކާއި މަންޒަރު އެއްފަހަރާއި ދައްކާފައިވުމުން، މި ބަދަލު ގެނުވައި ދިނީ މިއުޒިކުންތޯ ނުވަތަ މަންޒަރުންތޯ، ނުވަތަ ދޭތި އެއްވުމުންތޯ އެނގިފައިނުވެއެވެ. މުސްތަޤުބަލުގައި މިކަންތައް ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތަކެއް މިއުޒިކާއި ވީއާރް ވަކި ކޮށް، އެހެން ހަސްފަތާލުތަކުގައި މިއަށްވުރެ ދިގު މުއްދަތަކަށް ބެލުމަށް ނިންމާފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.