މާސްކްގެ ޓްވިޓާ ޕޯލްތަކުގެ ނަތީޖާ ނެރުމުގައި އޮންލައިން ބޮޓް ބޭނުންކޮށް ވޯޓް އޮޅުވާލުމުގެ ފުރުޞަތު ބޮޑުކަމަށް އާ ދިރާސާތަކުން ދައްކާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އީލޮން މަސްކް ޓްވިޓަރ ޕޯލްތަކުގެ ނަތީޖާ ނެރުމުގައި އޮންލައިން ބޮޓް ބޭނުންކޮށް ވޯޓް އޮޅުވާލުމުގެ ފުރުޞަތު ބޮޑުކަމަށް އާ ދިރާސާތަކުން ދައްކާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އެންމެ ނޫފޫޒުވަރުގަދަ އެއް ޕްލެޓްފޯމް ކަމުގައިވާ ޓްވިޓަރގެ އާ ވެރިޔާ އީލަން މަސްކް ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް އަލުން އިއާދަކުރުމާ ، ޓްވިޓަރގެ ސީއީއޯގެ މަގާމު އީލޮން މަސްކް ދޫކޮށްލަންވީތޯ ފަދަ ޚިޔާލުތަފާތުވުންތަކެއް ހުރި ބައެއް ނިންމުންތައް ނިންމުމަށް ޓްވިޓަރގައި ޕޯލްތަކެއް ހުޅުވާލުމަށްފަހު، އާންމު ވޯޓުލުމަށް އައުޓްސޯސްކޮށް، އެ ނިންމުންތަކުގެ އިހުތިޔާރަށް ތަބާވާން ގަސްތުކުރާ ކަމަށް ބުނެފައެވެ. އެކަމަކު މިފަދަ ސާވޭތަކުގެ ނަތީޖާއަކީ އޮންލައިން ބޮޓްތައް މެދުވެރިކޮށް ވަރަށް ފަސޭހައިން ނަތީޖާ އަނބުރާލެވިދާނެފަދަ ސާވޭތަކެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މިފަދަ ކަންކަމުގައި ތަޖްރިބާކާރު ކުންފުނި "ނޮންޕްރޮފިޓް ޑިޖިޓަލް ރައިޓްސް ގްރޫޕް އެކައުންޓެބަލް ޓެކް" އިން ނެރެފައިވާ ރިޕޯޓެއްގައި ބުނީ މިފަދަ ސާވޭއަކަށް ނުވަތަ ޕޯލަކަށް ވަކިއަތަކަށް ނަތީޖާ އަނބުރާލުމަށް އޮންލައިން ބޮޓް މެދުވެރިކޮށް ދިހަ ހާހެއްހާ ވޯޓް ލުމަށް 100 ޑޮލަރުވެސް ޚަރަދު ކުރަން ނުޖެހޭނެކަމަށެވެ.
އެރިޕޯޓްގައި ބުނީ "ބޮޓް ފޯ ހައި މެނިޕިއުލޭޝަން" ހިދުމަތްތައް ބޭނުންކޮށްގެން ޓްވިޓަރ ޕޯލްތަކަށް ވޯޓް ލެވޭނެކަމަށާއި، އެއީ ވަރަށް ފަސޭހައިން ކޮންމެމީހަކަށްވެސް ކޮށްލެވިދާނެ ކަމެއް ކަމަށެވެ.
ބްލޫމްބާގުން ފުރަތަމަ މިކަން ރިޕޯޓްކޮށްފައިވާއިރު، އެ ރިޕޯޓްގައި ބުނީ މިއީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ސޯޝަލް މީޑިއާ ކުންފުނީގެ މުސްތަގުބަލު ޗާޓް ކުރުމަށް މާސްކް ބަރޯސާވާ ޓޫލްއާ މެދު މިކަމުގެ ސަބަބުން ކަންބޮޑުވުންތަކެއް އުފެދިދާނެކަމެއް ކަމަށެވެ.
ޓްވިޓަރ ގަތުމުގެ ކުރިން ޚުދު މާސްކްވެސް ބުނަމުން ދިޔައީ ޓްވިޓަރގެ ޔޫޒަރގެ ނަމްބަރުތަކަކީ އޮޅުވާލުންތަކެއް ކަމަށް އޭނާ ބުނަނީ އެ ޕްލެޓްފޯމްގައި ބޮޓްތައް ގިނަވުމުން ކަމަށެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ގެންދަވަނީ އެ މައްސަލަ ހައްލުވެއްޖެ ކަމަށް ދައުވާ ކުރައްވަމުންނެވެ. އޭނާ ވަނީ އޭނާގެ ލީޑަޝިޕްގެ ދަށަށް ޓްވިޓަރ އައިފަހުން ޖުމްލަކޮށް ޓްވިޓަރގެ ޔޫޒަރުންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ބޮޓްތަކުގެ އަދަދު މަދުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ޓެކް ކުންފުނި ތަކުން ބުނެއެވެ.
"މަސްކްގެ ވެރިކަމުގެ ދަށުން ކުރިއަރަމުންދަނީ ހަމައެކަނި ބޮޓް ޔޫޒަރުންގެ އަދަދު އެކަންޏެއް ނޫން، ޓްވިޓަރ ޕޯލްތައް މެނިޕުލޭޓް ކުރުމަށްވެސް ބޮޓްތައް ބޭނުން ކުރަން މިހާރު ކުރިއަށްވުރެ ފަސޭހަވެއްޖެ، މަސްކް ބޮޑެތި ޕްލެޓްފޯމްގެ ނިންމުންތައް މަދު ޑޮލަރު ކޮޅެއް ހޭދަކޮށްގެން ކޮންމެ މީހަކަށްވެސް ބަދަލުކޮށްލުމުގެ އިޚްތިޔާރު އޮތްހާ ހިނދަކު، ޓްވިޓަރއަކީ ރައްކާތެރި ނޫން އަދި ނުބައި އެކްޓަރުންގެ މެނިޕިއުލޭޝަނަށް ހުޅުވާލެވިފައިވާ ތަނެއް، މިކަމުގައި ބޭރުގެ ސަރުކާރުތައްވެސް ހިމެނޭ." އެކައުންޓެބަލް ޓެކްގެ ކޯ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރު ނިކޯލް ގިލް ވިދާޅުވި އެވެ.
ޓްވިޓަރ ޕޯލްތައް ފަދަ ޕޯލްތަކަކީ ފަސޭހައިން ގޭމް ކުރެވޭ އަދި ޓްވިޓަރގެ ޔޫޒަރ ބޭސް ތަމްސީލު ނުކުރާ ޕޯލްތަކެއް ކަމަށް ފާޑުކިޔާ މީހުން ބުނި ނަމަވެސް، މިއަހަރުގެ އޮކްޓޯބަރު މަހު ޓްވިޓަރގެ ވެރިކަމާ ހަވާލުވި ފަހުން، މަސްކް ވަނީ މުޅިން އާ ސޯޝަލް މީޑިއާ ޕޮލިސީއެއް އުފެއްދުމަށް ޕޯލްތަކަށް ބަދަލުވެފަ އެވެ. އަދި މަސްކް ބޮޓްތަކުގެ މައްޗަށް ކާމިޔާބީ އިއުލާންކޮށްފައިވާއިރު، އެ ޕްލެޓްފޯމުން ހަގީގަތުގައި އެ މައްސަލަ ހައްލު ވެފައިވާ ހެއްކެއް ފެންނާކަށް ނެތެވެ.
ޕްލެޓްފޯމަރ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ބޮޓްތަކާ ދެކޮޅަށް މަސްކް ކުރި ހަނގުރާމައަކީ ދުނިޔޭގެ 30 ވަރަކަށް މޯބައިލް ކެރިއަރުންގެ ޓްރެފިކް ޓްވިޓަރއިން ބްލޮކްކޮށް، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ލައްކައެއްހާ އެކައުންޓްތަކަށް ވަނުން މަނާކުރުމެވެ. އޭގެ ފަހުން އަނެއްކާވެސް ބަންދުކުރި އެކައުންޓްތައް އަލުން އިޢާދަ ކޮށްފައިވާ ކަމަށް ޕްލެޓްފޯމަރ އިން ރިޕޯޓްކޮށްފައިވެއެވެ.
ޑިސެމްބަރު 18 ވަނަ ދުވަހުގެ ހަވީރު މަސްކް މިހާތަނަށް އޭނާގެ އެންމެ މަގުބޫލު ޓްވިޓަރ ޕޯލް ކުރިއަށް ގެންގޮސްފައިވާއިރު، ޓްވިޓަރގެ ސީއީއޯގެ މަގާމުން ވަކިވާންވީތޯ އެޕޯލްގައިވަނީ ސުވާލުކޮށްފަ އެވެ. އޭގެ ބާރަ ގަޑިއިރު ފަހުން ޕޯލްގައި ބައިވެރިވި 17.5 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %58 މީހުން ވަނީ އާނއެކޭ އެއްގޮތަށް ވޯޓު ދީފައެވެ. ޕޯލްގެ ނަތީޖާއަށް ތަބާވާނެ ކަމަށް މަސްކް ވައުދުވި ނަމަވެސް ވޯޓު ނިމުމުން ޕްލެޓްފޯމްގައި ޔޫޒަރުންނަށް މަސްކް ދިން ޖަވާބުތަކުން ނަތީޖާއާ އެއްބަސް ނުވާ ކަމަށް ފެނެ އެވެ.
މަސްކްގެ މިފަދަ އެއް ވާހަކައެއްގައި، މަސްކްގެ ފޭނުންނަށް ބުނީ ވޯޓުތައް މެނިޕިއުލޭޓް ކުރެވިދާނެ ކަމަށާއި، ޓްވިޓަރގެ ޔޫޒަރބޭސްގެ އިންޓެގްރިޓީއާ މެދު އިތުބާރު ކުޑަކަމަށާއި، ފަހަރެއްގައި އަދިވެސް ޓްވިޓަރގައި އޮންލައިން ބޮޓްގެ މައްސަލައެއް އުޅެދާނެ” ކަމަށެވެ.
މިފަދަ ޕޯލްތަކަށް ހަމައެކަނި ވެރިފައިޑް ނުވަތަ ޓްވިޓަރ ބްލޫ ޓިކް ލިބިފައިވާ ޔޫޒަރުންނަށް އެކަނި ވޯޓްލެވޭގޮތަށް ހެދުން ރައްކާތެރިވެފައި އިތުބާރު ބޮޑުވާނެކަމަށް ބުނެ ލަފާ ދިން ޔޫޒަރަކަށް މަސްކް ޖަވާބު ދިނީ،އެއީ ރަނގަޅު ނުކުތާއެއް ކަމަށާއި، އެގޮތަށް ވަރަށް އަވަހަށް ޓްވިޓަރ ބަދަލުކުރާނެކަމަށެވެ.
ޓްވިޓަރގެ ޓްރަސްޓް އެންޑް ސޭފްޓީ ޓީމުގެ ކުރީގެ ދެ މެމްބަރަކު ބުނީ ޓްވިޓަރގެ ޕޯލްތަކުގައި ސައްހަ ނޫން ސުލޫކުތަކާއި މެނިޕިއުލޭޝަން ދެނެގަނެ ނައްތާލުމަށް އެކަށީގެންވާ ރައްކާތެރިކަމެއް އެކުންފުނިން ނެތް ކަމަށެވެ. އަދި ޓްވިޓަރ ޕޯލްތަކަށް ވޯޓުލުމުގެ ފުރުޞަތު ލިބެނީ ކަނޑައެޅިފައިވާ މުއްދަތަކަށް ވާތީ، ޕޯލެއް ބަންދުވުމަށް ފަހު ޕޯލެއްގައި މެނިޕިއުލޭޓް ކޮށްފައިވާ ވޯޓުތައް ޓްވިޓާއިން ބާތިލް ކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް އެ މީހުން ފާހަގަކުރެއެވެ.
ޑިސެމްބަރު މަހު އެކައުންޓެބަލް ޓެކް އިން ވަނީ @VoxPopuliVoxBot ގެ ނަމުގައި ޑަމީ އެކައުންޓެއް ގާއިމްކޮށް، ޓްވިޓާ ފީޗާގައި ކުރެވިދާނެ މެނިޕިއުލޭޝަންގެ މިންވަރު ތަހުލީލު ކުރުމަށް ގިނަ ޕޯލްތަކެއް ހިންގާފަ އެވެ. އެމީހުންގެ އެ ދިރާސާއިން ދައްކާ ގޮތުގައި މަސްކްގެ އެ ޕޯލްގައި ބޮޓްތަކުން އެންމެ 57 ޑޮލަރަށް 26،261 ވޯޓު ލިބިދާނެ ކަމަށާއި އެ ވޯޓު 24 ގަޑިއިރުގެ ތެރޭގައި ލިބޭނެއެވެ. މި ދިރާސާގައި މި ތަޖުރިބާ ކުރިއަށް ގެންދިއުމަށް ބޭނުންކޮށްފައިވަނީ ރަޝިޔާ، އިންޑިއާ އަދި ތުރުކީން ފެށިގެން ފަސޭހައިން ލިބެން ހުންނަ ފޯ ހައިރ މެނިޕިއުލޭޝަން ޚިދުމަތްތަކެވެ.
ޓްވިޓަރގެ ޓްރަސްޓް އެންޑް ސޭފްޓީގެ ކުރީގެ ވެރިޔާ ޔޯއެލް ރޯތު ދާދި ފަހުން ރޯލިން ސްޓޯންއަށް ދިން އިންޓަވިއުއެއްގައި ބުނީ 2015 ވަނަ އަހަރު ޓްވިޓަރއިން ވޯޓުލުން ފެށިއިރު، “ބޮޑު އެއް މަޝްވަރާއަކީ އިންޓެގްރިޓީ އާއި ޕްރައިވެސީއާ ދެމެދު އޮންނަ ޓްރޭޑްއޮފްތަކާ ބެހޭ ގޮތުންނެވެ. އަހަރެމެން ޖައްސާލީ ޕްރައިވެސީގެ ފަރާތަށް،” ޓްވިޓާއަށް ވޯޓު ދިނީ ކޮންބަޔަކަށް ކަމެއް ނޭނގޭނެ ގޮތަކަށެވެ. "ޓްވިޓާގައި ގާތްގަނޑަކަށް އެހެން ހުރިހާ އެއްޗަކަށް ވުރެ ޕޯލްތަކުގައި މެނިޕިއުލޭޝަން ގިނަ،" ރޮތު އިތުރަށް ވިދާޅުވި އެވެ.
ކަންމިހެން ހުރިނަމަވެސް މަސްކްގެ ފަރާތުން ވަނީ ޓްވިޓާއާ ގުޅުން ހުރި ކަންކަމުން ވެސް ޕޯލް ބޭނުންކުރުން ފުޅާކޮށްފަ އެވެ. ޑިސެމްބަރު 21 ވަނަ ދުވަހު އޭނާ ވަނީ 1.7 ޓްރިލިއަން ޑޮލަރުގެ ފެޑެރަލް ސްޕެންޑިން ބިލެއް ކޮންގްރެސް އިން ފާސްކުރަންވީތޯ ސުވާލު ކުރައްވާފަ އެވެ. %71 މީހުން ނޫނެކޭ ކަމަށް ވޯޓު ދިނުމަށް ފަހު އޭނާ ވަނީ އެ ނަތީޖާ ސެނެޓްގެ ލީޑަރުންނާ ހިއްސާކޮށްފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.