ގަރލްސް ޓު ކޯޑްގެ 3 ވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުށިން

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް، "ގަރލްސް ޓު ކޯޑް" ގެ ތިންވަނަ ޕްރޮގްރާމް ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. މިޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެވެ. އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މިޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ.

ގަރލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި މިޕްރޮގްރާމަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު މިސީރީސްގެ 2 ވަނަ ޕްރޮގްރާމް ވަނީ ގދ.ތިނަދޫގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށިން މިޕްރޮގްރާމުގައި ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021 މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޯގަސްޓް 2021 ގެ ނިޔަލަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.