ސްކްރީން ރެކޯޑަރ އެޕްއަކުން ޒާތީ މައުލޫމާތު ވަގަށް ނަގާކަން އެނގިއްޖެ

އަޙްމަދު ދާއޫދު 09 ޖޫން 2023

މަޝްހޫރު އެންޑްރޮއިޑް އެޕްލިކޭޝަނެއް ބޭނުންކޮށްގެން މީސްމީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ގޫގަލް ޕްލޭ ސްޓޯރުގައި 50،000 އަށް ވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައިވާ ސްކްރީން ރެކޯޑިން އެޕްލިކޭޝަނެއް މެދުވެރިކޮށް ޖާސޫސް ކުރާކަން މީގެ މަސްތަކެއް ކުރިން ދިރާސާވެރިންނަށް ފާހަގަކުރެވުނީ އެ އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުގައި އާދަޔާ ހިލާފަށް މަސައްކަތް ކުރާކަން ފާހަގަ ވުމުން ކަމަށް މިމައްސަލަ ހޯދި ދިރާސާވެރިން ވަނީ ބުނެފަ އެވެ.

ސައިބަރ ސެކިއުރިޓީ ފާމް އީސެޓްގެ މެލްވެއާ ދިރާސާވެރިއެއް ކަމަށްވާ ލޫކަސް ސްޓެފަންކޯ ބުނި ގޮތުގައި "އައިރެކޯޑާ" ނަމަކަށް ކިޔާ ސްކްރީން ރެކޯޑާ އެއް، މި އެޕް އެންމެ ފުރަތަމަ ގޫގަލް ޕްލޭ ސްޓޯރަށް އަޕްލޯޑް ކުރީ ސެޕްޓެމްބަރު 19، 2021 ގަ އެވެ.

ސްޓެފަންކޯ ވިދާޅުވީ ފަހުން އަޕްޑޭޓަކުން ކޯޑް ބަދަލުކުރެވެންދެން މި އެޕްލިކޭޝަނުގައި އެއްވެސް ގޯސް ފީޗާތަކެއް ނެތް ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ އެޕްލިކޭޝަނަން ވަނީ އަޕްޑޭޓެއް ނެރެފައެވެ. އެ ތާރީޚަށްފަހު އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ސިއްރު އޯޑިއޯ ރެކޯޑިން ހެދުމާއި ސިއްރުން ފޮޓޯ، ވީޑިއޯ، ސޭވްކޮށްފައިވާ ވެބް ޕޭޖްތަކާއި އެހެނިހެން ފައިލްތައް ޑިވައިސްތަކުން ބޭރުކުރުމުގެ ފުރުސަތު ގެއްލުންދެނިވި ކޯޑުން ލިބިގެންދިޔަ ކަމަށް އީސެޓް އިން ބުނެއެވެ.

އައި ރިކޯރޑަރ އެޕް މިހާރު ޕްލޭސްޓޯރ އިން ވަނީ އުނިކޮށްފަ- ފޮޓޯ: އީސެޓް

އޮގަސްޓް 2022 ގެ ކުރިން އެޕް ޑައުންލޯޑް ކުރި ކޮންމެ މީހަކު މެނުއަލްކޮށް ނުވަތަ އޮޓޮމެޓިކުން އެޕް އަޕްޑޭޓް ކުރި ނަމަ އަދިވެސް އެކްސްޕޯސް ވެދާނެ ކަމަށް އީސެޓުން ބުނެ އެވެ. ގޫގަލް ޕްލޭ ސްޓޯރުން މިހާރު މި އެޕްލިކޭޝަން ލިބެން ނެތް ނަމަވެސް ނަމަވެސް މިހާރު ވެސް ފޯނުގައި ހުރި ނަމަ އެ އެޕްލިކޭޝަން އަންއިންސްޓޯލްކޮށް އެޕްލިކޭޝަންގެ ފައިލްތައް ކްލިއާ ކުރަން އެކި ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އެޕް ޓްރޯޖަން ހޯސްއަކަށް ބަދަލުކުރި އަޕްޑޭޓްގެ ޒިންމާ އުފުލަން ޖެހޭނީ ޑިވެލޮޕަރު ކަމެއް ނުވަތަ އެހެން އެކްޓަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ސްޓެފަންކޯ ލިޔުއްވާފައިވާ ގޮތުގައި މި އެޕްލިކޭޝަންގެ ހާއްސަ މެލިޝިއަސް ބިހޭވިއާ - މައިކްރޯފޯން ރެކޯޑިންތައް ނެގުމާއި ވަކި އެކްސްޓެންޝަނަކާ އެކު ފައިލްތައް ވަގަށް ނެގުން - އެއީ ޖާސޫސީ ކެމްޕޭނެއްގެ ތެރޭގައި ހިމެނޭ ކަމެއް ކަން އަންގައިދެ އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި އެޕްލިކޭޝަން ވަކި މެލިޝިއަސް ގްރޫޕަކަށް ނިސްބަތް ކުރެވޭ ގޮތެއް ނުވި." އޭނާ ބުނެފައިވެއެވެ.

ސްމާޓްފޯނުތަކަށް ގެއްލުންދޭ އެޕްލިކޭޝަންތަކަކީ ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ސެކިއުރިޓީ އަދި އާންމުގޮތެއްގައި ޑިވައިސްގެ ޕާފޯމަންސަށް ވަރަށް ބޮޑު ނުރައްކަލެކެވެ.

މި އެޕްލިކޭޝަންތަކަކީ ގިނަ ފަހަރަށް ސައްހަ އެޕްލިކޭޝަންތަކެއްގެ ގޮތުގައި ސިފަކޮށް، އެއެޕްލިކޭޝަންތައް ޑައުންލޯޑް ކުރުމަށް ހިތްވަރުދޭ ނުރައްކާތެރި އެޕްތަކެކެވެ. އިންސްޓޯލް ކުރުމުން އަމިއްލަ މައުލޫމާތު ވަގަށް ނެގުމާއި، ބޭނުންކުރާ މީހުންގެ ހަރަކާތްތައް ޓްރެކްކުރުމާއި، ގެއްލުންދެނިވި އިޝްތިހާރުތައް ދެއްކުމާއި، ޑިވައިސްތަކަށް މެލްވެއާ އިންފެކްޓް ކުރުން ފަދަ ކަންކަން ވެސް މިފަދަ އެޕްތައް މެދުވެރިކޮށް ކުރެއެވެ.

ނުރައްކާތެރި އެޕްލިކޭޝަންތަކުގެ ސަބަބުން ބެޓެރީގެ ލައިފް ދަށްވެ، ޑިވައިސްގެ ޕާފޯމަންސް ދަށްވެ، މާ ގިނައިން ޑޭޓާ ބޭނުން ކުރެވޭތަންވެސް އާދެއެވެ.

އެހެންކަމުން ސްމާޓްފޯން ބޭނުންކުރާ ފަރާތްތަކުން ސަމާލުވެ، އެޕްތައް ޑައުންލޯޑް ކުރުމުގައި ސަމާލުކަން ދިނުމާއި، މި ނުބައި އެޕްލިކޭޝަންތަކުން ރައްކާތެރިވުމަށް އެމީހުންގެ ޑިވައިސްތައް ގަވާއިދުން އަޕްޑޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން މަޝްހޫރު އެޕް ސްޓޯރުތައް ބޭނުންކުރުމާއި ޔޫޒަރ ރިވިއު ތައް ކިޔުމަކީ ގެއްލުންހުރި އެޕްލިކޭޝަންތަކާ ގުޅިފައިވާ ނުރައްކާތައް ކުޑަކޮށްދީ، ރައްކާތެރި ސްމާޓްފޯން ތަޖުރިބާއެއް ކަށަވަރުކޮށްދޭނެ ކަމެކެވެ.

އިތުރަށް ކިޔާލުމަށް

ބްލޫޓޫތް އޮންކުރުމަކީ ކިހާ ނުރައްކާ ކަމެއްކަން އެނގޭތަ؟




އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.