ފަހުގެ ހަބަރުތަކުން ފެންނަގޮތުގައި 19 ޖުލައި 2024 ވީ ހުކުރު ދުވަހު ދުނިޔޭގެ ވަރަށް ގިނަ ބޮޑެތި ކުންފުނިތަކެއްގެ ހިދުމަތްތަކެއް ހުއްޓުމަކަށް ގެނައި އައިޓީ އައުޓޭޖްގެ ފަހަތުގައިވާ ސަބަބަކީ ވިންޑޯސް އޮޕްރޭޓިންގ ސިސްޓަމްގެ އަޕްޑޭޓެކެވެ. ކްރައުޑްސްޓްރައިކް ކުންފުނީގެ ސީއީއޯ ޖޯޖް ކަރޓްޒް ކޮށްފައިވާ ޓްވީޓެއްގައި ބުނާގޮތުން މިމައްސަލަ ދިމާވީ "މައިކްރޮސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމް (އޯއެސް) ތަކުގައި ސޮފްޓްވެއަރގެ ކޮންޓެންޓް އަޕްޑޭޓެއްގައި ހުރި މައްސަލައެއްގެ ސަބަބުންނެވެ.
ކްރައުޑްސްޓްރައިކްއަކީ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ސެކިޔުރިޓީއަށް ބޭނުންކުރާ ތަރޑް ޕާޓީ ސޮފްޓްވެއަރއެކެވެ. ކްރައުޑްސްޓްރައިކްގެ މިސޮފްޓްވެއަރއަކީ ކަރނަލް ލެވެލްގެ އެޕްލިކޭޝަނެކެވެ. ކަރނަލް ލެވެލް އެޕްލިކޭޝަންތަކަކީ އާންމުކޮށް އޮޕަރޭޓިން ސިސްޓަމް ކޮންޓްރޯލްކުރާ ތަކެއްޗެވެ. މިސާލަކަށް ކޮމްޕިޔުޓަރުގެ މެމޮރީއާއި ހާޑްވެއަރ، ކޮމިޔުނިކޭޝަންއާއި ސެކިޔުރިޓީ ފަދަ މުހިއްމު ބައިތައް މެނޭޖްކުރާ އެޕްލިކޭޝަންތައް ކަރނަލް ލެވެލްގައި ހިމެނޭނެއެވެ.
ކްރައުޑްސްޓްރައިކްއަކީ ޖޯޖް ކަރޓްޒް (މިހާރުގެ ސީއީއޯ)، ޑިމިޓްރީ އަލްޕެރޮވިޗް (ކުރީގެ ސީޓީއޯ) އަދި ގްރެގް މާސްޓަން (ކުރީގެ ސީއެފްއޯ) ވެގެން 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. 2012 ވަނަ އަހަރު މިކުންފުނީގެ ސަބްސިޑަރީކަމަށްވާ، 'ކްރައުޑްސްޓްރައިކް ސަރވިސަސް' އިން ސައިބަރ ސެކިޔުރިޓީއާއި ރެސްޕޮންސްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށިއެވެ. 2013 ގައި މިކުންފުނިން އެންޑްޕޮއިންޓް ސެކިޔުރިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ފުރަތަމަ އުފެއްދުން ކަމަށްވާ 'ކްރައުޑްސްޓްރައިކް ފެލްކަން' ތައާރަފްކޮށް އެހިދުމަށް ދޭން ފެށިއެވެ.
ކްރައުޑްސްޓްރައިކްއަކީ މައިގަނޑުގޮތެއްގައި ކޯޕަރޭޓް ކުންފުނިތަކުގެ ސައިބަރ ސެކިޔުރިޓީ އާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރާ އެމެރިކާއަށް ނިސްބަތްވާ ކުންފުންޏެކެވެ. މިކުންފުންޏަކީ 80 ބިލިއަން ޑޮލަރަށް އަގުކުރެވޭ ކުންފުންޏެކެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި އެކުންފުންޏަކީ ވިންޑޯޒް އެންޑްޕޮއިންޓް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މާކެޓް ލީޑަރެކެވެ. އެކުންފުނީގެ މާކެޓްގެ ހިއްސާއަކީ %22 އެވެ. އޭގެ މާނައަކީ މިހާރު ބޭނުންކުރެވޭ ވިންޑޯސް މެޝިނުތަކުގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 5 ސިސްޓަމަކުން 1 ސިސްޓަމްގައި ބޭނުންކުރަނީ ކްރައުޑްސްޓްރައިކް ސޮފްޓްވެއަރއެވެ.
އެންޑްޕޮއިންޓް ސެކިޔުރިޓީގެ ފޯރުކޮށްދިނުމުގެ މާނައަކީ ސިސްޓަކަމަށް އެކްސެސްވާ ހުރިހާ ޕޮއިންޓްތަކެއް ރައްކާތެރިކުރުމެވެ. މިސާލަކަށް ކޮމްޕިޔުޓަރ، ސްމާޓްފޯން، ޓެބްލެޓް ފަދަ ޑިވައިސްތަކަކީ ނެޓްވޯކް ސިސްޓަމަކަށް ކަނެޓްކުރާ ޕޮއިންޓްތަކެވެ.
ވިންޑޯސް އެންޑްޕޮއިންޓް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މިކުންފުނިން ކޯޕަރޭޓް ކުންފުނިތަކަށް ޑޭޓާ ބްރީޗް، ރެންސަމްވެއަރ އަދި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމުގެ ހިދުމަތް ފޯރުކޮށްދެއެވެ. މީގެ ކުރިން މިކުންފުނިން ވަނީ އެމެރިކާގެ ވަރަށް ހައި ޕްރޮފައިލް ސައިބަރ އެޓޭކް ކޭސްތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިސާލަކަށް 2014 ވަނަ އަހަރު ސޮނީ ޕިކްޗަރސް އެންޓަޓެއިންމަންޓަށް ކުރި ސައިބަރ ހަމަލާއާއި 2016 ވަނަ އަހަރު އެމެރިކާގެ ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީއަށް ރަޝިއާގެ ހެކަރުންތަކެއް ދިން ސައިބަރ ހަމަލާ ހިމެނެއެވެ.
ކްރައުޑްސްޓްރައިކްގެ ސެކިއުރިޓީ ސޮފްޓްވެއަރ އިން ހެކްކުރުމުގެ އިންޒާރުތައް ދެނެގަނެ ބްލޮކް ކުރެއެވެ. ސައިބަރ ސެކިއުރިޓީގެ އެހެން އުފެއްދުންތަކެކޭ އެއްފަދައިން މިސޮފްޓްވެއާރގައި ވެސް ހެކްކުރުމުގެ ނުރައްކާތައް ސްކޭން ކުރުމަށްޓަކައި އޮޕަރޭޓިން ސިސްޓަމް ލެވެލްގައި ކޮމްޕިއުޓަރަށް އެކްސެސް ކުރަންޖެހެއެވެ.
މައުލޫމާތު ލިބޭގޮތުގައި ކްރައުޑްސްޓްރައިކްއިން އާންމުކޮށް އެހެން ފަހަރުތަކެކޭ އެއްފަދައިން އެޕްލިކޭޝަނަށް ގެންނަންޖެހޭ ބަދަލު ގެނެސް ހުރިހާ ވިންޑޯސް މެޝިނުތަކަށް އެއްފަހަރާ އަޕްޑޭޓް ފޮނުވާލީއެވެ. މި އަޕްޑޭޓްގައި ހުރި މައްސަލައެއްގެ ސަބަބުން މައިކްރޮސޮފްޓް ވިންޑޯޒްގެ ހުރިހާ މެޝިންތަކެއް އެއްފަހަރާ ވިންޑޯސް އޯއެސް ކްރޭޝްވެ، "ބްލޫ ސްކްރީންސް އޮފް ޑެތް" ނުވަތަ BSOD ފެންނަންފެށިއެވެ. އަދި ދުނިޔޭގެ އެތައް މިލިއަން ވިންޑޯޒް ކޮމްޕިއުޓަރުތަކުން ކުރި މަސައްކަތްތައް ހުއްޓުމަކަށްއައެވެ.
އާންމުކޮށް ކޮންމެ ލެވެލްއެއްގައި ނަމަވެސް، ސޮފްޓްވެއަރ ޑިވެލޮޕްކޮށް ލައިވްކުރާއިރު އަމަލުކުރާ އުސޫލަކީ މައްސަލައެއް ހުރި ބައެއް ލައިވް ކުރެވިއްޖެނަމަ، މައްސަލަ ޖެހުމުގެ ކުރީގެ ވަރޝަން ނުވަތަ ކުރީގެ ހާލަތައް ރުޖޫއަކޮށް އަނެއްކާ އަޕްޑޭޓެއް ފޮނުވަނީއެވެ. އަދި ފެނުނު މައްސަލަތައް އިސްލާހުކޮށް، ބަގު ފިލުވާ އަލުން އައު އަޕްޑޭޓެއް ފޮނުވާނީއެވެ. އެހެން ނަމަވެސް މިފަހަރު ދިމާވި މައްސަލައިގެ ސަބަބުން ކޮމްޕިޔުޓަރ ސިސްޓަމްތައް އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާތީ އަޕްޑޭޓެއް އަލުން ފޮނުވާލެވޭ ގޮތެއް ނުވެއެވެ.
މިކަން ހިނގާ ދިޔަ ގޮތުގައި އިތުރަށް ސޮފްޓްވެއަރ އަޕްޑޭޓަތައް ފޮނުވުމުގެ އުސޫލުތަކާއި ދެކޮޅު އަނެއް މައްސަލައަކީ އެއްފަހަރާއި ހުރިހާ ސިސްޓަމްތަކެއް އަޕްޑޭޓްކޮށްލުމެވެ. މިފަދަ ބޮޑެތި އަޕްޑޭޓްތައް ފޮނުވާލާއިރު އާންމުކޮށް ކުރާ އުސޫލަކީ ބައިބަޔަށް ކުރުމެވެ. އެއީ މައްސަލައެއް ދިމާވި ނަމަވެސް ކުރާ އަސަރު ކުޑަކުރުމުގެ ބޭނުމުގައެވެ. ކްރައުޑްސްޓްރައިކް ފަދަ ސައިބަރ ސެކިޔުރިޓީ ހިދުމަތް ފޯރުކޮށްދޭ ބައިނަލްއަގްވާމީ ފަރާތްތަކެއްގެ ޑިޕްލޯއިމަންޓް އުސޫލުތައް މިގޮތަށް ހުރުމަކީ ހާއްސަކޮށް ދެކޮޅުނުޖެހޭ ކަމެކެވެ.
ކްރައުޑްސްޓްރައިކުން ބުނާގޮތުގައި މިކަން ހައްލުކުރެވެން އަންނަނީ މެނުއަލްކޮށް ވަކި ވަކި ކޮންމެ ސިސްޓަމެއް ސޭފް މޯޑުގައި އަލުން ހުޅުވައިގެންނެވެ. އަދި އެކުންފުނިން ފޮނުވި ސިސްޓަމް އަޕްޑޭޓް ފައިލް ޑިލީޓްކޮށް އަލުން ސިސްޓަމް ސްޓާޓްކޮށްގެންނެވެ. މިއީ ވަރަށް ގިނަ ވަގުތު ނަގާނެ އުނދަގޫ ހައްލެކެވެ.
މިހާރުގެ ގިނަ ކުންފުނިތަކުގެ ޕްރޮޓޮކޯލްތައް ހުންނަ ގޮތުން ކޯޕަރޭޓް ލެވެލްގެ ސިސްޓަމްތަކަކީ ކޮންމެ މުވައްޒަފަކަށް ވަކިން އޯއެސް ލެވެލްގެ ފައިލްތަކަށް އެކްސެސް ކުރެވޭ ސިސްޓަމްތަކެއް ނޫނެވެ. އެހެންކަމުން ބޮޑު ކުންފުންޏެއްގައި އައިޓީ ސަޕޯޓް މުވައްޒަފުން ކޮންމެ ސިސްޓަމެއްގެ މިމައްސަލަ ވަކި ވަކިން މިގޮތަށް ހައްލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
މިމައްސަލައިން އަރައިގަނެ ސިސްޓަމްތައް ބޭނުންކުރެވޭނޭ ލެވެލްއަށް ގެންދިޔުމަށް މިވަގުތު ކުރެވޭނެ ކަމަކީ މިއީއެވެ. ކްރައުޑްސްޓްރައިކް އަދި މައިކްރޮސޮފްޓްއިން ވަރަށް އަވަހަށް މިމައްސަލަ ދާއިމީކޮށް ހައްލުކުރުމަށް ރަސްމީ އަޕްޑޭޓެއް ނެރޭނޭކަމަށް ލަފާކުރެވެއެވެ.
މިމައްސަލައިގައި ކްރައުޑްސްޓްރައިކް ފެލްކަން ސެންސަރ ސޮފްޓްވެއަރ އިންސްޓޯލްކޮށްފައިވާ ވިންޑޯޒްގެ ހުރިހާ ސިސްޓަމްތަކަށް އަސަރުކުރިއެވެ. މެކް އަދި ލިނަކްސް އޮޕްރޭޓިންގ ސިސްޓަމްގައި މަސައްކަތް ކުރާ ސިސްޓަމްތަކަށް މިއަޕްޑޭޓްގެ އަސަރެއް ނުކުރެއެވެ.
މިހުއްޓުމުގެ ސަބަބުން އެތަށް ގިނަ ގައުމެއްގައި އެތަށް ގިނަ ދާއިރާގެ ހިދުމަތްތަކަށް އެކިވަރުވަރުން އަސަރުކުރިއެވެ.
- ދަތުރުފަތުރުގެ ހިދުމަތްތައް
މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ އެއަލައިން ހިދުމަތްތަކަށެވެ. ހުކުރު ދުވަހުގެ ހެނދުން ފެށިގެން ގިނަ އެއަރޕޯޓްތައް ހުއްޓި ވަގުތީ ގޮތުން ފްލައިޓްތައް ގްރައުންޑްވިއެވެ. އެމެރިކާ، ފްރާންސް، ސްޕެއިން، އޮސްޓްރޭލިއާ އަދި އިންޑިޔާގައި ޕްލައިޓްތަކަށް އަސަރުކުރިކަމުގެ ހަބަރުތައް ލިބުނެވެ. ދާދި ފަހުން ލިބުނު ހަބަރުތަކުން ލަންޑަންގެ އެއަރޕޯޓާއި ޓްރެއިންގެ ހިދުމަތްތަކަށް އަސަރުކޮށް އެތައް ހާސް ބައެއްގެ ދަތުރުތަކަށް ބުރޫއަރައިފިއެވެ.
- އެމަރޖެންސީ ހިދުމަތްތައް
އެމަރޖެންސީ ހިދުމަތްތައް ފޯރުކޮށްދޭ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ގިނަ އިދާރާތަކުގެ އިންފްރާސްޓްރަކްޗަރ އަދި މަސައްކަތްތަށް ބަރޯސާވެފައިވަނީ ވިންޑޯޒް މެޝިންތަކަށެވެ. އެގޮތުން އެމެރިކާގެ އެމަރޖެންސީ ހިދުމަތްދޭ 911 ކޯލްސެންޓަރުތަކުގެ މަސައްކަތަށް ވެސް މިކަމުން އަސަރުކުރިއެވެ.
- ސިއްހީ ހިދުމަތްތައް
ކްރައުޑްސްޓްރައިކްގެ އަޕްޑޭޓް މައްސަލައިގެ ސަބަބުން ވިންޑޯޒް ޕީސީތަކާއި އެކު ބައެއް ގައުމުތަކުގެ މެޑިކަލް ސިސްޓަމްތަށް ވެސް ޑައުންވިއެވެ. އިނގިރޭސި ވިލާތުގެ ހޮސްޕިޓަލްތަކުގައި ސިސްޓަމް ކްރޭޝްވުމުގެ ސަބަބުން ބަލިމީހުންގެ މުހިންމު މައުލޫމާތަށް އެކްސެސް ނުކުރެވޭ ކަމަށް ބަލޫމްބަރގްއިން ރިޕޯޓުކުރެއެވެ. އަދި ނިޔުޔޯކުގެ ހޮސްޕިޓަލެއްގެ ސިސްޓަމްތައް ޑައުންވުމުގެ ސަބަބުން ބައެއް ސަރޖަރީ ހެދުމުގެ ކަންތައްތައް ލަސްކުރަންޖެހުނުކަމަށް ހަބަރު ލިބުނެވެ. ފްރާންސްގެ ހޮސްޕިޓަލެއްގައި ބަލިމީހުން ޗެކިންނުކުރެވި މެނުއަލް ސިސްޓަމަކަށް ވަގުތީގޮތުން ބަދަލުކުރަން ޖެހުނުކަމަށް ވެސް ރިޕޯޓުކުރެވުނެވެ.
- ސްޓޮކް މާކެޓް
މި ހުއްޓުމާއެކު ގިނަ ފަރާތްތަކުން ލަފާކުރާނީ މައިކްރޮސޮފްޓްގެ ސްޓޮކް އަގުތައް ދަށަށްދާނެކަމަށެވެ. އެހެން ނަމަވެސް މިހުއްޓުމުގެ ސަބަބުން ވަގުތީ ގޮތުން ބައެއް ތަންތަނުގައި އެއްގޮތަކަށް ވެސް ސްޓޮކް ވިޔަފާރި ނުކުރެވުނެވެ. މިސާލަކަށް ލަންޑަން ސްޓޮކް އެކްސްޗޭންޖްގައި ހުކުރު ދުވަހު ހެނދުނު ގަޑީގައި ވިޔަފާރި ފެށުން ލަސްކުރަންޖެހުނެވެ.
- ޓީވީ ބްރޯޑްކާސްޓް
މިހުއްޓުމުގެ ސަބަބުން އަސަރު ކުރި އެއް ބްރޯޑްކާސްޓިންގ އިދާރާއަކީ ޔޫކޭގެ ސްކައި ނިއުސްއެވެ. ހަބަރު ލިބުނު ގޮތުގައި ސްކައި ނިއުސްގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑުނެވެ. މީގެ އިތުރުން ފްރާންސްގެ ގިނަ ޓީވީ ޗެނަލްތަކަށް ވެސް އަސަރުކުރިއެވެ. އެމެރިކާގައި އެންބީސީ އަދި އެމްއެސްއެންބީސީ ހަބަރު އިދާރާތަކަށް ވެސް އަސަރުކުރިއެވެ. އަދި އޮސްޓްރޭލިޔާގައި ސްކައި އޮސްޓްރޭލިޔާ، އޭބީސީ ނިއުސް އަދި އެސްބީއެސް ނިއުސް ވެސް ހުއްޓުނުނެވެ.
- ރީޓެއިލް ވިޔަފާރި
އޮސްޓްރޭލިޔާއާއި ނިއުޒީލެންޑްގައި ހަރަކާތްތެރިވާ ރީޓެއިލް ކުންފުނި ވޫލްސްވޯތް އާއި ކޯލްސް ފަދަ ތަންތަނުން ހިންގާ ސުޕަރމާކެޓްތައް ހުއްޓުނުކަމަށް ވެސް ރިޕޯޓްތަކުން ފެނުނެވެ.
މީގެ އިތުރުންވެސް ހަބަރުތަކުން ފެންނަމުންދާ ގޮތުން ވިސާ ކުންފުނި، އޭޑީޓީ ސެކިޔުރިޓީ އަދި އެމޭޒަންއަށް ވެސް މިކަމުގެ އަސަރުކުރިއެވެ. އަަދި ވަރަށް ގިނަ ބޭންކުތަކުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. މިކަމުގެ އަސަރު ނުކުރާ ހަމަ އެންމެ ގައުމެއްވެސް ނެތެވެ. ދިވެހިރާއްޖޭގައި ވެސް ބައެއް ކުންފުނިތަކުގެ ހިދުމަތްތަކަށް އަސަރުކުރިކަމަށް ހަބަރުތައް ލިބެއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިދުމަތްތަކަށް އަސަރުކުރިކަމަށް އެމްއޭސީއެލްގެ ޓްވީޓެއްގައި ބުނެފައިވެއެވެ.
މައިކްރޮސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާ ވަނީ ހުކުރު ދުވަހު ރިލީޒްކުރި ވިންޑޯސް އަޕްޑޭޓްގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ އައިޓީ ސިސްޓަމްތަކަށް އަސަރުކޮށްފައިވާ ކަމަށާއި، އެކަމުގެ ހައްލު ވީހާވެސް އަވަހަކަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ޓްވީޓްކޮށްފައެވެ. އަދި ކްރައުޑްސްޓްރައިކްއާއި ގުޅިގެން ވީހާވެސް އަވަހަކަށް ހުރިހާ ސިސްޓަމްތައް އޮންލައިންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހާމަކޮށްފައެވެ.
ކްރައުޑްސްޓްރައިކް ކުންފުނީގެ ސީއީއޯ ވަނީ މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ. މިހާދިސާ ދިމާވީ އެއްވެސް ސެކިޔުރިޓީ ބްރީޗެއް ނުވަތަ ސައިބަރ ހަމަލާއެއްގެ ސަބަބުން ނޫންކަމަށް ތަކުރާރުކޮށް އޭނާ ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން އެއްވެސް ކަސްޓަމަރެއްގެ ކުންފުންޏަކަށް ނުވަތަ ޑޭޓާއަކަށް އަސަރުނުކުރާނެކަމަށް ޔަގީންކަން ދިނެވެ.
މިހާރު ދިމާވެގެން އުޅޭ މައްސަލައިގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ޖީޑީޕީއަށް ވެސް އަސަރުކުރާނެތީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރިއެވެ. ހަމަ ޔަގީނުންވެސް މިކަމުގެ ސަބަބުން ކްރައުޑްސްޓްރައިކް ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާނެއެވެ. ރައްކާތެރިކަމުގެ ޔަގީންކަން ދޭ ފަރާތަކުން ސެކިޔުރިޓީ އަޕްޑޭޓެއް ފޮނުވާ އިރު ރައްކާތެރިކުރާ ހުރިހާ މެޝިނެއް އެއްފަހަރާ ކްރޭޝް ވާނަމަ އެފަރާތަކަށް ކުރެވޭ އިތުބާރު ދަށަށްދާނެދޯއެވެ.
އިތުރަށް ކިޔާލުމަށް
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް