މޯލްޑިވްސް ޔޫތު ހެކްގެ 1 ވަނަ ޓީމަކަށް "ފަންނުވެރިން"

ހިންދު ޢަލީ 05 މާރިޗު 2024

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން އިންތިޒާމްކޮށްގެން މިމަހު 2 އިން 3 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން "ޔޫތުހެކްއެމްވީ" ނިންމާ މިހާރުވަނީ ވަނަ ވަނައަށް އައި ޓީމްތައް ހޮވާފައެވެ.

ހެކްތޯންގެ އެންމެ ރަނގަޅު އުފެއްދުމެއް ހުށަހެޅި ޓީމަކަށް ހޮވުނީ ޓީމް ފަންނުވެރިންނެވެ. ޔޫތުހެކްއެމްވީގައި ޓީމް ފަންނުވެރިން ފަރުމާކޮށް ޕްރޮޓޮޓައިޕް ތައްޔާރުކުރީ އެކި އެކި ހިދުމަތްތައް ފޯރުކޮށްދީ އަދި ބިޑްކުރެވޭނެ ޕްލެޓްފޯމެކެވެ.

މިޕްލެޓްފޯމުގައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވަނަވަރު ތައްޔާރުކުރުމާއި، އެފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހިމެނޭނެއެވެ. މިޕްލެޓްފޯމް މެދުވެރިވެ ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ހޯދަން އެދޭ ފަރާތްތަކާއި ފަސޭހައިން ގުޅުވާލަދީ އަދި ހިދުމަތަށް ބިޑުކުރެވުން ފަދަ ފީޗަރސްތައް ހިމެނޭނެއެވެ. ޓީމް ފަންނުވެރިން ފާހަގަ ކުރިގޮތުގައި މިޕްލެޓްފޯމްގެ ފީޗަސްތައް ޑިވެލޮޕްކުރުމަށް ބްލޮކްޗެއިންއާއި އޭއައި ފަދަ ޓެކްނޮލޮޖީ ބޭނުންކުރެވޭނެއެވެ.

ޓީމް ފަންނުވެރިންގައި ހިމެނުނު 5 ބައިވެރިން، ތައްޔާރުކުރި އެޕަކީ ހެކަތޯންގެ އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން ތައްޔާރު ކުރި އެޕެކެވެ. މިޗެލެންޖުގެ ދަށުން ހުޅުވާލެވުނީ ވިޔަފާރިތަކުގެ ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ-ކޮމާސް ސޮލިޔުޝަންތައް އުފެއްދުމަށެވެ.

ޓީމް ފަންނުވެރިން


މީގެ އިތުރުން 2 ވަނައަށް އެންމެ ރަނގަޅު ސޮލިޔުޝަނަކަށް ހޮވުނީ ޓީމް ހަފްލާ.އެމްވީ އިން ތައްޔާރުކުރި އިވެންޓް މެނޭޖްމަންޓް ޕްލެޓްފޯމެވެ. މިއީ އެކި އެކި އިވެންޓްތައް ބޭއްވުމަށް ބޭނުންވާ އިވެންޓް ހޯލް ބުކްކުރުމަށާއި، އިވެންޓަށް ހޯލް ޒީނަތްތެރިކޮށް ތައްޔާރުކުރުމާއި އިވެންޓްގެ ކޭޓަރިންގ ފަދަ ހިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭނެ ޕްލެޓްފޯމެކެވެ. މިއީވެސް ހެކަތޯންގެ އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން ހުށަހެޅުނު އެޕެކެވެ.

ޓީމް ހަފްލާ.އެމްވީ


3 ވަނައަށް އެންމެ ރަނގަޅު ސޮލިޝަންއަކަށް ޖަޖުން ހޮވީ، ޓީމް ބްރައިޓް މައިންޑްސް އިން ހުށަހެޅި ކުޑަކުދިންނަށް އަމާޒުކޮށް ތައްޔާރުކުރި އެޑިޔުކޭޝަނަލް އެޕެކެވެ. އުނގެނުމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ދަސްކޮށްދެވޭނެ އެކި ސުވާލުތަކާއި ގޭމްތައް އެކުލެވޭނެ މިއެޕް ތައްޔާރުކުރީ ހެކްތޯންގެ މެންޓަލް ހެލްތު ޗެލެންޖުގެ ދަށުންނެވެ.

ޓީމް އެޓްލަސް

ޔޫތުހެކްއެމްވީގެ އުފެއްދުންތައް ބިނާކުރުމަށް އަމާޒުކުރެވުނީ ޖުމްލަ 3 ދާއިރާއަކަށެވެ. އެއީ މެންޓަލް ހެލްތު ޗެލެންޖު، އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖު އަދި ކްރިއޭޓަރ އިކޮނޮމީ ޗެލެންޖެވެ.

ވަނަތަކަށް ހޮވުނު ޓީމްތަކުގެ އިތުރުން ހެކަތޯންގައި އިތުރު 7 ޓީމަކުން މި 3 ދާއިރާއިން ޒުވާނުންނަށް ކުރިމަތިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް އީޖާދީ އެތަށް އުފެއްދުންތަކެއް ހުށަހެޅިގެން ދިޔަތަން ފެނުނެވެ. މިހެކަތޯންގައި 29 ފިރިހެން ބައިވެރިންނާއި 15 އަންހެން ބައިވެރިންނާއި އެކު ޖުމްލަ 44 ފަރާތަކުން ބައިވެރިވިއެވެ.

ޔޫތުހެކްއެމްވީ ކުރިއަށް ގެންދެވުނީ ޒުވާނުންނާއި އަންހެނުންނަށް ކުރިމަތިވާ އެކި އެކި މައްސަލަތަކަށް އީޖާދީ ހައްލު ހޯދުމަށް ބާރުއެޅުމުގެ ގޮތުންނާއި ފަންނިއްޔާތުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ކޯޑިންގގެ ދާއިރާގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރުތައް އިތުރުކުރުމުގެ މަގުސަދުގައެވެ.

ހެކްތޯން ނިންމުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހެކަތޯންގެ ޓެކްނިކަލް ފެސިލިޓޭޝަން ފޯރުކޮށްދިން ސްޕާކްހަބްގެ ޓީމަށާއި، މެންޓަރުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކާއި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކޮށް މިނިސްޓްރީއާއި ސްޕޮންސަރުން ޝުކުރުއަދާކޮށް ހަނދާނީ ފިލާ ހަދިޔާކުރިއެވެ.


ޔޫތުހެކްއެމްވީ ކާމިޔާބުކަމާއެކު ނިންމާލުމަކީ ދިވެހި ޒުވާނުންނަށް މިދާއިރާގައި ހެޔޮ ކުރިއެރުންތަކެއް އަދި ފުރުސަތުތަކެއް އިތުރުކޮށްދިން ކަމެކެވެ. މިހެކަތޯންއިން ކާމިޔާބު ލިބުނު ޓީމުތަކުން ހުށަހެޅި އެޕްތަކާއި ޕްލެޓްފޯމްތައް އިތުރަށް ތަރައްގީކުރެވި އަވަސް މުސްތަގްބަލެއްގައި ފެނިގެންދާނެކަން ޔަގީނެވެ. އަދި ބައިވެރިވި ހުރިހާ ޓީމްތަކަކަށް ވެސް ހެކަތޯންއިން ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެކަން ފާހަގަކުރަމެވެ.

އިތުރަށް ކިޔާލުމަށް

މޯލްޑިވްސް ޔޫތު ހެކަތޯން ފަށައިފި




ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.