އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' (ކުރީގެ ޓްވިޓަރ) ގެ އާ ޕޭމަންޓް ފީޗަރ ކަމަށްވާ "އެކްސް މަނީ" އަންނަ އޭޕްރީލް މަހު ލޯންޗުކުރާނެކަން އޭނާ އިއުލާންކޮށްފިއެވެ.
މި ފީޗަރއާއެކު އެކްސް ބަދަލުވެގެންދާނީ ފައިސާ ފޮނުވުމާއި ލިބިގަތުމަށް (ޕީއަރ-ޓު-ޕީއަރ ޓްރާންސްފަރ) ބޭނުންކުރެވޭ ފިންޓެކް އެޕަކަށެވެ.
މީގެ އިތުރުން ބޭންކް ޑިޕޮސިޓްކުރުމާއި، ޑެބިޓް ކާޑެއްގެ އިތުރުން ވީޒާ އާ ގުޅިގެން ކޭޝްބެކް ރިވޯޑްސްވެސް މި ޚިދުމަތުގެ ތެރެއިން ލިބިގެންދާނެއެވެ. އެކްސްގެ ސަބްސިޑަރީއެއް ކަމަށްވާ އެކްސް ޕޭމަންޓްސްގެ ނަމުގައި އެމެރިކާގެ 40 އަށްވުރެ ގިނަ ސްޓޭޓްގައި މިހާރު ވަނީ ލައިސަންސްވެސް ހޯދާފައެވެ.
މި އިއުލާނާއެކު ކްރިޕްޓޯކަރަންސީއެއް ކަމަށްވާ ޑޯޖްކޮއިން (Dogecoin) ގެ އަގު ކުޑަވަގުތުކޮޅަކަށް އުފުލިގެން ދިޔައެވެ. ސަބަބަކީ އެކްސް ޕޭމަންޓްސްގެ ތެރޭގައި ކްރިޕްޓޯ ހިމަނާނެކަމަށް އިންވެސްޓަރުންނަށް ކުރެވުނު އުންމީދެވެ. ނަމަވެސް އެކްސް މަނީ އަކީ ހަމައެކަނި ފިއަޓް (އާންމު ފައިސާ) ބޭނުންކުރެވޭ، ކްރިޕްޓޯގެ އެއްވެސް ފީޗަރއެއް ނުހިމެނޭ، ވެންމޯ (Venmo) ފަދަ ޕްރޮޑަކްޓެކެވެ. މީގެ ކުރިން އީލޮން މަސްކް ޑޯޖްކޮއިން އަށް ތާއީދުކޮށް ވާހަކަދެއްކި ނަމަވެސް، އެކްސް މަނީގައި ކްރިޕްޓޯގެ މުއާމަލާތްތަކެއް ނުކުރެވޭނެއެވެ.
މި ޕްރޮޑަކްޓްގައި ކްރިޕްޓޯ މާކެޓަށްވުރެ ބޮޑަށް ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެކައުންޓްގައި ބަހައްޓާ ބެލެންސުން 6 އިންސައްތައިގެ ފައިދާއެއް (Yield) ދޭން ނިންމާފައިވުމެވެ. މިއީ އެމެރިކާގެ ބޭންކްތަކުގެ ސޭވިންގްސް އެކައުންޓްތަކުން ދޭ މިންވަރަށްވުރެ މާ ބޮޑު އަދަދެކެވެ. މިކަމުގެ ސަބަބުން ރެގިއުލޭޓަރުންގެ ފާޑުކިޔުންތަކާއި ސަމާލުކަން އެކްސް އަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ.
ޚާއްޞަކޮށް، ބޭންކް ނޫން ފަރާތްތަކުން މިފަދަ ފައިދާތައް ދިނުމާ ގުޅޭގޮތުން އެމެރިކާގެ ކޮންގްރެސްގައި "ކްލެރިޓީ އެކްޓް" (CLARITY Act) ގެ ނަމުގައި ޤާނޫނެއް ފާސްކުރުމަށް ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި އެކްސް މަނީ ލޯންޗުކުރުމަކީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ.
އެކްސް މަނީ އަކީ ސްޓޭބަލްކޮއިން އެއް ނޫން ނަމަވެސް، އެ ޚިދުމަތުން ވެސް އަމާޒުކުރަނީ ސްޓޭބަލްކޮއިންތަކުން އަމާޒުކުރާ ފަދަ، ބޭންކަށްވުރެ ބޮޑު ފައިދާއެއް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށެވެ.
ކްރިޕްޓޯ ސްޓޭބަލްކޮއިންތަކަށް ހުރަސްއެޅޭ ގޮތަށް ޤާނޫނުތައް ހަދަމުންދާއިރު، އެކްސް ފަދަ ސޯޝަލް މީޑިއާ އެޕަކުން 6 އިންސައްތައިގެ ފައިދާއެއް ދިނުމަކީ ޤާނޫނީ ގޮތުންނާއި މާލީ އިދާރާތަކުގެ މެދުގައި ބޮޑު ބަހުސަކަށް ވެގެންދާނެ ކަމެކެވެ.
އީލޮން މަސްކް 2022 ވަނަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށްފަހު، އޭނާގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ އެ ޕްލެޓްފޯމްގެ ނަން 'އެކްސް' އަށް ބަދަލުކޮށް، މިއީ "އެވްރީތިންގ އެޕް" (ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭ އެޕްލިކޭޝަނެއް) އަކަށް ހެދުމެވެ.
މިއީ ޗައިނާގެ މަޝްހޫރު 'ވީޗެޓް' (WeChat) ފަދައިން، މީހުންނާ ގުޅުންބޭއްވުމުގެ އިތުރުން ވިޔަފާރީގެ މުއާމަލާތްތަކާއި، ފައިސާ ފޮނުވުމާއި އަދި އެނޫންވެސް ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އޭނާ ގެންގުޅޭ ތަސައްވުރެކެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕޭމަންޓް ގޭޓްވޭ ކަމަށްވާ 'ޕޭޕަލް' (PayPal) ގެ ވެސް އެއް ފައުންޑަރު ކަމަށްވާ މަސްކް، މި ޚިދުމަތް ފެށުމަށްޓަކައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ލައިސަންސްތައް ހޯދަމުންނެވެ. އެހެންކަމުން، މިހާރު ލޯންޗުކުރަން ތައްޔާރުވަމުންދާ "އެކްސް މަނީ" އަކީ އެކްސް އެޕްލިކޭޝަން މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް އޭނާ އަޅާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.