ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް އެއް ޕްލެޓްފޯމަކަށް އެއްކޮށް، ޤައުމީ ފެންވަރުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަވަސްކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ނަން މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މި އައު އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ ޑޭޓާ އެކްސްޗޭންޖް ލޭޔަރއެއް ގާއިމުކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުން ހިމެނެއެވެ. މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ މުޅި އެންވަޔަރަންމަންޓް ޑިޖިޓަލައިޒްކުރުމަށް ވަނީ ރޭވިފައެވެ.
އައު އިދާރާގެ އެއް މުހިންމު ކަމަކީ ޕްރައިވެޓް ސެކްޓަރއާ ގުޅިގެން ޑިޖިޓަލް ޚިދުމަތްތައް ތަރައްގީކުރުމެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުން ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ޒުވާނުންނަށް ޑިޖިޓަލް އިކޮނޮމީގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.
މިނިސްޓަރު އަލީ އިހުސާން ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސާވިސް ޗާޓަރއެއް އެކުލަވާލެވޭނެއެވެ. މި ޗާޓަރގެ ދަށުން، ކޮންމެ ޚިދުމަތެއްގެ ފެންވަރާއި، އެ ޚިދުމަތެއް ލިބުމަށް ހޭދަވާނެ ވަގުތު ކަނޑައެޅި، ރައްޔިތުންނަށް އެނގެން އޮންނާނެއެވެ.
މި އައު އިދާރާގެ އެހެން މުހިންމު މަސައްކަތެއްގެ ގޮތުގައި، ޒުވާނުންގެ ޑިޖިޓަލް ޕްރޮޑަކްޓްތައް ބޭރު ޤައުމުތަކަށް ވިއްކުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. މިކަން ޙާޞިލުކުރުމަށް، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ މާރކެޓަށް ދިވެހި ޒުވާނުންގެ އުފެއްދުންތައް ނެރުމަށް މަގުފަހިކޮށްދެވޭނެއެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސަސްގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެކި އިދާރާތަކުގެ ޑިޖިޓަލް ޚިދުމަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް ވިލަރެސްކުރުން ހިމެނެއެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓައިމްލައިންގެ ތެރެއިން ނިންމަންޖެހޭ މަސައްކަތްތަކެކެވެ.
އިތުރަށް ކިޔާލުމަށް
އެންސީއައިޓީގެ މިސްރާބު ގަވްޓެކް އެޖެންސީއާއި ދިމާލަށް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.