މުދައްރިސުންނަކީ އަބަދުވެސް ތަފާތު އެތަކެއް ގޮންޖެހުން ތަކާއި ކުރިމަތިލާންޖެހޭ ބަޔެކެވެ. ކޮވިޑް 19 އާއި އެކު ކުރިމަތިވި އާލަމީ ވާބާއާއި ގުޅިގެން މުދައްރިސުންނަށާއި ދަރިވަރުންނަށް އަދި މުޅި ތައުލީމީ ނިޒާމަށް ކުރިމަތިލާން ޖެހުނީ ވަރަށް ތަފާތު ތަޖްރިބާތަކެކެވެ. ދުރުންދޭ ތައުލީމާއި، ޑިޖިޓަލް ތައުލީމުގެ މައްޗަށް ބިނާވެފައިވާ އައު އާއްމު ހާލަތެކެވެ. ޒޫމް ކްލާސްރޫމް ތަކުގެ ހަލަބޮލި މައުހައުލުގެ ތެރޭގައި ދަރިވަރުންގެ ހައްގުތަކަށް އުނިކަމެއް ލިބިނުދިނުމަށް މުދައްރިސުންނަށް މަޖްބޫރުވީ އައުކަންތައްތަކެއް ދަސްކުރުމަށެވެ. އެޑިއުޓެކް އަށް އަހުލުވެރިވުމަށެވެ. ގިނަ ދަރިވަރުންނަށް މާ ފަރިތަ ޓެކްނޮލޮޖީ މައުހައުލެއްގައި ޔަގީންކަމާއި އެކު ޓެކްނޮލޮޖީއަށް އަހުލުވެރިވާން މުދައްރިސުންނަށް ޖެހުނެވެ. މި އައު ޒަމާނަށް އެކުދިން ކިތަންމެ އަހުލުވެރިވި ނަމަވެސް މުދައްރިސުންގެ އެހީތެރިކަމަށް ބޭނުން ޖެހިފައިވެއެވެ.
އުގަންނައިދިނުމުގެ ނިޒާމަށް އައި ކުއްލި ބަދަލާއި އެކު، މުދައްރިސުން ވާންޖެހުނީ ދަރިވަރުންނަށެވެ. ރަނގަޅު މުދައްރިސުންނަކީ އަބަދުވެސް އައު ކަންކަން އުގެނި ދަސްކުރަން ގަޔާވާ ބަޔެކެވެ. އެހެން ނަމަވެސް ކޮވިޑް19 އާއި އެކު މާހަލުވި ކަމާއިއެކު ގިނަ ކަންތައްތަކެއް އުގެނި އަހުލުވެރިވުމަށް މުދައްރިސުންނަށް މަޖުބޫރުވިއެވެ.
ކާރިސާ އާއި އެކު މުޅިން އައު ފުރުސަތުތަކެއް ހުޅިވިގެން ގޮއްސިއެވެ. އުގަންނައިދިނުމަށް އައު އުކުޅުތަކާއި ގޮތްތަކެއް ހޯދުމަށް އަވަސްވެގަންނަން މުދައްރިސުންނަށް ޖެހުނެވެ. ދުވަހަކުވެސް ނެތް މިންވަރަކަށް ކްލާސްތަކުގައި ޓެކްނޮލޮޖީއަށް ބަރޯސާވާންޖެހުން އިތުރުވުމުގެ ސަބަބުން އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ކުރިޔާއި ހިލާފަށް ދަރިވަރުންނަށް މާބޮޑަށްވެސް އަމިއްލަވަންތަ ގޮތަކަށް ކިޔަވައިދޭން ޖެހުނެވެ. އެކަން ކުރަން ޖެހުނީ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ދުރުގައި ތިބެގެނެވެ. ޓެކްނޮލޮޖީއަށް ބަރޯސާވަ ދިރާސީ ނިޒާމުގައި އެޑެޕްޓިވް ލާނިންގް އިޙްތިޔާރު ކުރަން ޖެހުނެވެ.
ޓެކްނޮލޮޖީ އާއި އެކު ދިރާސީ ތައުލީމުގެ ނިޒާމުގެ ތެރޭގައި އުފެދިގެން އައި ގޮންޖެހުންތައް ގިނަ ނަމަވެސް މި ބަދަލާއި އެކު އުފެދިގެންދާ ފުރުސަތުތައްވެސް ނުހަނުގިނައެވެ. ދިރާސީތައުލީމުގެ ތެރެއަށް ޓެކްނޮލޮޖީ އިތުރުވަމުން އައި ދުވެލި ވަރަށް މަޑުޖެހިފައިވަނިކޮށް ކޮވީޑް19 އާއި އެކު މަޖްބޫރީ ފުރުސަތުތަކެއްގެ ތެރެއިން ޓެކްނޮލޮޖީ އާއި ވަރަށް ބީރައްޓެހި ދާއިރާއެއްނަމަވެސް ވަރަށް ހަލުވި ކުރިއެރުންތައް ލިބި ގިނަ ޓީޗަރުން އެޑިއުޓެކް ގެ ތަފާތު މަންސަތަކަށް އަހުލުވެރިވެ އެތަކެއް ޒަމާނީ ތައުލީމީ އުކުޅުތައް ދަސްކޮށް ސަނަދު ހާސިލް ކޮށްފައި ވެއެވެ.
ޒަމާނީ ވަޒީފާގެ ބާޒާރަށް މުހިންމު އެތަކެއް އުކުޅުތަކެއް މިހާރު ދަރިވަރުންގެ މަންހަޖްތަކުގައި ހިމެނިގެން ދިއުމާއި އެކު އެކުދިން ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ މިންވަރު އިތުރުވެގެން ގޮއްސިއެވެ. މި ޒަމާނުގައި މުހިންމު ވެފައި ވަނީ އަހަރުމެންގެ އަމިއްލަވަންތަ ހުނަރާއި ގާބިލްކަން ދެނެގަނެ، ތަރައްގީ އާއި އުފެއްދުންތެރި ކަމުގެ ތެރެއިން މެޝިންގެ އެހީގައި ކްރިއޭޓިވް އުފެއްދުންތަކެއް ވުޖޫދުކުރުމަށެވެ. ގިނަ ދާއިރާތައް ތިބީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި ފާހަގަކުރި ފަދަ ޓެކްނޮލޮޖީގެ ބިނާކުރަނިވި ކުރިއެރުމަކަށް އަމާޒު ހިފާފައެވެ. މި ފުރުސަތުގައި ތައުލީމީ ނިޒާމަށް މިއައި ހަލުވި ބަދަލަކީ އިސްވެ ބުނެވުނު އަމާޒަށް ވާސިލްވުން އަވަސްކޮށްދޭނެ ކަމެއްކަން ޔަގީނެވެ. އެދަރިވަރުން ބޮޑެތިވެ ކޮންމެ ދާއިރާއަކުން ކުރިޔަށް ދިއުމަަށް ގަސްތުކުރިނަމަވެސް އެކުދިންނަށް ކާމިޔާބު ޔަގީނެވެ. ހަމަ ގައިމުވެސް އެއީ މުދައްރިސުންގެވެސް ކާމިޔާބީ އެވެ.
ކޯވިޑްގެ ކުރިންވެސް މުދައްރިސުންގެ ޒިންމާ ނުހަނު ބޮޑެވެ. ކޯވިޑް އާއި އެކު ލިބިގެން މިދިޔައީ އެޒިންމާތައް އަދާކުރުމަށް އިތުރު އާލާތްތަކެކެވެ. އެކަމުގެ ފައިދާ ލިބިގެންދަނީ ދަރިވަރުންގެ މުސްތަގުބަލަށެވެ.
ކޮވިޑް19 ގެ ދުވަސްވަރު ކިޔަވައިދިނުމަށް ދަސްކުރުމަކީ ތުރާލެއްކަމުގައި ދެކުނު މުދައްރިސުން މަދުވާނެކަން ޔަގީނެވެ. ތައުލީމީ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ކޮންމެ މުދައްރިސެއްގެ ބައިވެރިވުން އެބަ އޮތެވެ. ޓެކްނޮލޮޖީ އަދި ހާއްސަކޮށް އެޑިއުޓެކް އާއި ނުހަނު ބީރައްޓެހި އެތަކެއް މުދައްރިސުން މިހާރު ވަނީ މި ހެޔޮ ޒަމާނީ ބަދަލަށް މަރުހަބާ ކިޔާފައެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ތައުލީމީ ދާއިރާއަށް އަދިވެސް ހަލުވި އަދި ބޮޑެތި ބަދަލުތައް ފެނިގެންދާނެ ކަން ޔަގީނެވެ. މިޖީލުގެ އެދުރުންނަކީ ހަމަގައިމުވެސް މި ބަދަލުގެ މޭސްތިރިން ކަން ޔަގީނެވެ. ޕެންޑަމިކް ގައި ދަސްވި ކަންކަމާއި އާދަތަކަށް ހިތުންރުހި މުސްތަގްބަލާއި ހަމައަށް ވާސިލް ކުރުމުގެ ޒިންމާވެސް ހަމަ މި އޮތީ މިޖީލުގެ އެދުރުންގެ އަތްމަތީއެވެ.
އިތުރަށް ކިޔާލުމަށް:
މައިންކުރާފްޓް އެޑިއުކޭޝަން: ގޭމްގެ އެހީގައި ދަސްކުރުން
އޮންލައިން ލަރނިންގ އިން ދަސްވީ ކޮން ފިލާވަޅުތަކެއް؟
ޒަމާނީ ކުލާސްތަކަށް ދަރިވަރުންގެ ޓެކްނޮލޮޖީ ރައްކާތެރިކުރުން
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި