ކްލައުޑް ކޮމްޕިއުޓިންގްގެ މުސްތަޤްބަލް ލަފާކޮށްފި

ކްލައުޑް ކޮމްޕިއުޓިންނަށް މިހާރު އެއޮތީ ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައެވެ. އެއް ޒަމާނެއްގައި ޓެކްގެ ހުރިހާ ބޭނުންތަކަށް އެންމެ ރަނގަޅު ހައްލެއްގެ ގޮތުގައި ދެކެވުނު ނަމަވެސް މިހާރު އޭގެ އަގާއި މެދު ސުވާލު އުފެދެ އެވެ. އެމެޒޯން ވެބް ސާވިސެސް، މައިކްރޮސޮފްޓް، އަދި ގޫގަލް ފަދަ ކުންފުނިތަށް ވަނީ އެކުންފުނިތަކުގެ ޕަބްލިކް ކްލައުޑް ސާވިސްތަކުގެ ޚަރަދާއި ފައިދާއާއި ބެހޭގޮތުން ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކްލައުޑް ކޮމްޕިއުޓިންގް (އޮންލައިން ސާވަރުތަކުގައި ޑޭޓާ ރައްކާކުރުން) އަލަށް ތަޢާރަފް ވެގެން އައި ދުވަސްވަރު ޕަބްލިކް ކްލައުޑް ބޭނުންކޮށްގެން ހަރަދުތައް ކުޑަކޮށް، ކަންކަންތައްތައް ފަސޭހަކުރެވޭ ކަމަށް އެކަމުގެ މާޙިރުންނާާއި ބޮޑެތި ވިޔަފާރިވެރިން ތަޢުރީފު ކުރުމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކުން "ކްލައުޑް ފަރސްޓް" ބޭނުންކުރަން ފެށިއެެވެ. ނަމަވެސް ކުރި އުންމީދުތަކާއި ޚިލާފަށް އަމިއްލަ ތަނުގައި އަމިއްލައަށް ސިސްޓަމެށް ހިނގުމަށް ވުރެ ޕަބްލިކް ކްލައުޑަށް ކުރަންޖެހުނު ހަރަދު އެއައްވުރެ މާ ބޮޑެވެ.

މިހާރު ބައެއް ކުންފުނިތަކުން ދަނީ ހަރަދުތަށް ކުޑަކުރުމަށްޓަކައި އަމިއްލަ ސާވަރތައް ބޭނުން ކުރުމަށް އަނބުރާ ބަދަލުވަމުންނެވެ. އެގޮތުން "37ސިގްނަލް" ކްލައުޑް ސާވިސްތަކާ ދުރަށް ގޮސް ވަނީ 1 މިލިއަނަށް ވުރެ ގިނަ ޑޮލަރު ސަލާމަތް ކޮށްފައެވެ. މިކަމުން ޝެއަރޑް ޑޭޓާ ސެންޓަރުތައް ބޭނުންކުރުމަކީ ކްލައުޑަށް ވުރެ މާ އަގުހެޔޮ ގޮތްތެއް ކަން ހާމަވެގެންދިޔައެވެ.

މި ގެއްލުންތައް ލިބުނު ނަމަވެސް ޕަބްލިކް ކްލައުޑް ކުންފުނިތައް ދަނީ ކުރިއަރަމުންނެވެ. ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެވެ. އެގޮތުން އޭއައިއަށް ބޭނުންވާ ބޮޑު ކޮމްޕިއުޓިންގް ޕަވާރޔާއި ސްޓޯރޭޖް އެންމެ ފުރިހަމަޔަށް ފޯރުކޮށްދެނީ ކްލައުޑުންނެވެ. އެހެންކަމުން ކުންފުނިތަކުން ކްލައުޑް ސާވިސް މެދުވެރިކޮށް އެއައި ބޭނުންކުރުމަކީ ފަސޭހަ އަދި އަގުހެޔޮ ގޮތެށް ކަމަށް ދެކި ކްލައުޑަށް ބަރޯސާވާން ފަށާފިއެވެ. މި ސިނާތުގެ މާހިރުން ދެކޭ ގޮތުގައި މިއީ ކްލައުޑް ކުންފުނިތަށް ފުޅާކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.

ކުރިއެރުން ދެމެހެއްޓުމަށްޓަކައި ކްލައުޑް ޕްރޮވައިޑަރުން ސްޓްރެޓެޖިކް ބަދަލުތަކެއް ގެންނަން އިންފޮރވޯލްޑް ގެ އެނަލިސްސް އާރޓިކަލްއެއްގައި، ޓެކްނޮލޮޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ޑޭވިޑް ލިންތިކަމް ހުށައަޅާގޮތްތަކަކީ:

1. ޕްލެޓްފޯރމްތަކުގެ މެދުގައި ބޭނުންކުރުމަށް ސަޕޯޓްކުރުން: ފަސޭހަކަމާއެކު އެތައް ޕްލެޓްފޯމްތަކެއްގެ މެދުގައި މަސައްކަތްކުރާ ފަންނިޔާތުތައް ތަރައްގީކުރުމެވެ.

2. އަގު ހެޔޮކުރުން: ހާޑްވެއާގެ އަގު ދަށްވާހެން ކްލައުޑް ޚިދުމަތްތަކުގެ އަގު ދަށް ކުރުމެވެ.

ކްލައުޑް ކޮމްޕިއުޓިންގެ މުސްތަގުބަލު ބިނާވެފައިވަނީ ޕްރޮވައިޑަރުން ތަރައްގީވާ މިންވަރަށެވެ. މިހާރު އޭއައި އިން ކުރިއެރުން ލިބުނު ނަަމަވެސް، މިއީ އަބަދަށް ދެމިގެންދާނެ ކަމެއް ނޫނެވެ. ޚަރަދާއި ފްލެކްސިބިލިޓީގެ މައްސަލަތައް ހައްލުކޮށްގެން، ބަދަލުވަމުން އަންނަ ޓެކްގެ ދުނިޔޭގައި ކްލައުޑް ޕްރޮވައިޑަރުންނަށް ވާދަވެރި ގޮތެއްގައި ދެމިތިބެވޭނެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.