ޓިކްޓޮކް މަނާކުރިޔަސް ޗައިނާގެ އެޕްތައް އެމެރިކާގައި ހަބޭސް

އަޙްމަދު ދާއޫދު 05 ޖޫން 2023

ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރި ނަމަވެސް އެމެރިކާގައި ޗައިނާގެ އެޕްތައް އަދިވެސް ވަރަށް މަގުބޫލު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައިޓްޑާންސްގެ ޓިކްޓޮކް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިންޓެލިޖެންސް އޮފިޝަލުންގެ ފޯކަސް އަކަށް ވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ ކަންބޮޑުވުންތައް އެންމެ ބޮޑަށް ހޫނުވީ މިދިޔަ މާޗް މަހު ޓިކްޓޮކްގެ ސީއީއޯ އާއި ފަސް ގަޑިއިރު ވަންދެން ސުވާލު ކުރުމުންނެވެ.

ޓިކްޓޮކަކީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ އެޕްލިކޭޝަނެއް ނަމަވެސް އެފަދަ މައްސަލަތައް ހުށަހަޅައިދޭ ޗައިނާގެ އެހެން އެޕްލިކޭޝަންތަކަށް ވެސް އެމެރިކާގައި އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ.

ބައިޓްޑާންސްއާ ބެހޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ ގައުމީ ސަލާމަތާ ބެހޭ ގާނޫނެއްގެ ދަށުން، ގައުމީ ސަލާމަތުގެ މަގްސަދެއްގައި ކަމަށް ބުނާ ވިޔަފާރީގެ ގިނަ މައުލޫމާތުތަކެއް ހޯދުމުގެ ބާރު ޗައިނާ ސަރުކާރަށް ލިބިދޭ ގައުމީ ސަލާމަތާ ބެހޭ ގާނޫނަކުންނެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބިރުގަންނަނީ ޗައިނާގެ އެޕް ކުންފުނިތަކުން އެމެރިކާގެ ބޭނުންކުރާ މީހުންގެ އަތުން، އީމެއިލް އެޑްރެސްތަކުން ފެށިގެން ބޭނުންކުރާ މީހުންގެ މަސްލަހަތާއި ޑްރައިވިން ލައިސަންސް ފަދަ އެއްވެސް މައުލޫމާތެއް ޗައިނާ ސަރުކާރަށް ހަރުދަނާ ގޮތެއްގައި ހޯދޭނެ ކަމަށް އެމީހުން ޤަބޫލުކުރާތީއެވެ.

ސީއެންބީސީއިން ހާމަ ކޮށްފައިވާ ލިޔުމެއްގައި ޗައިނާގެ ގިނަ އެޕްލިކޭޝަންތަކެއް އެމެރިކާގައި އަދިވެސް ކުރިއަރަމުން ދާތީ، އެމެރިކާ މީހުންގެ ބަހަނާތައް ގިނަ ކަސްޓަމަރުން ގަބޫލުނުކުރާކަމަށް ބުނެފައިވެއެވެ.

މިސާލަކަށް ޗައިނާގެ ޕީޑީޑީ ހޯލްޑިންގްސްގެ ހިއްސާ އޮންނަ ޝޮޕިން އެޕް ޓެމޫ އަކީ މެއި މަހުގެ ފަހުކޮޅު ހިލޭ އެޕްލިކޭޝަންތަކުގެ ތެރެއިން އެޕަލް އެޕް ސްޓޯރުގެ ދެ ވަނަ އެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ފަހުކޮޅު ޑިޖިޓަލް ރީޓެއިލަރުންގެ ތެރެއިން 12 ވަނައިގައި އޮތީ ކޯލްސް، ވޭފެއާ އަދި ނޯޑްސްޓްރޯމް ފަދަ އެޕްތައް ކަމަށް އިންސައިޑާ އިންޓެލިޖެންސް އިން ބުނެ އެވެ.

އަދި ބައިޓްޑާންސް ހިއްސާވާ އެޕްތައް ކަމަށްވާ ކެޕްކަޓާއި ޓިކްޓޮކް އަކީ އެޕް ސްޓޯރު ރޭންކިންގެ ހަތަރު ވަނަ އާއި ފަސް ވަނަ އެވެ. ޗައިނާގެ ފާސްޓް ފެޝަން ބްރޭންޑެއް ކަމަށްވާ ޝީން އަށްވެސް އެޕްސްޓޯރުގައި ވަނީ 14 ވަނަ ލިބިފައެވެ.

އަދި މާޗް މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރީލް މަހުގެ ކުރީކޮޅު، ޓިކްޓޮކްގެ ސީއީއޯ ކޮންގްރެސްގެ ކުރިމަތީގައި އަޑުއެހުމަށްފަހު، ބައިޓްޑާންސްގެ ލެމަން8، އެމެރިކާގައި ގާތްގަނޑަކަށް 1 މިލިއަން ޑައުންލޯޑް ކޮށްފައިވާ ކަމަށް އިންސައިޑާ އިންޓެލިޖެންސް އިން ވަނީ އެޕްޓޯޕިއާގެ ޑޭޓާގެ މައްޗަށް ބިނާކޮށް ރިޕޯޓްކޮށްފައެވެ. މިއީ ޕިންޓެރެސްޓް އާއި މެޓާގެ އިންސްޓަގްރާމާ އެއްގޮތް އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަންތަކުގައި ޓިކްޓޮކާ މެދު އެމެރިކާ ސަރުކާރުން ކަންބޮޑުވާ ބައެއް ފީޗާތައް ހިއްސާކުރެއެވެ. އޭގެ ތެރޭގައި ޗައިނާއިން ބޭރުގައި އޮޕަރޭޓް ކުރާއިރު، އޭގެ ތެރެއިން ބައެއް ކުންފުނިތަކުން އެމެރިކާގެ ޔޫޒަރ ޑޭޓާ އެކަށީގެންވާ މިންވަރަށް ހިމާޔަތްކުރޭތޯ (ޓިކްޓޮކް އިން ވަނީ އެމެރިކާގެ ޔޫޒަރުންގެ މައުލޫމާތު ރައްކާކުރަނީ ހަމައެކަނި ޗައިނާއިން ބޭރުގެ ސާވާތަކުގައި ކަން ފާހަގަކޮށްފައެވެ).

ޓިކްޓޮކް ފަދައިން މި އެޕްލިކޭޝަންތަކުން ވެސް ބޭނުންކުރާ މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުންގެ ޝައުގުވެރިކަމުގެ ޓްރެންޑްތައް އެނަލައިޒްކޮށް، އެލްގޯރިދަމް ބޭނުންކޮށްގެން ކަސްޓަމަރުން ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ޕްރޮޑަކްޓްސް ނުވަތަ މައުލޫމާތެއް ކަސްޓަމަރުންނަށް އަމާޒުކުރެވިދާނެއެވެ.

ޗައިނާގެ މަޝްހޫރު ގިނަ އެޕްލިކޭޝަންތަކުގެ އެމެރިކާގެ ޔޫޒަރބޭސް އިތުރުވަމުން ދިޔަ ނަމަވެސް ޓިކްޓޮކްގެ މަހަކު 150 މިލިއަން އެކްޓިވް ޔޫޒަރުންގެ ބޮޑު އެމެރިކާގެ އޯޑިއަންސްގެ ސަބަބުން އަދިވެސް ވަނީ ޑްވާފްވެފައެވެ.

ޓިކްޓޮކް މިތަނަށް ތައާރަފްކުރި ފަހުން އެމެރިކާގައި 415 މިލިއަން ޑައުންލޯޑްކޮށްފައިވާއިރު ކެޕްކަޓަށް 99 މިލިއަން، ޓެމޫއަށް 67 މިލިއަން އަދި ލެމަން8 އަށް 1.2 މިލިއަން ޑައުންލޯޑް ކޮށްފައިވާ ކަމަށް އެޕްޓޯޕިއާ އިން ބުނެ އެވެ.

2014 ވަނަ އަހަރު އެމެރިކާގައި ތައާރަފް ކުރި ނަމަވެސް މި ގްރޫޕްގެ އެޕްތަކުގެ ތެރެއިން ޑައުންލޯޑްކުރުމުގައި ޓިކްޓޮކް ފަހަތަށް ޖައްސާލީ ހަމައެކަނި ޝީން އެކަންޏެވެ. ޝީންގެ އެޕް ތައާރަފްކުރި ފަހުން އެމެރިކާގައި 855 މިލިއަން ޑައުންލޯޑް ކޮށްފައިވާއިރު، އެޕްޓޯޕިއާ އިން އަންދާޒާ ކުރާ ގޮތުގައި މަހަކު ގާތްގަނޑަކަށް 22 މިލިއަން އެކްޓިވް ޔޫޒަރުން އެބަތިއްބެވެ.

އެހެންކަމުން އެމެރިކާގައި ޓިކްޓޮކް މަނާކުރަން މަސައްކަތްކުރިޔަސް ސަތޭކަ ޕަސަންޓް ކާމިޔާބު ނުވާނެ ކަމަށާއި، އަދި ޗައިނާގެ އެފަދަ އެހެން އެޕްތައް މަނާކުރަން އެމެރިކާއިން މަސައްކަތް ނުކުރުމުން ދޭހަވަނީ މުޅިން އެހެން ކަމެއްކަމަށް ޓެކްމާހިރުން ތުހުމަތުކުރެއެވެ.

އިތުރަށް ކިޔާލުމަށް:ޓިކްޓޮކްގެ ސީއީއޯ ޗޫ އެމެރިކާ ކޮންގްރެސްގައި ހެކިބަސް ދިނުން



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.