ސްމާޓްފޯންތަކާއި އައިއޯޓީ ޑިވައިސްތަކާއި 5ޖީ ނެޓްވޯކްތަށް ކުރިއެރުމާއެކު ކޮންމެ ދުވަހަކު ވެސް ބޮޑު އަދަދެއްގެ ޑޭޓާ އުފައްދަންޖެހެއެވެ. މި ޑޭޓާ އިތުރުވުމުން ނެޓްވޯކް ތޮއްޖެހުމާއި، ލަސްވުމާއި އަދި ސެކިއުރިޓީ މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް އެޖް ކޮމްޕިއުޓިންގ އިން ވަނީ ޑޭޓާ އުފައްދާ ތަނާ ކައިރީގައި ޑޭޓާ ޕްރޮސެސްކޮށް، މި މައްސަލަތައް ހައްލުކޮދީފައެވެ.
އެޖް ކޮމްޕިއުޓިންގ އަކީ ކޯއްޗެއް؟
އެޖް ކޮމްޕިއުޓިންގ އަކީ އެޖް ޑިވައިސް ކިޔާ ކުދި، ބާރު ކުޑަ ޑިވައިސްތަކެއް ބޭނުންކޮށްގެން، ޑޭޓާ އުފައްދާތަނާއި ކައިރީގައި ހުރެ ޑޭޓާ ޕްރޮސެސް ކުރުމެވެ. މި ޑިވައިސްތަކުން ހުރިހާ ޑޭޓާއެއް ސެންޓްރަލައިޒްޑް ކްލައުޑް ސަރވަރތަކަށް ފޮނުވުމުގެ ބަދަލުގައި ޑޭޓާ ބެލެހެއްޓުމުގެ ސަބަބުން ޕްރޮސެސިންގ އަވަސްވެ، ނެޓްވޯކަށް ބުރަވާ މިންވަރު ކުޑަވެގެންދެއެވެ.
އެޖް އާއި ކްލައުޑް ކޮމްޕިއުޓިން
އެޖް ކޮމްޕިއުޓިން އަކީ ކްލައުޑް ކޮމްޕިއުޓިން އިތުރަށް ރަގަނޅުކުރުމަށް އެކުގައި މަސައްކަތްކުރާ އެއްޗެކެވެ. އެޖް ޑިވައިސްތަކުން ވަގުތުން ޑޭޓާ ޕްރޮސެސް ކުރާއިރު، ކްލައުޑް ސަރވަރތަކުން ޑޭޓާ އެނަލިސިސް އާއި ސްޓޯރޭޖް ބެލެހެއްޓުން ފަދަ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އެހެންކަމުން މި ދެ ޓެކްނޮލެޖީ ބޭނުންކޮށް އެޕްލިކޭޝާންތަކުގެ މަސައްކަތުގެ އަވަސްމިނާއި ފުރިހަމަކަން އިތުރުކުރެވެއެވެ.
އެޖްގައި އޭއައިގެ ދައުރު
މިހާރު ބައެއް އޭއައިތައް އެޖް އަށް ބަދަލުވެ، ޑޭޓާ އުފައްދާ ތަނާ ކައިރިން ޕްރޮސެސް އެބަ ކުރައެވެ. ގާޓްނަރ އިން ބުނާ ގޮތުގައި 2025 ގައި އެންޓަޕްރައިސް ޑޭޓާގެ %75 އުފައްދައި ޕްރޮސެސް ކުރެވޭނީ އާދައިގެ ޑޭޓާ ސެންޓަރުތަކުން ބޭރުގައެވެ. އެޖް އެއައި ގައި އޭއައި އަދި އެޖް އެއްވެފައިހުރުމުގެ ސަބަބުން ކްލައުޑް ބޭނުން ނުކޮށް ވެސް ވަގުތުން ޑޭޓާ ޕްރޮސެސް ކުރެވެއެވެ.
އެޖް އޭއައި އިން ނިންމުންތައް ނިންމުމާއި ޖަވާބު ދިނުމަށް ނަގާ ވަގުތު ވަރަށް ކުޑަކޮއްދެއެވެ. އެއީ ސިކުންތަކުން ނިންމުންތައް ބޭނުންވާ އޮޓޮނޮމިކް ވެހިކަލްތަކާއި، އިންޑަސްޓްރިއަލް މެޝިންތަކާއި، އަދި ވަގުތުން ބަލިމީހުން މޮނިޓަރކުރާ ހެލްތްކެއާ ޑިވައިސްތައް ފަދަ ފަންނިއްޔާތުތަކުގައި ވަރަށް މުހިންމު އެއްޗެކެވެ.
އެޖް އޭއައި ބޭނުންތަކަށް ބަލާއިރު މިސާލަކަށް ސްމާޓް ސިޓީތަކުގެ ޓްރެފިކް ސިސްޓަމްތަކާއި ދަނޑުވެރިކަމުގައި ގަސްތައް އެޖް އޭއައި ބޭނުންކޮށް ބެލެހެއްޓިދާނެވެ.
އެޖް އޭއައި
އެޖް އޭއައި މާކެޓް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންނެވެ. 2024 ވަނަ އަހަރު 24.2 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2029 ވަނަ އަހަރު 54.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުުން އަހަރަކު %17.7 ގެ ރޭޓުން ކުރިއަރާނެއެވެ. މި ކުރިއެރުން ލިބެނީ ސްމާޓް ހޯމް، އިންޑަސްޓްރިއަލް އޮޓޮމޭޝަން، ސިއްޙީ ފަރުވާ، ދަނޑުވެރިކަން، އަދި ދަތުރުފަތުރު ފަދަ އެކި ދާއިރާތަކުގައި އައިއޯޓީ ޑިވައިސްތައް ބޭނުންކުރުން އިތުރުވުމުންނެވެ.
ގޮންޖެހުންތަކާއި ހައްލުތައް
އެޖް އޭއައި އިން ފައިދާތަކެއް ލިބުނު ނަމަވެސް ޑޭޓާގެ ރައްކާތެރިކަމާމުދު ކަންބޮޑުވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން ޑޭޓާގެ ޞައްޙަކަމާއި ދެމެހެއްޓުމަށް، ކުންފުނިތަކުން ސެކިއުރިޓީ ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅައި، އަދި އޭއައި މޮޑެލްތައް ގަވާއިދުން އަޕްޑޭޓް ކުރަން ޖެހެއެވެ.
އެޖް އޭއައި އަކީ ކޮމްޕިއުޓިން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެޖް ޑިވައިސްތަކުގައި އޭއައި ބޭނުންކޮށް އަވަސްކަމާއެކު ޑޭޓާ ޕްރޮސެސްކޮށް ރަނގަޅު ނިންމުންތައް މި ފަންނިއްޔާތު ފޯރުކޮއްދެއެވެ. ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް އެޖް އޭއައި އިން އެކިއެކި ސިނާއަތްތަކާއި ކޮމްޕިއުޓިންގެ ދާއިރާ ކުރިއަރުވަމުން ގެންދާނެވެ.
އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.