އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ސްމާޓްފޯނުތަކުގެ ދުނިޔެ އިންޤިލާބީ ގޮތަކަށް ބަދަލުކުރަމުންދާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ސްމާޓްފޯނުތަކަކީ މިހާތަނަށް ފެނިފައިވާ އެންމެ މޯޅު އަދި ޤާބިލު މުވާސަލާތީ ވަސީލަތްތަކަށް ވަމުންދެއެވެ. ނިއުރަލް ޕްރޮސެސިންގ ޔުނިޓްތައް (އެންޕީޔޫ) އާންމުވަމުން އައުމާއެކު، ކުރިން ހަމައެކަނި ކްލައުޑް ކޮމްޕިއުޓިންގ މެދުވެރިކޮށް ހިންގޭ އޭއައި ފަންކްޝަންތައް މިހާރު ސީދާ ފޯނުތަކުގައިވެސް ހިންގުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މި ކުރިއެރުމުގެ ސަބަބުން ޑޭޓާ ބޭރުގެ ސާވަރުތަކަށް ފޮނުވުމުގެ ބަދަލުގައި ފޯނުގައި ޕްރޮސެސްކުރެވުމުން، ޑޭޓާ ޕްރޮސެސްކުރުމުގެ ސްޕީޑާއާއި ސިސްޓަމުގެ ހަރުދަނާކަމާއި އަދި ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވަސީ އިތުރުވެގެންދެއެވެ.
އެޕަލް، ސެމްސަންގ އަދި ގޫގުލް ފަދަ ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރާފައިވާ ބޮޑެތި ކުންފުނިތަކުން އެ ފަރާތްތަކުގެ ޑިވައިސްތަކުގައި އޭއައި އިންޓަގްރޭޓްކޮށް، ފާހަގަކޮއްލެވޭ އާ ތަޖުރިބާތައް ފޯރުކޮށްދެމުންދެއެވެ. މިގޮތުން، ވަގުތުން ބަސް ތަރުޖަމާކުރުމާއި، ފޯނު ކޯލުތަކުގެ އޮޓޮމެޓިކް ޚުލާސާ ތައްޔާރުކުރުމާއި، އަދި ބޭނުންކުރާ ފަރާތުގެ އެންމެ ފެތޭނެ އެޕްލިކޭޝަންތަށް ދެއްކުން ފަދަ ކަންތައްތައް މިހާރު ވަނީ ސްމާޓްފޯނުތަކުން ކުރުމްށް ފަހިވެފައެވެ. އެޕަލްގެ ސިރީ، ސެމްސަންގްގެ ބިކްސްބީ، އަދި ގޫގުލް އެސިސްޓަންޓް ފަދަ ވާރޗުއަލް އެސިސްޓަންޓުތައް މިހާރު ވަނީ ޑިވައިސްގައި ހިންގޭ އޭއައިގެ ސަބަބުން ކުރިޔަށް ވުރެ މާ ފުރިހަމަޔަށް އިޖާބަދޭ، ވާހަކަދެއްކުމަށް ފަސޭހަ އަދި އިތުރަށް އެހީތެރިވެދޭ ޓެކްނޮލެޖީ އަކަށް ވެފައެވެ.
ވާރޗުއަލް އެސިސްޓެންޓުތަކުގެ އިތުރުން، އޭއައި ވަނީ ފޯނު ބޭނުންކުރާ ފަރާތްތަކުގެ މުޢާމަލާތްކުރުމުގެ އުސްލޫބަށް އެތައް ބަދަލުތަކެއް ގެނެސްފައެވެ. މިހާރުގެ ކެމެރާތަކުގައި ހިމެނޭ ޖެނެރޭޓިވް އޭއައިގެ ޒަރިއްޔާއިން، އެއްޗެހިތައް ފޮޓޮއިން ނައްތާލުމާއި މަންޒަރުތައް އިތުރަށް ރީތިކުރުން ފަދަ ޒަމާނީ އެޑިޓިންގ ފީޗަރތައް ފޯރުކޮށްދެއެވެ. މިސާލެއްގެ ގޮތުން، ގޫގުލްގެ "ޕިކްސެލް" ފޯނުތަކުން އޭއައި މެދުވެރިކޮށް ކޯލް ސްކްރީންކުރުމާއި ޓްރާންސްކްރިޕްޝަން ތައްޔާރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭއިރު، ސެމްސަންގގެ ޑިވައިސްތަކުން އަތުން ލިޔެފައިވާ ނޯޓުތަކުގެ ޚުލާޞާ ތައްޔާރުކޮށް، އެ މަޢުލޫމާތުތައް ޓު-ޑޫ ލިސްޓުތަކަށް ތަރުތީބުކޮށްދެއެވެ.
މައިކްރޯސޮފްޓުންވެސް އެ ކުންފުނީގެ އެންމެ ފަހުގެ "ސަރފޭސް ޑިވައިސްތަކަށް އޭއައި އެއްކޮށްލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ވީޑިއޯ ކޯލްތަކުގައި އޭއައި ބޭނުންކޮށް ލޮލުގެ ގުޅުން ހަރުދަނާކުރުމާއި، މައިކްރޯސޮފްޓް ޕެއިންޓްގައި ޖެނެރޭޓިވް އޭއައި ފަދަ އުފެއްދުންތެރިކަން އިތުރުކުރާ ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން، "ރިކޯލް" ފަދަ އޭއައި ފީޗަރތަކުން، ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސްކްރީން ހިސްޓްރީ އާންމުކޮށް ވާހަކަ ދައްކާ ބަހުން ހޯދުމުގެ ފުރުޞަތު ލިބިދިނުމަކީ، ދުވަހުން ދުވަހަށް ކުރެވޭ ޑިޖިޓަލް މަސައްކަތްތަކުގައި އޭއައި އާ ގުޅިލާމެހިފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.
ނަމަވެސް، މި ކުރިއެރުންތަކާއެކު ޕްރައިވަސީ އާއި ގުޅޭ ކަންބޮޑުވުންތައް އުފެދެއެވެ. މި ކަންކަމަށް ޙައްލު ހޯދުމަށްޓަކައި، އުފެއްދުންތެރިން އަމާޒުކުރަނީ ޑިވައިސްގައި އޭއައި ޕްރޮސެސްކުރުމަށެވެ.
ނިއުރަލް ޕްރޮސެސިންގ ޔުނިޓްތައް (އެންޕީޔޫ) ތަރައްޤީވަމުންދާ މިންވަރަކުން، ސްމާޓްފޯނުތަކުގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެކަން ކަށަވަރެވެ.
އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.