ގޫގުލް މެޕް ބޭނުންކުރުމުގެ ތެރޭގައި އަހަރުމެންގެ ހުރިހާ މޫވްމަންޓެއްގެ ލޮކޭޝަން ހިސްޓްރީގެ މައުލޫމާތު ރައްކާކުރާނެ ގޮތް ވަރަށް އަވަހަށް ބަދަލު ކުރާނޭކަމަށް ގޫގުލްއިން ވަނީ ދާދި ފަހުން އިއުލާނުކޮށްފައެވެ. މިގެންނަ ބަދަލުތަކުގެ ތެރޭގައި ގޫގުލް މެޕު ބޭނުންކުރުމުގައި ލޮކޭޝަން ހިސްޓްރީ ރައްކާކުރާ މުއްދަތު މަދުކޮށްލުމާއި، އަދި މިމައުލޫމާތު ގޫގުލްގެ ސަރވަރތަކުގައި ރައްކާކުރުމުގެ ބަދަލުގައި އަހަރުމެންގެ ޑިވައިސްތަކުގައި ރައްކާކުރުމުގެ އިޚްތިޔާރު ލިބޭނޭގޮތަށް ބަދަލުކޮށްލުން ހިމެނެއެވެ. މިގެނެވޭ ބަދަލާއި ގުޅިގެން އެކުންފުންޏަށްވެސް އަހަރުމެންގެ މިމައުލޫމާތެއް އެކްސެސްއެއް ނުކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
ފާއިތުވި ޑިސެމްބަރ މަހުގެ މެދެއްހާހިސާބުގައި ގޫގުލްއިން ޕަބްލިޝްކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ބުނާގޮތުން ވަރަށް އަވަހަށް ގޫގުލް މެޕްސް ބޭނުންކުރާ ފަރާތްތަކުގެ ޑިވައިސްތަކުގައި އެމީހުންގެ ލޮކޭޝަން ޑޭޓާ ރައްކާ ކުރެވޭ ގޮތަށް ބަދަލުކޮށްލާނެއެވެ. މިހާރު އަހަރުމެންގެ ލޮކޭޝަން ހިސްޓްރީ ރައްކާކުރެވޭނީ ގޫގުލްގެ ސަރވަރތަކުގައެވެ. މިބަދަލުގެ ސަބަބުން ކުށްވެރިން ދެނެގަތުމަށް ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ގޫގުލްގެ ލޮކޭޝަން ޑޭޓާތައް ހިއްސާކުރުމުގެ އާދައަށް ނިމުމެއް އަންނާނެއެވެ.
ފޯބްސް މަޖައްލާގައި ޕަބްލިޝްކޮށްފައިވާ އާޓިކަލްއެއްގައި ބުނާގޮތުން ގޫގުލްއިން މިބަދަލުތައް ގެނައުމަށް ނިންމި ނިންމުމުގެ އެއް ސަބަބަކީ ލޮކޭޝަން ޑޭޓާ އެންކްރިޕްޓް ކުރުމުން ލިބޭ ރައްކާތެރިކަން އެޕް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މިބަދަލުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ވަކި އިމެއްނެތި އެކުންފުނީގެ މައްޗަށް ކުރާ މިފަދަ އަމުރުތަކަށް ތަބާވެ ގޫގުލްގެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިއްސާކުރުން ނިމުމަކަށް ގެނައުމެވެ.
މީގެ މާނައަކީ އެމެރިކާގެ ލޯކަލް އަދި ފެޑެރަލް އިދާރާތަކުން ގޫގުލްގެ މައްޗަށް އަމުރުކުރާ "ޖިއޯފެންސް ވޮރެންޓް"ތަކަށް ދެން ގޫގުލްއިން އިޖާބައެއް ނުދޭނެއެވެ. ޖިއޯފެންސް ވޮރެންޓްސްތަކުން އަމުރުމުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި ތަނެއްގައި ތިބޭ ހުރިހާ ގޫގުލް މެޕް ޔޫޒަރުންގެ މައުލޫމާތު ހަވާލުކުރުމަށެވެ.
ގޫގުލްގެ ބްލޮގް ޕޯސްޓްގައި ޖިއޯފެންސް ވޯރެންޓްސްގެ ވާހަކަ ވަކިން ފާހަގަކޮށްފައި ނެތް ނަމަވެސް، އެޕް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޑިވައިސްތަކުގައި ލޮކޭޝަން ޑޭޓާ ރައްކާކުރުމަށް ބޭނުންވާ އިހްތިޔާރާއި ޔޫސަރުންނަށް "އިތުރު ކޮންޓްރޯލް" ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. ހަގީގަތުގައި މިފިޔަވަޅުގެ ސަބަބުން ތަހްގީގީ އިދާރާތަކުން ގޫގުލްއިން އެމައުލޫމާތަށް އެދުމުގެ ބަދަލުގައި ދެން މަޖުބޫރުވާނީ ވަކި ޑިވައިސްއަކަށް ވަނުމަށް ސާޗް ވޮރެންޓެއް ހޯދުމަށެވެ.
ޖިއޯފެންސް ވޮރެންޓްސްގެ (ނުވަތަ ރިވަރސް ލޮކޭޝަން ސަރޗް) ސަބަބުން ކުށެއް ކުރި ތަނެއްގެ ކައިރީގައި ތިބޭ ގޫގުލް މެޕް ބޭނުންކުރާ އެންމެންގެ ލޮކޭޝަން ޑޭޓާ، ތަހުގީގު ކުރާ އިދާރާތަކަށް ހިއްސާކުރެއެވެ. އެއީ ކުށުގައި ބައިވެރިވުމުގެ ފުރުސަތު އޮވެދާނެތީކަމަށް އެއިދާރާތަކުން ބުނެއެވެ. މިފަދައިން އެންމެންގެ ލޮކޭޝަން ޑޭޓާއަށް އެކްސެސް ދިނުން ނިމުމަކަށް ގެންނަން ގޫގުލްއިން މިނިންމި ނިންމުމަކީ ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ވޮރެންޓްތަކުގެ ދަށުން ކުށާއި ގުޅުމެއްނެތް ބައެއްގެ ޑޭޓާ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމާއި ދެކޮޅަށް ފާޑުކިޔާ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ ޕްރައިވެސީ އެޑްވޮކޭޓަރުންނާއި ކްރިމިނަލް ޑިފެންސް ވަކީލުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ކުށެއްގެ ހާދިސާއެއް ހިގުމުން ކުށް ތަހުގީގު ކުރާ ފަރާތްތަކުން އަމަލުކުރާ ގޮތަކީ ވަކި ސަރަހައްދެއް ކަނޑައަޅާ އަދި ވަކި ވަގުތުތަކެއް ކަނޑައަޅާ އެސަރަހައްދުގައި ހިމެނޭ އެންމެންގެ ލޮކޭޝަން ޑޭޓާ ފޯރުކޮށްދިނުމަށް އަމުރުކުރާ ވޮރެންޓް ނެރުމެވެ. އަދި މިގޮތަށް ނަގާ މައުލޫމާތުގެ ތެރޭގައި އެފަރާތްތަކުގެ ޑިވައިސްގެ މައުލޫމާތާއި ލޮކޭޝަން ހިސްޓްރީގެ މައުލޫމާތުވެސް ހިމެނެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން މަސައްކަތް ކުރަނީ ކުށުގެ އަމަލު ކޮށްފައި ހުރެދާނެ ކަމަށް ޝައްކު ކުރެވޭ މީހަކު ދެނެގަތުމަށެވެ.
އެހެން ނަމަވެސް ދެން ހަމައެކަނި ލޮކޭޝަން ކޯޑިނޭޓްތަކަކާއި ވަކި މުއްދަތެއް ދީފައި އެޕެރަމީޓަރުތަކަށް ފިޓުވާ އެންމެންގެ ހުރިހާ ޑޭޓާ އަދި މެޓަޑޭޓާ ހޯދަން ތަހުގީގު ކުރާ ފަރާތްތަކުން ކުރާ އަމުރަކަށް މައުލޫމާތެއް ފޯރުކޮށްދިނުމަށް ގޫގުލްގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޖިއޯފެންސް ވޮރަންޓްތަކަށް މަގުފަހިވާ އެއް ސަބަބަކީ އަހަރުމެން ގެންގުޅޭ ސްމާޓް ފޯނުތައް އަހަރުމެން ދާ ކޮންމެ ތަނެއް ރިކޯޑްކުރުމެވެ. އެހެން ނަމަވެސް މިކަމުގެ ފަހަތުގައިވާ އެންމެ ބޮޑު މައްސަލައަކީ ގޫގުލްފަދަ ޑޭޓާއަށް ދަހިވެތިވާ ކުންފުނިތަކުން އަހަރުމެންގެ ކޮންމެ މޫވްމަންޓެއް ރެކޯޑްކޮށް ގިނަ އަދަދެއްގެ ޔޫޒަރުންގެ ލޮކޭޝަން ޑޭޓާ ރައްކާކުރުމެވެ. މިމައުލޫމާތުތައް ރައްކާކުރާތީ، ގާގޫނު ތަންފީޒުކުރާ އިދާރާތަކުން އެމައުލޫމާތު ހޯދުމަށް ވެސް އެދޭނެތާއެވެ. ޖިއޯފެންސް ވޮރެންޓް ނެރެނީ ހަމައެކަނި ގޫގުލްގެ މައްޗަކަށް ނޫނެވެ. އެހެން ނަމަވެސް އެންމެ ގިނައިން މިފަދަ އަމުރު އައިސްފައިވަނީ އެކުންފުނީގެ މައްޗަށެވެ. އޭގެ ފަހަތުގައިވާ ސަބަބަކީ ޔޫސަރުންގެ ލޮކޭޝަން ޑޭޓާ އެންމެ ގިނައިން ރައްކާކުރާ އަދި އެކަން އެންމެ ފުރަތަމަ ކުރަންފެށި ކުންފުންޏަކީ ގޫގުލްކަމަށްވާތީއެވެ.
"މިފަދަ އަމުރުތަކަކީ ނުރައްކާތެރި އަމުރުތަކެެކެވެ. މިއީ އެޕް ބޭނުންކުރާ މީހުންގެ މިނިވަންކަމާއި ރައްކާތެރިކަމަށް ހުރަސްއެޅުމަށް މަގުފަހިވެދާނެ ފަދަ އަމުރުތަކެކެވެ. މި އަމުރުތަކުގެ ސަބަބުން މީހުންގެ ޒާތީ މައުލޫމާތު ތަކެއް ޕޮލިހަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން މިފަދަ އަމުރުތަކުން ކުށެއް ނުކުރާ ބައެއްގެ މައްޗަށް ކުށްކުރިކަމުގެ ޝައްކުކުރެވިދާނެއެވެ." އިލެކްޓްރޯނިކް ފްރޮންޓިއާ ފައުންޑޭޝަންގެ ވަކީލު ޖެނިފާ ލިންޗް ބުނެއެވެ.
ގޫގުލްއިން އާންމުކޮށް އެކުންފުނީގެ މައްޗަށް އަންނަ ޖިއޯފެންސް ވޮރެންޓްގެ އަދަދުތަކެއް ހާމައެއް ނުކުރެއެވެ. ގޫގުލްއިން އެންމެ ފުރަތަމަ މިމައުލޫމާތު ހިއްސާކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މީގެ ސަބަބުތަކެއް ވެސް އެބަހުރިއެވެ. ގޫގުލްއަކީ އަބަދުވެސް އިސްތިހާރު ކުރުމަށްޓަކައި އެކުންފުނީގެ އެޕްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތަށް (ހާއްސަކޮށް ލޮކޭޝަން ޑޭޓާއަށް) ބަރޯސާވާ އަދި ބޭނުންކުރާ ކުރާ ކުންފުންޏެކެވެ. ޓެކް ކްރަންޗް ވެބްސައިޓްގައިވާ އާޓިކަލްއެއްގައި ބުނާގޮތުން 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ގޫގުލްގެ އަހަރީ އާމްދަނީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އިސްތިހާރުތަކުން ލިބޭ އާމްދަނީއެވެ. މިއީ ގާތްގަނޑަކަށް 220 ބިލިއަން ޑޮލަރެވެ.
ފަހަކަށް އައިސް ޖިއޯފެންސް ވޮރެންޓްތައް ނެރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2018 އިން ފެށިގެން މިފަދަ ވޮރެންޓްތައް އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 3 ގުނައަށް އިތުރު ވެފައިވާކަމަށާއި 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި 3000 އަށް ވުރެ ގިނަ ވޮރެންޓް ނެރެފައިވާކަމަށް ގޫގުލްއިން ހާމަކޮށްފައިވެއެވެ.
ގޫގުލް މެޕްސްއަށް ގެނެވޭ ބަދަލުތަކުގެ އިއުލާނު މިކުރެވުނީ، އެމެރިކާގެ ވަރޖިނިއާ ސްޓޭޓްގައި ހިނގި ފޭރުމުގެ މައްސަލައަކާއި ގުޅިގެން ނެރުނު ޖިއޯފެންސް ވޮރެންޓަކަށް އަމަލު ކުރުމާއި ދެކޮޅަށް އިސްތިއުނާފު ކުރި މައްސަލައެއްގައި ޔޫއެސް އެޕީލް ކޯޓުން ޖިއޮފެންސް ވޯރެންޓްތަކުގެ އަސާސީ ގާނޫނީ ބާރު ވަޒަންކުރުމަށް އަމުރުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
2023 ވަނަ އަހަރުގެ ކުރީކޮޅު ކެލިފޯނިއާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަނީ އެސްޓޭޓްގެ ކުންފުނިތަކަށް (ހާއްސަކޮށް ގޫގުލްއަށް) ޖިއޯފެންސް އަމުރުތަކަށް މައުލޫމާތު ނުދިނުމަކީ ގާނޫނީ ކުށެއްކަމުގައި ކަނޑައެޅުމަށް ބިލެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މިބިލު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ގޫގުލްއިން މިހާރު ގެނައުމަށް ހަމަޖެހިފައިވާ މިބަދަލާއެކު ކުރިއަށް އޮތްތާނގައި މިފަދަ ވޮރެންޓް ނެރުމަށް ފަނޑިޔާރުންގެ އަތުގައި އޮތް ބާރު ކަނޑުވާލީއެވެ.
ޖިއޯފެންސް ވޮރެންޓްގެ އަސާސީ ގާނޫނީ ބާރާމެދު ގޮންޖަހާ އިލެކްޓްރޯނިކް ފްރޮންޓިއަރ ފައުންޑޭޝަން (އީއެފްއެފް)އިން ބުނާގޮތުގައި މިހާރު ގޫގުލްއިން ގެންނަން ރާވާ ބަދަލަކީ އެމީހުން ކުރާ މަސައްކަތަށް މިވަގުތަށް ލިބުނު ކާމިޔާބީއެކެވެ. އެހެން ނަމަވެސް މިބަދަލުގެ ސަބަބުން އަދިވެސް ވަކި ޔޫސަރެއްގެ ލޮކޭޝަން ހިސްޓްރީއާއި އެކައުންޓްގެ މައުލޫމާތު ސަރުކާރުން ބޭނުންވެއްޖެނަމަ ހޯދުމަކަށް ހުރަހެއް ނެތްކަމަށް އީއެފްއެފްއިން ބުނެއެވެ. ގޫގުލްއިން ރައްކާ ކުރާ މައުލޫމާތަށް ބިނާކޮށް، އަދިވެސް ވަކި ކީވޯޑެއް ބޭނުންކޮށްގެން ސަރޗްކުރި ފަރާތްތަކާއި އެމީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް އަދިވެސް ގޫގުލްގެ މައްޗަށް އަމުރުކުރެވޭނެކަމަށް އެއިދާރާއިން ހާމަކުރެއެވެ.
މިބަދަލު ގެނެވުނު ނަމަވެސް ގޫގުލްއަށް އަދި އަވަހަކަށް ޖިއޯފެންސް ވޮރެންޓުން ސަލާމަތްވެވޭކަށް ނެތެވެ. ގޫގުލްއިން އަދިވެސް ގޫގުލް މެޕް ބޭނުންކުރާ މީހުންގެ ލޮކޭޝަން ޑޭޓާގެ ތާރީހީ (އަރކައިވަލް) ބޮޑެތި ޑޭޓާ ބޭންކުތައް ރައްކާކުރެއެވެ. އަދި މިޑޭޓާތައް ރައްކާކުރާހާ ހިނދަކު ތަހުގީގީ އިދާރާތަކުން ބޭނުންވެއްޖެނަމަ މިމައުލޫމާތު ހޯދޭނެއެވެ. ޓެކް ކުންފުނިތަކުން ޔޫޒަރުންގެ މިފަދަ އެތަށް ޑޭޓާއެއް ރައްކާކުރާތީ މިފަދަ ގާނޫނީ އަމުރުތައް އަދިވެސް ކުރިމަތިވެދާނެ ކަމަށް ލަފާކުރެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް