އޯޕަންސީ ޕްލެޓްފޯމަށް ފިޝިންގ ހަމަލާއެއްދީފި

ހިންދު ޢަލީ 21 ފެބްރުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޯޕަންސީއިން ހާމަކޮށްފައިވާގޮތުގައި އެކުންފުނީގެ ނޮން-ފަންޖިބްލް ޓޯކަންސް (އެންއެފްޓީ) ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް ހިންގި ފިޝިންގ ސްކޭމެއްގެ މައްސަލަ ދަނީ ބަލަމުންނެވެ. އޯޕަންސީގެ ކޯފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ޑެވިން ފިންޒަރ ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނާގޮތުން މިއީ އޯޕަންސީ ވެބްސައިޓްގެ ހެކެއް ނޫނެވެ. އެހެން ނަމަވެސް އެޕްލެޓްފޯމް ބޭނުންކުރާ ބައެއް ފަރާތްތަކަށް އަމާޒުކޮށް ކޮށްފައިވާ ފިޝިންގ އެޓޭކްއެކެވެ. މިދިޔަ ހޮނިހިރު ދުވަހު، އޭނާ ކޮށްފައިވާ ޓްވީޓްގައި ހާމަކޮށްފައިވާ ގޮތުގައި މިޕިޝިންގ މެއިލްއަށް އިޖާބަދިނީ 32 ޔޫޒަރުންނެވެ. އޮޅުވާލައިގެން ދިން މިހަމަލާގައި މި ފަރާތްތަކުގެ ބައެއް އެންއެފްޓީތައް ވަނީ ވަގަށް ނަގާފައެވެ.

މިއާއެކު މިއެޓޭކާއި ދިމާކޮށް 200 މިލިއަން ޑޮލަރުން އަގުކުރެވޭނެ އެންއެފްޓީ ނަގާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ވާހަކަ އޭނާ ދޮގުކުރިއެވެ. ފިންޒަރ ބުނެފައިވާ ގޮތުގައި ވަގަށް ނަގާފައިވާ ބައެއް އެންއެފްޓީތައް ވިއްކައިގެން ހަމަލާދިން މީހާގެ ވޮލެޓުގައި 1.7 މިލިއަން ޑޮލަރުގެ އެތީރިއަމް ހުރިކަމަށެވެ. ފިންޒަރ ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ އެ ކުންފުނިން ދަނީ މި ހާދިސާ އާއި ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ކުރަމުން ކަމަށެވެ.

ޕިޝިންގ އީމެއިލް


އެންއެފްޓީއަކީ ވަރަށް ތިލަކޮށް ބުނާނަމަ މީހެއްގެ މިލްކުރެވިކަމުގައި އޮންނަ އެސެޓެއް ސައްހަކަމަށް ދަލީލުކޮށްދޭ ޑިޖިޓަލް ޓޯކަންއެކެވެ. އެންއެފްޓީއަކުން ރަމްޒުކޮށްދެނީ އެއެސެޓެއްގެ ސައްހަކަމެވެ. އެއީ މިސާލަކަށް އާންމުކޮށް މީހަކު އަގުހުރި އެއްޗެއް ގަތުމުން ލިބޭ ސެޓިފިކެޓް އޮފް އޯތެންޓިސިޓީ ފަދަ ޑިޖިޓަލް ޓޯކަންއެކެވެ. އާންމުކޮށް އެންއެފްޓީ ރަމްޒުކުރަނީ ޑިޖިޓަލް މުދަލެވެ. އެހެން ޏަމަވެސް ފިޒިކަލް މުދަލަށްވެސް މިފަދަ ޓޯކަން ދީފައި ހުރެއެވެ. އެންއެފްޓީ އަކީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށް ބިނާކުރެވޭ ޓޯކެންއެކެވެ.

އަގުބޮޑު ތަސްވީރުތަކުން ފެށިގެން، މަދުންނޫނީ ނުލިބޭނެފަދަ ކުރެހުމާއި، ސެލެބްރިޓީއިންގެ އޮޓޯގްރާފާއި، ޓްވީޓްތައް ފަދަ ތަފާތު އެކި ވައްތަރުގެ ޑިޖިޓަލް އައިޓަމް ރަމްޒުކުރާ އެންއެފްޓީ ހުރެއެވެ.

އޯޕަންސީއަކީ 13 ބިލިއަނަށް ޑޮލަރަށް ވުރެ އަގުހުރި ކުންފުންޏެކެވެ. މިޕްލެޓްފޯމަކީ ދުނިޔޭގެ އެންމެ ބޮޑު އެންއެފްޓީ މާކެޓްޕްލޭސްއެވެ.

އެކުންފުނިން ބުނާގޮތުގައި އޯޕަންސީ ޕްލެޓްފޯމްގައި މިލިއަނަކަށްވުރެ ގިނަ ޔޫސަރ ވޮލެޓް ހިމެނެއެވެ. ބްލޮކްޗެއިން ޓްރެކްކުރާ ޕްލެޓްފޯމް ޑެޕްރާޑާއިން ދައްކާގޮތުގައި މިހާތަނަށް އޯޕަންސީ ޕްލެޓްފޯމުން 21.8 ބިލިއަން ޑޮލަރުގެ ވިޔަފާރި ހިންގާފައިވެއެވެ. މިއީ ދެވަނައަށް އެންމެ ބޮޑު އެންއެފްޓީ ޕްލެޓްފޯމް ކަމަށްވާ ލުކްސްރެއަރ އަށް ވުރެ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އޯޕަންސީގައި ހިނގި މިހާދިސާއިން ރަމްޒުކޮށްދެނީ ކްރިޕްޓޯ ކުށްތަކުގެ ރާޅު ބޮޑުވަމުން އަންނަކަމެވެ. ފެބްރުއަރީ މަހުގެ ކުރީކޮޅު ޗެއިންލިސިސް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން 2021 ވަނަ އަހަރު އެކަނިވެސް، ނުގަވައިދުން އުފައްދާފައިވާ ވޮލެޓުތަކަށް 11 ބިލިއަން ޑޮލަރަށްވުރެ ގިނައިން އަގުކުރެވޭ ކްރިޕްޓޯކަރަންސީ ޖަމާވެފައިވެއެވެ.

ސައިބަރ ސްޕޭސްގައި ހަރަކާތްތެރިވާ ކުށްވެރިން އެންމެ އާންމުކޮށް ކްރިޕްޓޯކަރަންސީ ވަގަށްނެގުމަށް ބޭނުންކުރާ ގޮތަކީ ފިޝިންގ އެޓޭކްތަކެވެ. ޗެއިންލިސިސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އެންއެފްޓީ "ރަގްޕުލް"ގެ އަދަދުވެސް މިދިޔަ އަހަރުގެ ތެރޭގައި މައްޗަށް ޖެހިލާފައިވާ ވެއެވެ. ރަގްޕުލް އަކީ ކްރިޕްޓޯކަރަންސީ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ޑިވެލޮޕަރުން އޭގެ ހައިޕް އުފައްދާ އަގުމަތިކޮށް ވަކި ހިސާބަކުން އިންވެސްޓަރުންގެ ފައިސާ ހިފައިގެން ފިލާ ހާދިސާތަކަށް ކިޔާނަމެކެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.