ފޮޓޯ: އޭއައި
އީލޮން މަސްކްގެ 'ސްޓާލިންކް' ނެޓްވޯކާ ވާދަކުރުމަށް އަމާޒުހިފައި، ރަޝިޔާއިން ފުރަތަމަ ފަހަރަށް ލޯ-އޯބިޓްގެ އިންޓަނެޓް 16 ސެޓެލައިޓް ޖައްވަށް ފޮނުވައިފިއެވެ.
މުޅި ދުނިޔެއަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ރަޝިޔާގެ އޭރޯސްޕޭސް ކުންފުންޏެއް ކަމަށްވާ 'ބިއުރޯ 1440' އިން ވަނީ، އެ ކުންފުނީގެ އޮޕަރޭޝަނަލް ސެޓެލައިޓްތަކުގެ ފުރަތަމަ ބެޗް ހޯމަ ދުވަހު ޖައްވަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދީފައެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި މިއީ ތަޖުރިބާކުރުމުގެ މަރުޙަލާއިން، މުވާސަލާތީ ޚިދުމަތެއް އުފެއްދުމަށް ބަދަލުވުމުގެ ފެށުމެވެ.
2019 ވަނަ އަހަރުން ފެށިގެން 10،000 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާފައިވާ ސްޓާލިންކާ އަޅާބަލާއިރު ރަޝިޔާ އުޅެނީ ވަރަށް ބޮޑުތަން ފަހަތުގައެވެ. ރަޝިޔާގެ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ އެކި ކަންކޮޅުތަކަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދީ، ސްޓާލިންކްގެ ބަދަލުގައި ބޭނުންކުރެވޭނެ އަމިއްލަ ނިޒާމެއް ޤާއިމުކުރުމެވެ.
ރަޝިޔާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި 'ރަސްވެޓް' ނަމަކަށް ކިޔާ މި ޕްރޮޖެކްޓް ތަރައްޤީކުރުމަށް ރަޝިޔާ ސަރުކާރުން ވަނީ 102.8 ބިލިއަން ރޫބެލް (1.26 ބިލިއަން ޑޮލަރު) ހަމަޖައްސާފައެވެ. އަދި ބިއުރޯ 1440 އިން 2030 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނީގެ އަމިއްލަ ފައިސާއިން އިތުރު 329 ބިލިއަން ރޫބެލް (4 ބިލިއަން ޑޮލަރު) އިންވެސްޓްކުރާނެއެވެ.
ތާރީޚަށް ބަލާއިރު، ކުރީގެ ސޯވިއެޓް ޔޫނިއަންއަކީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. 1957 ވަނަ އަހަރު ފޮނުވި 'ސްޕަޓްނިކް 1' އަދި 1961 ވަނަ އަހަރު ޔޫރީ ގަގާރިން ޖައްވަށް ދިޔުން މީގެ ހެއްކަކަށް ފުދެއެވެ. ނަމަވެސް 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅުނު ފަހުން ރަޝިޔާގެ ޖައްވީ ޕްރޮގްރާމަށް ވަނީ ފައިސާ ނުލިބުމާއި، ކޮރަޕްޝަނާއި އަދި މެނޭޖްމަންޓްގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ.
2015 ވަނަ އަހަރު ނެރެފައިވާ އޭޝްލީ ވެންސްގެ ފޮތެއްގައިވާ ގޮތުން، 2002 ވަނަ އަހަރު ރަޝިޔާގެ އޮފިޝަލުން އީލޮން މަސްކްގެ ވާހަކަތައް ޤަބޫލުނުކޮށް އޭނާއަށް ފުރައްސާރަކުރުމުން، ރަޝިޔާއަށްވުރެ އަގުހެޔޮކޮށް ޖައްވަށް އުޅަނދު ފޮނުވޭނެ ގޮތެއް ހޯދުމަށް އޭނާ މަސައްކަތް ފެށިއެވެ.
ރަޝިޔާއިން އަމިއްލަ އިންޓަނެޓް ވިއުގައެއް ހެދުމަށް މަސައްކަތްކުރަމުންދާއިރު، މާރިޗު މަހުގެ ތެރޭގައި މޮސްކޯއާއި ސެންޓް ޕީޓަރސްބަރގް ފަދަ ބޮޑެތި ސިޓީތަކުން މޮބައިލް އިންޓަނެޓް ވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކަނޑައިގެން ގޮސްފައެވެ.
މީގެ އިތުރުން ރަޝިޔާ ސަރުކާރުން އަންނަނީ އިންޓަނެޓް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ފެޑެރަލް ސެކިއުރިޓީ ސަރވިސް (އެފް.އެސް.ބީ) އިން އަންގާ ކޮންމެ ހިނދަކު ކަސްޓަމަރުންގެ އިންޓަނެޓް ކަނޑާލުމަށް މޮބައިލް އޮޕަރޭޓަރުންނަށް ލާޒިމުކުރާ އާ ޤާނޫނުތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. ޑިޕްލޮމެޓުން ބުނާގޮތުގައި އިންޓަނެޓްގެ މައްޗަށް ބާރުފޯރުވުން އިތުރުކުރުމުގެ މައިގަނޑު ބޭނުމަކީ، ޔޫކްރެއިން ހަނގުރާމައިގެ މި ދަނޑިވަޅުގައި ޤައުމުގެ އެތެރޭގެ ކަންކަން ކްރެމްލިންގެ ކޮންޓްރޯލްގެ ދަށުގައި ހިފެހެއްޓުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.