ޒަމާނީ ކުލާސްތަކަށް ދަރިވަރުންގެ ޓެކްނޮލޮޖީ ރައްކާތެރިކުރުން

ޝުޖާޢަތު ރަޝީދު 01 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގިނަވައްތަރެއްގެ ޓެކްނޮލޮޖީ އުފަންވެ، ދަރިވަރުންނަށް ހާއްސަކުރެވިފައިވާ ތަކެތިވެސް މިހާރު މިވަނީ ގިނަވެފައެވެ. ހާއްސަކޮށް ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ތަކެއްޗާއި ޓެކްނޮލޮޖީ ރައްޓެހިވެ ދަރިވަރުންްނަށް އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރުވަނީ އިތުރުވެފައެވެ.

އެންމެ ފުރަތަމަ ޓެކްނޮލޮޖީ ކްލާސްރޫމްތަކަށް އައިގޮތަށް ބަލާއިރު ގިނަ ބެލެނިވެރިންނަށްވެސް ފާހަގަކުރެވޭނީ، ހަމައެކަނި އޯވާހެޑް ޕްރޮޖެކްޓަރު އަދި ކޮމްޕިއުޓަރ ކްލާސްރޫމްތަކެވެ.

މިހާރު ކްލާސްރޫމުގައި ކޮންމެ މުދައްރިސެއްވެސް ސްކޫލްއިން ދީފައިވާ ލެޕްޓޮޕްތައް ބޭނުންކޮށް އަދި ކޮންމެ ދަރިވަރަކަށް ޓެބްލެޓްވެސް މިވަނީ ހަވާލުކުރެވިފައެވެ. ދަރިވަރުންގެ ހޯމްވާކް ޓްރެކް ކުރުމަށާއި އަދި އިތުރަށް ހަވާލުކުރާ މަސައްކަތް މުދައްރިސާއި ހިއްސާކުރުމަށްވެސް މިހާރު ޓެކްނޮލޮޖީގެ އެހީ ބޭނުންވެއެވެ. މިއީ ކްލާސްރޫމުން ބޭރުގައިވެސް ޓެކްނޮލޮޖީއާއި ދަރިވަރުން ރައްޓެހިވެފައިވާ މިންވަރެވެ.

ޑިޖިޓަލް ލާނިންއަށް ސަޕޯޓު ލިބޭ މިންވަރު އިތުރުވެއްޖެ

ރައްކާތެރިކަމާއިއެކު ކްލާސްރޫމްގައި ޓެކް ބޭނުންކުރެވިދާނެ ގޮތްތައް

އެންމެ ރައްކާތެރި ގޮތްތަކެއް ނެތްކަމުގައިވިޔަސް ކްލާސްރޫމުގައި ޓެކް ބޭނުންކުރުމުގައި ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކޮންމެ ބެލެނިވެރިއެއްވެސް ފެމިލީ އެޑިއުކޭޝަނަލް ރައިޓްސް އެންޑް ޕްރައިވެސީ އެކްޓް، ޗިލްޑްރެންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް 1998 ބަލާލަންޖެހެއެވެ. ކޮންމެ ސްކޫލެއްގައިވެސް ބޭނުންކުރާ ކްލާސްރޫމް ޓެކްނޮލޮޖީ އަކީ ކޮބައިކަން ރަނގަޅަށް ދެނެގަނެ ދަރިވަރުން އޮންލައިން މާހައުލެއްގައި ރައްކާތެރިކުރާނެ ގޮތްތަކެއް ބަލަންޖެހެއެވެ.

އަދި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދަރިވަރުން ބޭނުންކުރާ ޓެބްލެޓާއި ލެޕްޓޮޕް ނުވަތަ އެހެނިހެން ޑިވައިސްތައް ބަލަންޖެހެއެވެ.

އެންމެ ގިނައިން ދަރިވަރުން ބޭނުންކުރާ ޑިވައިސްތަށް ފަސް ކެޓަގަރީއަކަށް ބެހިގެންދެއެވެ. މީގެ ތެރޭގައި ހިމެނެނީ:

1. ލެޕްޓޮޕް، ޓެބްލެޓާއި ސްމާޓްފޯނު

އެޑިއުކޭޝަން ސުޕާހައިވޭއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި 87 އިންސައްތަ މުދައްރިސުން ބުނާގޮތުގައި އެމީހުން ކްލާސްރޫމުގައި ޑިޖިޓަލް ލާނިން އެތައް ފަހަރެއްގެ މަތިން ކޮންމެ ހަފްތާއަކު ބޭނުންކުރެއެވެ.

މިކުރާ ޑިޖިޓަލް ލާނިންތަކުގައި ގިނައިން ބޭނުންކުރެވެނީ ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯނެވެ. ދިވެހިރާއްޖެއަށް ބެލިކަމުގައިވާނަމަ މަދުންނަމަވެސް ލެޕްޓޮޕާއި ޓެބްލެޓް މިހާރު ކްލާސްރޫމް ލާނިންގައި ބޭނުންކުރެވެއެވެ.

ސްކޫލްއިން ދީފައިވާ ޑިވައިސްތައްނަމަ ބަލަންވީ ކަމަކީ ސްކޫލުން އެއްވެސް ކަހަލަ ސެކިއުރިޓީ ޕޮލިސީއެއް ބޭނުންކޮށްގެން ދެވިފައިވާ ޑިވައިސްތަކެއްތޯއެވެ. އަދި މީގެ އިތުރަށް އަހާލަން ރަނގަޅު ސުވާލުތަކެއްވެސް ވެއެވެ:

- ކްލާސްރޫމުގައި ދަރިވަރުގެ ސްކްރީންޓައިމް ދީފައިވަނީ ކިހާވަރަކަށްތޯ؟

- ދަރިވަރު ސްކޫލުގައި އުޅޭ ވަގުތުގައި ޓެބްލެޓްފަދަ ޑިވައިސްތައް ބޭނުންކޮށްގެން އިންޓަނެޓަށް ވަދެވޭތޯ؟ ވަންނަ ނަމަ އިންޓަނެޓުގެ ޒަރިއްޔާއިން ދަރިވަރު މުޢާމަލާތްކުރަނީ ކޮންބަޔަކާތޯއެވެ؟

- މި ޑިވައިސްތަކަކީ ދަރިވަރުންނަށް ގެއަށް ގެނެވޭ ތަކެތިތޯއެވެ.

2. ލާނިން މެނޭޖްމަންޓް ސިސްޓަމްތައް

އެލް.އެމް.އެސް ނުވަތަ ލާނިން މެނޭޖްމަންޓް ސިސްޓަމަކީ ދަރިވަރުން ކްލާސްރޫމުގައި ބޭނުންކުރާ އެއް ސިސްޓަމްކަމުގައި ބެލެވިދާނެއެވެ. ގިނަވަގުތުގައި މިފަދަ ސިސްޓަމެއް ބޭނުންކުރާނީ މުދައްރިސު ދޭ ފިލާވަޅު ބަލައި، ޑައުންލޯޑްކޮށް މުދައްރިސާއި މުޢާމަލާތްކުރުމަށެވެ.

މުދައްރިސުން ދަރިވަރުންގެ މަސައްކަތް ގްރޭޑްކޮށް ދެއްކުމަށްވެސް މިފަދަ ސިސްޓަމްތައް ބޭނުންކުރެއެވެ.

މިފަދަ ސިސްޓަމްތަކަކީ ގިނަފަހަރަށް ވަރަށް ރައްކާތެރި ތަކެތި ކަމުގައި ބެލިދާނެއެވެ. ގިނަ ސިސްޓަމްތަކުގައި އިންޓަނެޓް އެޑްސް ނާރުވައި ވަރަށް ރައްކާތެރިކޮށް ގެންގުޅެވެއެވެ.

ނަމަވެސް ގޫގަލް ކްލާސްރޫމް ޕްލެޓްފޯމުގައި މެސެޖް ބޯޑްފަދަ ތަކެތި އެއީ މުދައްރިސުންނަށް އަބަދު ބަލައި ހެދޭ ތަކެތި ކަމުގައި ނުވެދާނެއެވެ. އެހެންކަމުން ނޭދެވޭ ބަހުރުވަ ބޭނުންކޮށްގެން ދަރިވަރުން އެހެން ދަރިވަރުންނަށް ކޮށްފާނެ ކޮމެންޓުތައް ކަހަލަ ތަކެތި ހުރެދާނެއެވެ.

އެންމެ ގިނައިން ބޭނުންކުރެވޭ ލާނިން މެނޭޖްމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނެނީ - ކެންވަސް، ސްކޫލޮޖީ، ކްލާސްކްރާފްޓް، ގޫގަލް ކްލާސްރޫމް، ކްލެވާ، މޫޑަލް އެވެ.

3. އީމެއިލް

މަދުންނަމަވެސް ދަރިވަރުން ސްކޫލުގައި އަމިއްލަ އީމެއިލް މެދުވެރިކޮށް މުދައްރިސާއި އެހެނިހެން ދަރިވަރުންނާއި މުޢާމަލާތްތައް ކުރިއަށް ގެންދިއުން އެކަށީގެންވެއެވެ. އެންމެ މުހިންމު ކަމަކީ ދަރިވަރުންނަށް އޮންލައިންކޮށް މުޢާމަލާތް ބަހައްޓާނެ ގޮތް ދަސްކޮށްދީ، ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ އީމެއިލްތަކަށް ކުލިކު ނުކުރަން ދަސްކޮށްދިނުމެވެ.

އީމެއިލް އެކައުންޓުގެ ޕާސްވޯޑަކީ އެހެން މީހުންނާއި ހިއްސާކޮށްގެން ނުވާނެ އެއްޗެއްކަން އަބަދުވެސް ހަދާންކޮށްދޭންޖެހެއެވެ. އޮންލައިންކޮށް އަމިއްލަ ޒާތީ މަޢުލޫމާތު ނޭގޭ މީހުންނާއި ހިއްސާ ކުރުމަކީ އެންމެ ރައްކާތެރި ގޮތްނޫންކަންވެސް ކިޔާދޭންޖެހެއެވެ.

އީމެއިލް މެދުވެރިކޮށް އިންބޮކްސްއަށް ލިބޭ އެއްވެސް އެއްޗަކަށް ބަލާނުލައި ކުލިކު ކުރުމަކީ ބައެއް ފަހަރު އޮންލައިން ސްކޭމް / ފިޝިން އީމެއިލެއްގައި ޖެހުން ފަދަ ކަމަކަށްވުންވެސް އެކަށީގެންވެއެވެ.

ރައްކާތެރިގޮތެއް ކަމުގައި ކުރެވިދާނެ އެއްކަމަކީ ދަރިވަރުންގެ އީމެއިލް އެކައުންޓުތައް ބެލެނިވެރިއާއަށް ބެލޭގޮތަށް ހަދައި ކުޑަކުދިންގެ އީމެއިލްއަކީ ކުޑަކުއްޖަކަށް އެކަށީގެންވާ ގޮތައް ހެދިފައިވާ އީމެއިލެއް ކަމުގައި ހެދުމެވެ. އަދި ކުޑަކުދިންނަށް ނުވަތަ ކިޔަވާކުދިންނަށް ހާއްސަކޮށް ހެދިފައިވާ އީމެއިލް ޚިދުމަތެއް ބޭނުންކުރުމެވެ.

4. ވީޑިއޯ، ކޮލަބޮރޭޝަންއާއި ސޯޝަލް ލާނިން

ކިޔަވައިދިނުން ފަރުމާކޮށްފައިވަނީ 100 އިންސައްތަ އޮންލައިންކޮށް، ނުވަތަ 100 އިންސައްތަ ޑިސްޓެންޓް ލާނިން އާއި ދެވައްތަރު އެއްކޮށްގެން ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް ވީޑިއޯ ކޮންފަރަންސް ކުރުން މިހާރު އުނގަންނައިދިނުމުގައި ބޭނުންކުރުން މިހާރު މިވަނީ ފަށާފައެވެ.

ޒޫމް، ގޫގަލް ހޭންގައުޓް، މައިކްރޮސޮފްޓް ޓީމްސް ފަދަ ޕްލެޓްފޯމްތައް މިހާރު ގިނަ ސްކޫލްތަކުގައި ދިވެހިރާއްޖޭގައިވެސް ބޭނުންކުރެއެވެ.

ކިތަންމެ ވަރުގަދަ ޕާސްވޯޑެއް ޖަހައި ޒޫމް ފަދަ އެކައުންޓުތައް ބެހެއްޓިކަމުގައިވިއަސް މިހާރުވެސް ބޭނުންކުރާ ގިނަބައެއްގެ ޝަކުވާތަކެއް އެބަހުއްޓެވެ.

މި އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންގެ ވަނަވަރު، އުޅޭތަން ފަދަ ޒާތީ މަޢުލޫމާތު އެހެން މީހުންނަށް އެނގިގެންދެއެވެ. އަދި މިފަދަ ވީޑިއޯ ޕްލެޓްފޯމްތައް ދަރިވަރުން ބޭނުންކުރާއިރު ބަހުރުވަ ހުންނަ ގޮތް، އަމަލު ހުންނަ ގޮތް ބެލުމަކީ މުހިންމު ކަމެކެވެ.

5. ގޭމް

މިހާރު ޓެކްނޮލޮޖީގެ އެހީގައި ކްލާސްރޫމްގައި ބޭނުންކުރެވިދާނެ ގިނަ ގޭމްތަކެއް ދަނީ ހުރިހާ އުމުރު ފުރައަކުންވެސް ބޭނުންކުރަމުންނެވެ. އިންޓަރެކްޓިވް ސޮފްޓްވެއާ ޕްރޮގްރާމްތަކުގެ އެހީގައި މުދައްރިސުން ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދެއެވެ. ގިމްކިޓް، ކަހޫޓް އަދި މައިންކުރާފްޓް އެޑިއުކޭޝަން ފަދަ ގޭމްތަކަކީ ކްލާސްރޫމްތަކުގައި އައު އެއްޗަކަށް ނުވާނެއެވެ. އެހެންކަމުން މިއީވެސް ބެލެނިވެރިންނަށް އެނގިފައި އޮތުން މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.

އެންމެ މުހިންމު ކަމަކީ ޓެކްނޮލޮޖީ ބޭނުންކުރިކަމުގައިވިޔަސް، ދަރިވަރުން ބޭނުންކުރާ ތަކެތި ބަލައި، އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުމެވެ. މިއާއިއެކީ އަބަދުވެސް މުދައްރިސުންނާއި ވާހަކަދައްކައި، ކްލާސްރޫމްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީތަކަކީ ކޮބައިކަން ދަސްކުރުމެވެ. ދަރިވަރުންނަށް އަންގައިދޭންވީ އޮންލައިންކޮށް އުޅެންވީ ރައްކާތެރި ގޮތްތަކެވެ.

ގޭގައިވެސް ބޭނުންކުރާ ލެޕްޓޮޕް، ޓެބްލެޓް ފަދަ ތަކެއްޗަކީ އިސްކްރީން ވަގުތެއް ލެވިފައި ދަރިވަރުގެ އުމުރާ ގުޅޭގޮތައް ފަރުމާކުރެވިފައިވާ ތަކެތިތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިހާރު މިފަދަ ކަންތައްތައް ބެލުމަށްޓަކައި ބެލެނިވެރިއާގެ އަމިއްލަ ފޯނަށް އަޅާލެވޭފަދަ ޕޭރަންޓަލް ކޮންޓްރޯލް މޮބައިލް އެޕްލިކޭޝަންތައްވެސް އެބަހުއްޓެވެ.

އިތުރަށް ކިޔާލުމަށް:

ކިޔަވާކުދިންނަށް އެންމެ ރަނގަޅު ލެޕްޓޮޕްތައް

އެޖް ބްރައުސާއަށް ކުޑަކުދިންނަށް ޙާއްސަ މޯޑެއް

ރައްކާތެރިގޮތުގައި ޓެކްނޮލޮޖީގެ ބޭނުންހިފުން

ދިވެހި ދަރިވަރުން ކިޔެވުމަށް އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކުރަނީ

ކުޑަކުދިންގެ މެދުގައި އެންމެ މަޤުބޫލް އެޕްލިކޭޝަންތައް

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.