އެކްސްއަކީ ދޮގު ވާހަކަ އެންމެ ބޮޑަށް ފަތުރާ ޕްލެޓްފޯމް: އީޔޫ

އަޙްމަދު ދާއޫދު 28 ސެޕްޓެމްބަރު 2023

ޓްވިޓާ ނުވަތަ އެކްސް އަކީ ދޮގު މައުލޫމާތު ފަތުރާ އެންމެ ގޯސް ޕްލެޓްފޯމް ކަމުގައި އީޔޫއިން ބުނެފިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ އެކްސް އަކީ ދޮގު މައުލޫމާތު ޕޯސްޓްތަކުގެ ރޭޝިއޯ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އީޔޫއިން މިހެން ބުނެފައި މިވަނީ އިންތިހާބާ ގުޅޭ ދޮގު މައުލޫމާތު ތައް ރިޕޯޓް ކުރެވޭނެ ފީޗާއެއް އެކްސް އިން ޑިސެބަލް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އަންގާރަ ދުވަހު ޔޫރަޕިއަން ކޮމިޝަން ފޯ ވެލިއުސް އެންޑް ޓްރާންސްޕޭރެންސީގެ ނައިބު ރައީސް ވެރާ ޖޯރޯވާ ދެއްކެވި ވާހަކަފުޅުގައި އީޔޫއިން 2022 ވަނަ އަހަރު އެކުލަވާލި ކޯޑް އޮފް ޕްރެކްޓިސް އޮން ޑިސްއިންފޮމޭޝަންގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އެކްސް އަކީ ދޮގު މައުލޫމާތުން ފުރިގެންވާ ޕްލެޓްފޯމެއް ކަމަށް އޭނާ ސިފަކުރި އެވެ.

އީޔޫގެ މެމްބަރު ތިން ގައުމެއްގެ ޕައިލެޓް މަރުހަލާގައި އެކްސް އެސެސްކޮށްފައި ވަނީ، ދޮގު މައުލޫމާތު ކޮންޓެންޓް ހޯދުމަކީ ކިހާ ފަސޭހަ ކަމެއްކަމާއި އެފަދަ ކޮންޓެންޓަށް އެންގޭޖްމަންޓް ލިބެނީ ކިހާ ވަރަކަށްތޯ އާއި ވަސީލަތްތަކާ ބެހޭ އިންޑިކޭޓަރުތައް ދެނެގަތުމަށް އާ ޓެސްޓިން މެތަޑޯލޮޖީއެއް އިވެލުއޭޓް ކުރުމަށެވެ.

"އެކްސް ބޭނުންކުރާ ފަރާތްތަކުން ފަތުރާ މި ދޮގު މައުލޫމާތު ތަކަކީ އޮންލައިން ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ގެނައުމާ ބެހޭ ގޮތުން ހީވެސް ނުކުރާ ފަދަ އަދި އާދަޔާ ހިލާފު ވިސްނުމެއް އެކުލެވިގެންވާ އިންޑިކޭޓަރުތަކެކެވެ. މި ނުރައްކަލާ އިދިކޮޅަށް މިހާރަށްވުރެ ހަރުދަނާގޮތެއްގައި މަސައްކަތް ކުރުމަށް ޕްލެޓްފޯމްތަކުން ކުރާ މަސައްކަތްތަކަކީ ކިހާ ވަރެއްގެ ހަރުދަނާ މަސައްކަތެއްކަން ދެނެގަތުމަށް މިފަދަ ވިސްނުން ވަރަށް މުހިންމު،" ޖޯރޯވާ ވިދާޅުވި އެވެ.

އަދި ވޮލަންޓަރީ ކޯޑްގެ ދަށުން މިހާރު ނެތް އެކްސް އަކީ މިކަން ކުރާއިރު ސޯޝަލް މީޑިއާގެ އެންމެ ގޯސް ޕްލެޓްފޯމްކަން އެނގުނެވެ. އަދި ސައްޙަ މައުލޫމާތު ފަތުރާ މީހުންނަށް ވުރެ ދޮގު މައުލޫމާތު ފަތުރާ މީހުންގެ ފޮލޯވަރުން ގިނަކަމަށާއި އެމީހުން އެޕްލެޓްފޯމާ ގުޅިފައިވަނީ ދާދި ފަހުންކަން ވެސް އެނގުނެވެ.

މި ކޯޑުގައި ފޭސްބުކް، ގޫގުލް، ޔޫޓިއުބް، ޓިކްޓޮކް އަދި ލިންކްޑްއިން ހިމެނޭ ގޮތަށް 44 ފަރާތަކުން ސޮއިކުރެއެވެ. މިދިޔަ މެއި މަހު މަސްކްގެ ޕްލެޓްފޯމް ކޯޑުން ވަނީ ވަކިވެފައެވެ.

މަސްކް އެކޯޑުން ވަކިވީ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ރަޝިއާގެ ޕްރޮޕެގެންޑާ ތައް ނައްތާނުލެވި، ވްލަޑިމިއާ ޕޫޓިންއަށް އެހީވި ކަމަށް ބުނެ އީޔޫއިން ދިން އިންޒާރާ ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.