ގޫގަލް އެކައުންޓު ހުރިހާ ހިދުމަތަކަށް ބޭނުންކުރަން ފެނޭތަ؟

ޝުޖާޢަތު ރަޝީދު 25 އޯގަސްޓު 2022

ގޫގަލްއިން އެތަކެއް ހިދުމަތްތަކެއް ހަދާފައިވާއިރު، އެ ހުރިހާ ހިދުމަތެއް އެއް އެކައުންޓެއް މެދުވެރިކޮށް ލިބޭގޮތްވެސް ވަނީ ހަދާފައެވެ.

ޔޫޓިއުބް، ގޫގަލް ސާޗް، ގޫގަލް މެޕްސްގެ ފިޔަވާ އެހެނިހެން ހިދުމަތްތައް ބޭނުން ކުރާނަމަ ގޫގަލް އެކައުންޓެއް ކޮންމެހެންވެސް ބޭނުންވެއެވެ.

ގޫގަލްގެ ހުރިހާ ހިދުމަތެއް ބޭނުންކުރާނަމަ އެއް އެކައުންޓެއްގެ ދަށުން މި ހިދުމަތްތައް ލިބިގަތުމަކީ ކޮންމެ މީހަކަށްވެސް ފަސޭހަ ކަމަކަށް މިވަނީ ވެފައެވެ.

އެހެންނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީ އެހާ ރައްކާތެރި ކަމެއް ނޫނެވެ. މިއީ އެކައުންޓަށް ނުވަދެވި ނުވަތަ ގޫގަލްގެ ހިދުމަތްތަކަށް މެދުކެނޑުމެއް އައިސްދާނެ ކަމުގެ ބިރު ހީވާ ފަހަރުތަކުގައެވެ.

މިފަދަ ކަމެއް ދިމާވެއްޖެނަމަ، ފޮޓޯ، ފޯނު ނަމްބަރުތައް، މުހިންމު ލިޔެކިއުންތަކާއި އީމެއިލްތަކަށް ނުވަދެވިދާނެ ކަމުގެ ބިރަކީ އަބަދުވެސް އޮންނަ އެއްޗެކެވެ.

2018 ވަނަ އަހަރު ރެޑިޓާގައި މީހަކު ހާމަ ކުރިގޮތުގައި އޭނާގެ އެކައުންޓު ހުއްޓުމަކަށް ގެނެސް ބަންދު ކުރުމަށްފަހު އެކްޓިވޭޓް ވުމުން އަލުން އެކައުންޓަށް ޗާޖު ކޮށްފައިވެއެވެ.

މިއީ ރިޕެއާ، ރިޕްލޭސްމަންޓް އަދި ވަރަންޓީ (އާރު.އެމް.އޭ) ގެ ދަށުން ގޫގަލްއަށް ޑިވައިސް ފޮނުވި ފަހުން ނުލިބޭ ކަމަށް ބުނެ ހިނގާފައިވާ ކަމެކެވެ.

ދެން މިގޮތަށް ފާހަގަކުރެވުނު ހާދިސާއަކީ ޔޫޓިއުބް އިމޯޓް ސްޕޭމްއެއް ކަމުގައި ހީކޮށް ޔޫޒާސްތަކެއްގެ ގޫގަލް އެކައުންޓުތައް ގޫގަލްއިން ހުއްޓުމަކަށް ގެނައި ހާދިސާއެވެ. މިއީ މަޝްހޫރު އެމެރިކާގެ ޔޫޓިއުބާއެއް ކަމަށްވާ މާރކިޕްލައާގެ ސަޕޯޓަރުންތަކަށް ކުރިމަތިވި ކަމެކެވެ.

މިފަދަ ކަންތައްތައް ދިމާވެ އެކައުންޓުގެ ބޭނުންކުރުން ހުއްޓުމަކަށް އަންނަނީ ހަމަ އެކަނި ގޫގަލް އެކައުންޓު ބޭނުން ކުރާ މީހުންނަކަށް ނޫނެވެ. އެޕަލް އެކައުންޓު ބޭނުން ކުރާ މީހުންނަށްވެސް މިފަދަ ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ.

އެއް ލޮގިންއަކުން ހުރިހާ ހިދުމަތްތަކަށް ވަދެވެން ހުއްޓަސް، މިފަދަ ކަންކަމުން އަރައިގަތުމަށް ހިދުމަތް ދޭފަރާތުގެ ބައެއް ހިދުމަތްތަކަށް އެހެނިހެން އެކައުންޓުތަކުން ރަޖިސްޓާ ކުރެވިދާނެއެވެ. މިސާލަކަށް މެއިލްގެ ހިދުމަތަށް މައިކްރޮސޮފްޓް އައުޓްލުކް އެކައުންޓެއް ބޭނުން ކުރެވިދާނެއެވެ.

ޕްރައިމަރީ ބްރައުޒާއަކަށް ގޫގަލް ކްރޯމް ބޭނުން ކުރުމުގެ ބަދަލުގައި ފަޔާފޮކްސް ނުވަތަ އޮޕެރާ ބޭނުން ކުރެވިދާނެއެވެ.

މީގެ އިތުރުން އެކައުންޓުތައް ރައްކާކޮށް ބެހެއްޓުމަށްޓަކައި ޓޫ.އެފް.އޭ (ޓޫ ފެކްޓާ އޮތެންޓިކޭޝަން) ބޭނުން ކުރުމުން އެކައުންޓަށް ހަމަލާދޭ މީހުންގެ ކިބައިން ސަލާމަތް ވުމަށް އިތުރު ފިޔަވަޅެއް އެޅުނީއެވެ.

މިއާއި އެއްކޮށް ގޫގަލްގެ ބިލްޓްއިން އެކައުންޓް ޕާސްވޯޑް މެނޭޖާ ބޭނުންކުރުމުގެ ބަދަލުގައި އިތުބާރު ކުރެވޭ ޕާސްވޯޑް މެނޭޖާއެއް، ޕާސްވޯޑް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުން ކުރެވިދާނެއެވެ.

އިތުރަށް ކިޔާލުމަށް:

އައިފޯން ގެއްލިއްޖެނަމަ ކަންތައް ކުރާންވީ ގޮތް

މޮބައިލްއެއް ބޭނުން ކުރާއިރު ޕްރައިވެސީ ހޯދާނީ ކިހިނެއް؟

ބޮޑެތި ޓެކް ކުންފުނިތަކުން ބޭނުންވަނީ ޕާސްވޯޑާއި ދުރަށް ދާންޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.