ކޮވިޑް 19 ހާލަތާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން ގިނަ ސްކޫލްތަކެއްގެ ކިޔެވުން މިވަނީ އޮންލައިން މޯޑަށް ބަދަލުވެފައެވެ.
ޓެލިކިލާސް ތަޢާރަފްކޮށް، އަދި ގޫގަލް ކްލާސްރޫމްގެ އެހީގައި ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދީގެން ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ކްލާސްތަކާއި ފިލާވަޅުތައް މިހާރު ފޯރުކޮށްދެނީ އޮންލައިން ކޮންނެވެ.
މިއާއި އެކީ ދެން އިވިގެން ދިޔައީ އިންޓަނެޓުގެ މައްސަލަތަކުގެ ވާހަކައެވެ. ގިނަ ދަރިވަރުން ކްލާހަށް ވަންނަން އިންޓަނެޓު ލަސް ވާހަކަޔާއި، ބައެއް ދަރިވަރުންނަށް އިންޓަނެޓުގެ ޙިދުމަތް ހޯދަން ދަތިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
އިންޓަނެޓުގެ މައްސަލަތަކާއި ހެދި ގިނަ ބަޔަކު ނުރުހުން ފާޅުކުރިތާ އެތައް ދުވަހެއް ފަހުން އިންޓަނެޓުގެ އަގުތަކަށް ބަދަލުތަކެއް މިވަނީ ގެނެސްފައެވެ.
މިއާއި އެކީ ދަރިވަރުންނަށް ފޯރުކޮށްދޭ އިންޓަނެޓުގެ ޑޭޓާގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އޫރިދޫ މޯލްޑިވްސްއާއި، ދިރާގާއި ވާހަކަ ދައްކަމުން ދިޔަތާ ގިނަ ދުވަސްތަކެއް ފަހުން މިހާރު އަގު ހެޔޮ ޕެކޭޖުތަކެއް ދެ އައިއެސްޕީއިންވެސް ވަނީ ތަޢާރަފްކޮށް ފޯރުކޮށްދީފައެވެ.
މި ހެޔޮ ބަދަލުތަކާއެކީ 30 މޭ 2021 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވަނީ، ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ލާނިން ޕްލެޓްޕޯމެއް މިނިސްޓްރީއިން ތައްޔާރު ކުރަމުންދާ ވާހަކައެވެ.
އަދި މި ޕްލެޓްފޯމުގެ މުހިންމު މަސައްކަތްތައް ނިމި، ޓެސްޓް ކުރެވެމުންދާ ވާހަކަވެސް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
މި ގެންނަ ބަދަލުތަކާއި އެކީ ކުރީގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ވަރަށް ގިނަ ބަޔަކު ދަނީ ޓްވިޓާގައި މިކަމާ ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.
މި ޕްލެޓްފޯމްގެ މަސައްކަތް ނިމެންދެން އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން ދަރިވަރުންނަށް ގޫގަލް ކްލާސްރޫމަށް ހިލޭ ވަދެވޭނެ ގޮތް ހަދައިދިނުން އެއީ ރަނގަޅު ގޮތެއްކަމުގައި ބައެއް މީހުން ދެކެއެވެ.
އަދި ބައެއް މީހުން މިކަމާއި ޚިޔާލު ތަފާތުކޮށް ދެކެނީ މޫޑަލްއާއި ޖިޓްސީ ކަހަލަ ހިލޭ ބޭނުންކުރެވޭ ސޮލިއުޝަނަކަށް ތަންދީ އައިއެސްޕީގެ ސާވާތަކުގައި ހޯސްޓްކޮށް މި ޚިދުމަތް ދަރިވަރުންނަށް ހިލޭ ފޯރުކޮށް ދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައެވެ.
މިހާރު އެންމެނަށްވެސް އެއް ކަމަކީ ދިވެހިރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދޭނަމަ މިކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ތާއިދު ބޮޑުކަމެވެ. އިންޓަނެޓުގެ ދަތިކަން ހުރި ކަމުގައި ވިޔަސް އެތަކެއް މުދައްރިސުން ގޫގަލް ކްލާސްރޫމަށް ތަމްރީނުކޮށް ދަރިވަރުންވެސް މިވަނީ އޮންލައިންކޮށް ކިޔެވުމަށް އަހުލުވެރިވެފައެވެ.
އެހެންކަމުން، ވިސްނޭ ގޮތުގައި ގޫގަލް ކްލާސްރޫމް ފަދަ ޕްލެޓްފޯމް ހުރިއިރުގައި މުޅިން އައު ލާނިން ޕްލެޓްފޯމެއް ތައްޔާރުކޮށް ދަރިވަރުންނާއި މުދައްރިސުން އަނެއްކާވެސް މިއަށް އަހުލުވެރިކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
މިހާރުވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖަކީ އެންމެ ފުރިހަމަ އެއްޗެއް ނޫންކަން ވަނީ ފާހަގަވެފައެވެ. އެސްއޭޕީގެ މުހިންމު ސްޓްރެޓެޖީއެއް ގޮތުގައި، ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތަމެޓިކްސް) އޭރިއާގެ މާއްދާތައް އެކުލަވާލައި، އިތުރަށް ރަނގަޅުކޮށް އަދި އިންޓަނޭޝަނަލް ސްޓޭންޑަޑްތަކެއް ހެދުމައް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ދެން ސުވާލު އުފެދެނީ މި ސްޓްރެޓެޖީ ހާސިލް ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން ކުރެވެނީ ކޮން މަސައްކަތްތަކެއް ތޯއެވެ.
މިފަދަ ޕޯޓަލްއެއް ފަރުމާ މިކުރެވެނީ ކުރިއަށް ރޭވިފައި ހުރި އެސްއޭޕީގެ ގޯލްތައް ހާސިލްވާނެ ގޮތައްތޯއެވެ. އަދި މިއީ އެސްއޭޕީގެ ޕޮލިސީ ފަހެއްގައި ބުނާ ގޮތައް ޑިޖިޓަލް ރެޑީ ވާކް ފޯސްއެއް އުފައްދައި ޤައުމުގައި ހިއުމަން ކެޕޭސިޓީ ރަނގަޅުކޮށް ކުރިއަށް އޮތް ޖީލުތަކަށް ބޭނުންވާނެ ފަދަ މަސައްކަތާއި ހުނަރު ދަރިވަރުން ގައިގައި އަށަގަނުވަން ކިހާ ވަރަކަށް މަސައްކަތް ކުރާނެ ކަމެއްބާވައެވެ.
ދަރިވަރުންނަށް މިހާރު އުނގަންނައިދެވޭ ޢިލްމާއި ހުނަރަކީ އެންމެ ފުރިހަމަ ތަކެއްޗައް ވާންޖެހެއެވެ. ދުނިޔެ ޓެކްނޮލޮޖީގެ ރޮނގުން ނުހަނު ބާރަށް ކުރިއަރަމުން ދާއިރު އަޅުގަނޑުމެން ދިވެހިދަރިން އެއްވެސް ހާލެއްގައި މާ ފަހަތުގައި ތިބުމަކީ ބަލައިގަންނަން ދަތި ކަމަކަށް ވާނެއެވެ.
އެހެން ކަމުން، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ފުރަތަމަ ފޫގަޅާލައި މަސައްކަތް ކުރަންވީ މިހާރު އުނގަންނައިދޭ ޤައުމީ މަންޚަޖު މުރާޖަޢާކޮށް ބަދަލުކުރުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި އުނގަންނައިދޭ ސްޓޭންޑަޑް ހިފެހެއްޓުމަށްޓަކައި މިކަންތަކަށް ބަދަލު ގެނެސް، މުދައްރިސުން ތަމްރީނުކޮށް، ސްކޫލްތަކަށް ބޭނުންވާ ތަކެތި ހޯދައި، އޮންލައިން ކޮންނާއި އަދި ހައިބްރިޑްކޮށްވެސް ދަރިވަރުންނަށް ކިޔަވަދޭން ތައްޔާރުވާންވީއެވެ.
މީގައި އިންޓަނެޓުގެ އެހީ ބޭނުންވާ ރަށްތަކަށާއި އަދި މާލޭގައި ކިޔަވާ ދަރިވަރުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައި ޑިޖިޓަލް ޑިވައިޑް ކުޑަކުރަން މަސައްކަތް ފަށަން މިހާރުވެސް މާ ލަސްވެއްޖެއެވެ.
އުއްމީދުކުރެވެނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން މިތައްޔާރު ކުރެވުނު ޕޯޓަލްއަކީ މިކަންތަކަށް ވިސްނައި ހެދިފައިވާ އެއްޗެއް ކަމުގައެވެ.
އަދި މިއީ އެއްވެސް ހާލެއްގައި ވަގުތީ ހައްލެއް ނޫންކަމުގައިވެސް އުއްމީދުކުރެވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.