ްއެޕަލްގެ އަހަރީ ޙަފްލާގެ ތެރެއިން --- ފޮޓޯ: އެޕަލް
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްގެ 50 ވަނަ އަހަރީ ދުވަސް (ރަންޔޫބީލް) ފާހަގަކުރުމުގެ ގޮތުން ނިއުޔޯކް ސިޓީގައި ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ.
މާޗް 13 ވަނަ ދުވަހު ނިއުޔޯކްގެ އެޕަލް ގްރޭންޑް ސެންޓްރަލްގައި ބޭއްވި މި ޚާއްސަ ހަފްލާއަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ޖަމާވެފައިވެއެވެ. މި ހަފްލާގައި ބައިވެރިވި ފަރާތްތަކަށް މަރުހަބާ ވިދާޅުވީ އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި މަޝްހޫރު ފަންނާނު އަލީޝިއާ ކީޒް އެވެ.
މި ހަފްލާ ފެށިގެންދިޔައީ 17 ފަހަރު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ކާމިޔާބު ފަންނާނު އަލީޝިއާ ކީޒްގެ ހިތްގައިމު ލައިވް ހުށަހެޅުމަކުންނެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެޕަލްގެ އުފެއްދުންތަކުގެ ފެންވަރު ދައްކާލުމުގެ ގޮތުން، މި މުޅި ހަފްލާގެ ހުރިހާ ކަމެއް ރެކޯޑްކޮށްފައިވަނީ އެ ކުންފުނީގެ އެންމެ ފަހުގެ އައިފޯން 17 ޕްރޯ ބޭނުންކޮށްގެނެވެ.
މިއުޒިކީ ދުނިޔޭގައި ފާހަގަކޮށްލެވޭ އަލީޝިއާ ކީޒް އަކީ އެޕަލްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަންނާނެކެވެ. އެގޮތުން އޭނާގެ ހުރިހާ ލަވަތަކެއް އެޕަލް މިއުޒިކްގައި 'ސްޕޭޝަލް އޯޑިއޯ' ގައި ނެރެފައިވާއިރު، އެޕަލް މިއުޒިކް ލައިވް ހަފްލާއެއްވެސް އޭނާ ވަނީ ބާއްވާފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ތައާރަފްކުރި "އަލީޝިއާ ކީޒް: ރިހާސަލް ރޫމް" އަކީ އެޕަލް ވިޝަން ޕްރޯގެ ފުރަތަމަ އިމާސިވް ތަޖުރިބާތަކުގެ ތެރޭގައި ހިމެނުނު އުފެއްދުމެކެވެ. މީގެ ސަބަބުން އޭނާގެ ސަޕޯޓަރުންނަށް އެ ފަންނާނުގެ މިއުޒިކީ ދުނިޔެއަށް ވަދެލުމުގެ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ނިއުޔޯކްގައި ބޭއްވި މި ހަފްލާއަކީ އެޕަލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ފެށުމެކެވެ. މި ހިނގާ މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލް އިން މި މުނާސަބަތު ފާހަގަކުރަމުން ގެންދާނެއެވެ. އެޕަލް އިން ބުނެފައިވާ ގޮތުގައި މިގޮތުން ބާއްވާ ކޮންމެ ހަފްލާއެއްގައިވެސް އިންސާނުންގެ އީޖާދީ ގާބިލްކަމާއި ހުނަރުވެރިކަން ދައްކުވައިދޭނެއެވެ. އަދި އެޕަލްގެ އުފެއްދުންތައް ބޭނުންކޮށްގެން އާންމުންނަށް ކުރެވިދާނެ އާދަޔާޚިލާފު ކަންތައްތައްވެސް މި ހަފްލާތަކުގައި ދައްކާލާނެއެވެ.
އެޕަލް ކުންފުންޏަކީ 1 އޭޕްރީލް 1976 ގައި ސްޓީވް ޖޮބްސް، ސްޓީވް ވޮޒްނިއެކް އަދި ރޮނަލްޑް ވޭން ގުޅިގެން އުފެއްދި ކުންފުންޏެކެވެ. އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ސްޓީވް ޖޮބްސްގެ ގޭގެ ގަރާޖެއްގައި ވަރަށް އާދައިގެ ގޮތަކަށް ފެށި މި ކުންފުންޏަކީ މިއަދު ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ޓެކްނޮލޮޖީ ކުންފުންޏެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި އެޕަލް އިން ވަނީ އިންސާނުންގެ ދިރިއުޅުމާއި ޓެކްނޮލޮޖީއާ އޮންނަ ގުޅުމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން މެކިންޓޮޝް ކޮމްޕިއުޓަރާއި، އައިޕޮޑް، އައިފޯން، އައިޕެޑްގެ އިތުރުން އެޕަލް ވޮޗް އަދި އެޕަލް ވިޝަން ޕްރޯ ފަދަ އުފެއްދުންތަކަކީ މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އާންމުންގެ ދިރިއުޅުމަށް ބޮޑު ފަސޭހަތަކެއް ގެނެސްދިން އީޖާދީ އުފެއްދުންތަކެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.