Download Logo
Copy Logo

ފޮޓޯ: އޭއައި

އޭއައި ލޭބަލްކުރުމާއި ކޮޕީރައިޓް ގާނޫނަށް އިނގިރޭސިވިލާތުން ބަދަލުގެންނަނީ

އަޙްމަދު ދާއޫދު 24 މާރިޗު 2026

އޭއައި އިން އުފައްދާ ކޮންޓެންޓް ލޭބަލްކުރުމާއި ކޮޕީރައިޓްގެ ގާނޫނުތަކަށް ބަދަލުގެންނަން އިނގިރޭސިވިލާތުން މަސައްކަތް ފަށައިފިއެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދޮގު މައުލޫމާތު ފެތުރުމާއި "ޑީޕްފޭކް" ތަކުން އާންމުން ސަލާމަތްކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްގައި ލޭބަލް ޖެހުން މަޖުބޫރުކުރުމަށް އިނގިރޭސި ސަރުކާރުން ވިސްނަމުންދާކަމަށް ހާމަކޮށްފައިވަނީ ބުދަ ދުވަހުއެވެ. މިއީ ދުނިޔެއަށް ކުރިމަތިވަމުންދާ މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ މިނިސްޓަރ ލިޒް ކެންޑަލް -- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ މިނިސްޓަރ ލިޒް ކެންޑަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އުފެއްދުންތެރި ސިނާއަތްތައް (ކްރިއޭޓިވް އިންޑަސްޓްރީޒް) ހިމާޔަތްކުރުމާއި އޭއައި ދާއިރާއަށް ކުރިއެރުން ހޯދައިދިނުމާ ދެމެދު ހަމަހަމަކަމެއް ގެންގުޅެން ޖެހޭކަމަށެވެ. އަދި މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ވަގުތު ނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮޕީރައިޓް އަދި އޭއައިއާ ގުޅޭގޮތުން އެގައުމުން ކުރާ މަސައްކަތުގެ ދެވަނަ މަރުހަލާގައި އެންމެ ބޮޑަށް ބަލާނީ، ހުއްދަނެތި މީހުންގެ ޑިޖިޓަލް ކޮޕީ ހެދުމުން ލިބޭ ގެއްލުންތަކާއި، އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތްތައް އޮންލައިންކޮށް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދުމާއި، އަދި މިނިވަން އުފެއްދުންތެރި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ.

އާޓިސްޓުންގެ މަސައްކަތްތައް ބޭނުންކޮށްގެން އާ ކޮންޓެންޓް އުފައްދާ އޭއައި ޗެޓްބޮޓްތައް އާންމުންގެ ތެރޭގައި މަގުބޫލުވަމުން އަންނައިރު، މީގެ ސަބަބުން ކުރިމަތިވާ ގާނޫނީ އަދި އަޚްލާގީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދު ހަދާ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ގާނޫނީ ފަރމެއް ކަމަށްވާ ޓޭލަރ ވެސިންގްގެ ކޮޕީރައިޓް ތަޖުރިބާކާރު ލުއިސް ޕޮޕްލް ފާހަގަކުރެއްވި ގޮތުގައި، ކޮޕީރައިޓްކޮށްފައިވާ ތަކެތި ބޭނުންކޮށްގެން އޭއައި ޓްރެއިންކުރުމުގެ ފުރުސަތު ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަދިވެސް ބެލެވެއެވެ.

"މިއީ ސަރުކާރުގެ ވިސްނުމުގައި ހުރި ކުޑަ ތަފާތެއް. މީގެ މާނައަކީ މިކަމުގައި އަދިވެސް ކޮންމެފަދަ ގޮތަކަށްވެސް ނިންމުމެއް އަތުވެދާނެކަން. ބޮޑަށް ބެލެވެނީ މި އުނދަގޫ މައްސަލަތައް ހައްލުކުރުން ސަރުކާރުން ފަސްކުރަނީ ކަމަށް،" އޭނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ އޭއައި ޑިވެލޮޕަރުންނަށް ކޮޕީރައިޓް ގަވާއިދުތަކަށް ލުއިތަކެއް ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް، ކެންޑަލް ބުދަ ދުވަހު ވިދާޅުވީ އުފެއްދުންތެރިންނާއި، އޭއައި ކުންފުނިތަކާއި، ޖަމިއްޔާތަކާއި އަދި އިލްމީ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، މިހާރު ސަރުކާރުން ވަކި ޚާއްސަ ގޮތެއް އިޚްތިޔާރުކޮށްފައި ނުވާކަމަށެވެ.

"އުފެއްދުންތެރިންގެ މަސައްކަތްތައް ބޭނުންކުރާ ގޮތް ކޮންޓްރޯލްކުރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން. މިއީ ކުދި އަދި މިނިވަން އުފެއްދުންތެރިންނަށްވެސް އެކަށީގެންވާ އުޖޫރައެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒުގެ މައިގަނޑު އެއް ބައި،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކެންޑަލް ވަނީ އޭއައި ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ. އިނގިރޭސިވިލާތުގެ އެހެން އިގުތިސާދީ ދާއިރާތަކަށްވުރެ 23 ގުނަ ހަލުވިކަމާއެކު އޭއައި ދާއިރާ ކުރިއަރަމުން އަންނައިރު، އެ ގައުމަކީ އެމެރިކާއާއި ޗައިނާއަށްފަހު ދުނިޔޭގައި އޭއައިގެ ތިންވަނައަށް އެންމެ ބޮޑު ސިނާއަތް އޮތް ގައުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.