Download Logo
Copy Logo

އޭއައި ފޮޓޯ --

ކުޑަކުދިންނަށް ސްމާޓް ފޯނު މަނާކުރަން ލަންކާއިން ވިސްނަނީ

އަޙްމަދު ދާއޫދު 01 ފެބްރުއަރީ 2026

ކުޑަކުދިންނަށް އިންޓަނެޓާއި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް، ސްރީލަންކާއިން 12 އަހަރުން ދަށުގެ ކުދިންނަށް ސްމާޓްފޯނު ގެންގުޅުމާއި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވިސްނަމުންދާކަން ހާމަކޮށްފިއެވެ.

ލަންކާގެ މިނިސްޓަރ ފޯ ވިމެން އެންޑް ޗައިލްޑް އެފެއާޒް، ސަވިތުރީ ޕައުލްރާޖް ވިދާޅުވީ، ކުޑަކުދިން ޑިޖިޓަލް ވަސީލަތްތަކަށް ހުށަހެޅޭ މިންވަރު ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، މި ހުށަހެޅުމުގައި ބޮޑަށް ބާރުއަޅާފައިވަނީ ޅަ އުމުރުގެ ކުދިންނަށް އަމިއްލަ ފޯނު ގެންގުޅުން މަނާކުރުމާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން ހުއްޓުވުމަށް ކަމަށެވެ.

މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ކުދިން "ސްކްރީން" އަށް ހުސްވާ ވަގުތު ކުޑަކުރުމާއި، އިންޓަނެޓްގައި ހުންނަ ގެއްލުންހުރި ކޮންޓެންޓުން ކުދިން ރައްކާތެރިކޮށް، އޭގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި އެހެން މީހުންނާ ގުޅިގެން އުޅުމާއި މޫނު ފެނިގެން މުއާމަލާތްކުރުމުގެ އާދަ އަށަގެންނެވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްރީލަންކާއިން މިކަމަށް ވިސްނަމުން މިދަނީ ޓެކްނޮލޮޖީއާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ގައުމުތަކުގެ ލިސްޓަށް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިޔާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާއިރު، ފްރާންސް، ނޯވޭ އަދި އިންޑިއާ ފަދަ ގައުމުތަކުންވެސް ދަނީ ކުޑަކުދިންގެ ޑިޖިޓަލް އާދަތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަށް މަޝްވަރާކުރަމުންނެވެ.

ސަރުކާރުތަކުން މިފަދަ ފިޔަވަޅުތަކަށް ވިސްނަނީ ޓެކްނޮލޮޖީ ކުންފުނިތަކުން އަމިއްލައަށް ހަދާފައިވާ ގަވާއިދުތައް ފެއިލްވެފައިވާ ކަމަށް ބުނެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި ބެލެހެއްޓުމެއް ނެތި ސޯޝަލް މީޑިއާ ބޭނުންކުރުމުން ކުދިންނަށް ސައިބަރ ބުލީގެ ޝިކާރައަކަށްވުމާއި، ނިދުމަށް ހުރަސްއެޅުމާއި، ނުރައްކާތެރި މީހުންނާއި އުމުރާ ނުގުޅޭ ކޮންޓެންޓަށް ހުށަހެޅުން ފަދަ މައްސަލަތައް ދިމާވާކަން ފާހަގަކުރެއެވެ.

ނަމަވެސް މި ހުށަހެޅުމާ މެދު ޚިޔާލުތަފާތުވުންތައް ވެސް އެބަހުއްޓެވެ. ޑިޖިޓަލް ރައިޓްސް އެކްޓިވިސްޓުން ބުނަނީ މަނާކުރުންތައް ތަންފީޒުކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، ޒަމާނީ ދުނިޔޭގައި ޑިޖިޓަލް ހުނަރަކީ މުހިންމު ކަމަކަށް ވާއިރު، އެއްކޮށް މަނާކުރުމުން ކުދިންގެ ތައުލީމީ އަދި ޓެކްނޮލޮޖީގެ ހުނަރުތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.

މި ހުށަހެޅުން އަދި އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށާއި ކެބިނެޓަށް ރަސްމީކޮށް އަދި ހުށަހަޅާފައި ނުވާކަމަށް ލަންކާ ސަރުކާރުން ބުނެއެވެ. އަދި މިކަމުގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ ތަޖުރިބާ ދިރާސާކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.