ސީޑް ބައި ބީސީސީ، ސްޓަރޓްއަޕްތަކަށް އުފާވެރި ޚަބަރެއް

ހިންދު ޢަލީ 12 ޖުލައި 2021

މަސައްކަތެއް ފަށައިގަންނައިރު ރާއްޖޭގައި އެންމެ ދަތިކަމަކަށް ދިމާވާ އެއް ކަމަކީ މަސައްކަތަށް ހާއްސަ ކުރެވޭ ޖާގައިގެ ދަތިކަމެވެ. ކުލި އަގުބޮޑުވުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް މަސައްކަތް ކުރުމަށް ޙާއްސަ ކުރެވޭ އޮފީސް ޖާގަ ހޯދުމަކީ ދަތިކަމެކެވެ. އުފެއްދުންތަކާއި ޕްރޮޑަކްޓް ޚިޔާލުތަކާއި މެދު މަޝްވަރާކޮށް ވިޔަފާރީގެ ބައިވެރިންނާއި ބައްދަލުވެ މަސައްކަތް ކޮށްލުމަށް ރޭވެނީ އެކި ފަހަރު އެކި ގޮތްގޮތަށް އެކި ތަންނަނުންނެވެ. ބިޒްނަސް ސެންޓަރ ކޯޕްރޭޝަން (ބީސީސީ)ގެ ފަރާތުން މިހާރު މިއޮތީ މިކަމަށް ހައްލެއް ހޯދައިދީފައެވެ.

ސީޑް ބައި ބީސީސީގެ ނަމުގައި ކޯ-ވޯކިންގ ސްޕޭސް ރަސްމީކޮށް ހުޅުވާދެއްވީ 8 ޖުލައި 2021 ގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިބްރާހީމެވެ. 10 ޖުލައިގައި އާންމުކޮށް ހުޅުވާލެވުނު މި ކޯ-ވޯކިންގ ސްޕޭސްއަކީ މިފަދަ ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ލިބޭނޭ ހައްލެއްކަމަށް ބީސީސީގެ ފަރާތުން ވިދާޅުވިއެވެ. މިތަން ޑިޒައިން ކުރެވިފައިވަނީ އަލަށް ވިޔަފާރިއެއް ފަށަން ވިސްނާ ސްޓާރޓްއަޕްތަކާއި އަމިއްލަ ފަރާތްތަކަށް ބޭނުންވާނޭ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މިތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހައިސްޕީޑް އިންޓަރނެޓް ކަނެކްޝަނާއި އެކު އިތުރު ބައިވަރު ޚިދުމަތްތައް ލިބޭނޭކަމަށް ބީސީސީ އިން ބުނެއެވެ. ޓީވީ އަދި ވައިޑްބޯޑް ފަދަ ވަސީލަތްތައް ހިމެނޭ މީޓިންގ ރޫމްގެ ޚިދުމަތާއި ޕްރިންޓްކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާގައި ހުޅުވާފައިވާ ސީޑް ބައި ބީސީސީގައި 30 މީހުންނަށް އެއްފަހަރާއި މަސައްކަތް ކުރެވޭނެ ވަރުގެ ޖާގަ ހުންނާނެ ކަމަށް ބީސީސީއިން މަޢުލޫމާތު ދެއްވައެވެ. އެކަކު އެކަނި މަސައްކަތް ކުރާނެ ޑެޑިކޭޓެޑް ޑެސްކާއި ދެމީހަކު ވެގެން ޝެއަރކުރެވޭނެ ޓްވިން ޑެސްކާއި ޓީމެއް އެކުގައި ގޮސް މަސައްކަތް ކޮށްލެވޭނޭ އެކި ގިންތީގެ ޖާގަ މިތާގައި ހިމެނެއެވެ. އެކި ޖާގަ ކަނޑައެޅިފައިވަނީ އެކި ރޭޓަށެވެ. އެހެންނަމަވެސް ހުރިހާ ޖާގަތަކެއް ވެސް ހުންނާނީ ވަރަށް ކުޑަ އަގެއްގައި ކަމަށް ބީސީސީ އިން ޔަގީންކަން ދެއްވައެވެ. އަގުތަކުގެ ތަފްސީލް މިހާރު ވަނީ ސީޑް ބައި ބީސީސީގެ ސޯޝަލް މީޑިޔާ ޗެނަލްތަކުގައި އާންމުކޮށްފައެވެ.

މިތަނުން ޖާގަ ބުކްކުރުމަށް hello@seedbybcc.mv އަށް އީމެއިލް ފޮނުއްވުމަށް ސީޑުން ވިދާޅުވެއެވެ. ޖާގަ ހުސްނަމަ ބުކްކުރުމަކާއި ނުލާވެސް ދޫކުރެވޭނެއެވެ. ތަން ހުޅުވިފައި ހުންނާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހެދުނު 8:30 އިން ރޭގަނޑު 10:00 ޖަހަންދެނެވެ. ހުކުރު ދުވަހު ވެސް މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ހުންނާނީ ހުޅުވިފައެވެ.

މިއީ އަލަށް ވިޔަފާރި ފަށާ ސްޓާރޓްއަޕްތަކަށް ވަރަށް ބޮޑު ފަސޭހައެވެ. ޓީމު އެކުގައި އައިސް މަޝްވަރާތައްކޮށް ޚިޔާލު ނުވަތަ ޕްރޮޑަކްޓެއް ތަރައްގީކުރުމަށް ލިބޭނޭ އެހީތެރިކަމެކެވެ. އޮފީސް ޖާގައެއްގައި ލިބޭނޭ ހުރިހާ ޚިދުމަތްތަކެއްގެ އިތުރުން، މިތަނުން ކެފޭއެއްގެ ޚިދުމަތްތައްވެސް ލިބެއެވެ. އަދި ކެފޭއަށް ނުގޮސްވެސް މަސައްކަތް ކުރާ ސަރަހައްދުގައި ތިބެގެން ކޮފީ ތައްޔާރުކުރެވޭނޭ ކޮފީ މެޝިނާއި ތައްޔާރީ ކާނާ ލިބޭނޭ ވެންޑިންގ މެޝިނުވެސް ހިމެނެއެވެ.

ބީސީސީ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ކޯޕަރޭޝަންއެކެވެ. ބީސީސީ ހިންގަނީ ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީ ލިބިގެންނެވެ. އަދި ސީޑް ހިންގުމުގައި ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ބައިވެރިވަނީ ދިރާގެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.