Download Logo
Copy Logo

ފޮޓޯ: އޭއައި

އެމެރިކާގައި ނެޓްފްލިކްސްގެ އަގުތައް އަނެއްކާވެސް ބޮޑުކޮށްފި

އަޙްމަދު ދާއޫދު 27 މާރިޗު 2026

ދެ އަހަރު ދުވަސް ނުވަނީސް، ދެވަނަ ފަހަރަށް ނެޓްފްލިކްސް އިން އެމެރިކާގައި އެ ކުންފުނީގެ ސަބްސްކްރިޕްޝަން ޕްލޭންތަކުގެ އަގުތައް ބޮޑުކޮށްފިއެވެ. ބުރާސްފަތި ދުވަހު ނެޓްފްލިކްސްގެ ވެބްސައިޓުގައި ވަނީ މި އާ އަގުތައް އާންމުކޮށްފައެވެ.

އަލަށް ގެނެވުނު ބަދަލާއެކު، އިޝްތިހާރާއެކު ދޫކުރާ "ސްޓޭންޑަރޑް ވިތް އެޑްސް" ޕްލޭންގެ އަގު ވަނީ 7.99 ޑޮލަރުން 8.99 ޑޮލަރަށް ބޮޑުކޮށްފައެވެ. އިޝްތިހާރު ނުހިމެނޭ އަދި އެއްފަހަރާ ދެ ޑިވައިސްއިން ބޭނުންކުރެވޭ "ސްޓޭންޑަރޑް" ޕްލޭންގެ އަގު 17.99 ޑޮލަރުން 19.99 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، އެއްފަހަރާ ހަތަރު ޑިވައިސްއިން ބޭނުންކުރެވޭ "ޕްރީމިއަމް" ޕްލޭންގެ އަގު ވަނީ 24.99 ޑޮލަރުން 26.99 ޑޮލަރަށް ބޮޑުކޮށްފައެވެ.

މި އާ އަގުތައް މާރިޗު 26 އިން ފެށިގެން، އަލަށް ނެޓްފްލިކްސް ބޭނުންކުރަން ފަށާ ކަސްޓަމަރުންނަށް ވަގުތުން އަމަލުކުރަން ފަށާނެއެވެ. ނަމަވެސް ކުރިންވެސް ބޭނުންކުރަމުން އަންނަ މެމްބަރުންނަށް މި ބަދަލު އަންނާނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައެވެ. އަދި އާ އަގަށް ބިލްކުރުމުގެ އެއް މަސް ކުރިން ކަސްޓަމަރުންނަށް އީމެއިލް މެދުވެރިކޮށް އެކަން އަންގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގ ޕްލެޓްފޯމް ---

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގ ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސްގައި 2025 ވަނަ އަހަރުގެ ނިޔަލަށް 325 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން ތިބިއިރު، އަގު ބޮޑުކުރުމުގެ ސަބަބުން ބައެއް ކަސްޓަމަރުން ގެއްލުނު ކަމުގައިވިޔަސް، ކޮންމެ މެމްބަރެއްގެ އަތުން ލިބޭ އާމްދަނީ އިތުރުވުމުން އޭގެ ފައިދާ ކުރާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ. ވެރައިޓީ އަށް މައުލޫމާތު ދެމުން ނެޓްފްލިކްސް އިން ބުނީ އަގުތަކަށް ބަދަލު ގެންނަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ގެނެސްދީ، ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަކުރުމަށް އިންވެސްޓްކުރުމުގެ ގޮތުން ކަމަށެވެ.

އެމެރިކާގައި ނެޓްފްލިކްސްގެ އަގުތައް މީގެކުރިން އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. މިފަހަރުގެ ބަދަލު އައިސްފައިވަނީ، ވާރނަރ ބްރަދަރސް (ޑަބްލިއު.ބީ.ޑީ) ގަތުމަށް ނެޓްފްލިކްސް އިން ކުރި މަސައްކަތް ނާކާމިޔާބުވެ، އެއްބަސްވުން އުވާލުމުން ޕެރަމައުންޓްގެ ފަރާތުން ނެޓްފްލިކްސް އަށް 2.8 ބިލިއަން ޑޮލަރު ދިންތާ މަހެއްހާ ދުވަސް ފަހުންނެވެ.

ނެޓްފްލިކްސްގެ މާލީ އަންދާޒާތަކަށް ބަލާއިރު، 2026 ވަނަ އަހަރު އެ ކުންފުނީގެ ޖުމްލަ އާމްދަނީ 50.7 ބިލިއަނާއި 51.7 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެކަމަށް ލަފާކުރެއެވެ. މިއީ %12 އާއި %14 އާ ދެމެދުގެ ކުރިއެރުމެކެވެ. މީގެ އިތުރުން މިއަހަރު އާ ކޮންޓެންޓް އުފެއްދުމަށް 20 ބިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

އަލަށް ގެނައި މި ބަދަލާއެކު ނެޓްފްލިކްސްގެ ޕްލޭންތަކުގެ އަގުތައް އެވްރެޖްކޮށް %11 ވަނީ ބޮޑުވެފައެވެ. މާލީ ތަޖުރިބާކާރުން (ޓީޑީ ކޯވެން އެނަލިސްޓުން) ލަފާކުރާގޮތުގައި މިއާއެކު 2026 ވަނަ އަހަރު އެމެރިކާ އަދި ކެނެޑާ ސަރަހައްދުން ކޮންމެ ކަސްޓަމަރެއްގެ އަތުން އެ ކުންފުންޏަށް ލިބޭ އާމްދަނީ (އޭއާރްޕީޔޫ) %6 އިތުރުވެގެންދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.