ފަޔަރފޮކްސް އިން 50 ޖީބީގެ ބޭންޑްވިތް ލިމިޓަކާއެކު ހިލޭ ބޭނުންކުރެވޭ ބިލްޓްއިން ވީޕީއެންއެއް ތަޢާރަފްކޮށްފިއެވެ.
މޮޒިލާ އިން ފަޔަރފޮކްސް ބްރައުޒަރގެ އައު އަޕްޑޭޓް، "ފަޔަރފޮކްސް 149" ނެރެފައިވާއިރު، މި އަޕްޑޭޓުގެ އެންމެ ޚާއްޞަ އެއް ސިފަޔަކީ ބްރައުޒަރގައި ހިމެނިފައިވާ (ބިލްޓް-އިން) ހިލޭ ވީޕީއެން (VPN) ޓޫލްއެކެވެ. މި ޓޫލް މެދުވެރިކޮށް ކޮންމެ މަހަކު 50 ޖީބީ އާ ހަމައަށް ހިލޭ ޓްރެފިކް ބޭނުންކުރެވޭނެއެވެ.
މިއީ މޮޒިލާގެ ވިޔަފާރި ވީޕީއެން އާ ޚިލާފަށް ހަމައެކަނި ބްރައުޒަރގެ ޓްރެފިކް ރައްކާތެރިކޮށްދޭ ޕްރޮކްސީ ސަރވަރެކެވެ. މޮޒިލާ އިން ބުނާ ގޮތުގައި މިއީ ދަތުރުމަތީގައި އުޅޭއިރު ޢާންމު ވައިފައި ބޭނުންކުރުމަށާއި، ޞިއްޙީ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތު ހޯދައި، އޮންލައިންކޮށް ވިޔަފާރިކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފަސޭހަ ފީޗާއެކެވެ.
ފަޔާފޮކްސްގެ އާ ބިލްޓް-އިން ވީޕީއެން ޓޫލް
ސޯސް: މޮޒިއްލާ
މި ފީޗަރ ބޭނުންކުރުމަށް މޮޒިލާ އެކައުންޓަކުން ލޮގިން ވާންޖެހޭނެއެވެ. ލޮގިން ވުމަށްފަހު ބްރައުޒަރގެ ކަނާތްފަރާތު މަތީގައި އިންނަ ބަޓަނަކުން ވީޕީއެން އޮން ކޮށްލުމުން، އިންޓަނެޓް ބޭނުންކުރާ ލޮކޭޝަން އަދި އައިޕީ އެޑްރެސް (IP Address) ސިއްރުކޮށްދޭނެއެވެ. އަދި 50 ޖީބީގެ ލިމިޓާ ގާތްވުމުން ބްރައުޒަރ މެދުވެރިކޮށް ނޮޓިފިކޭޝަން އަންނާނެއެވެ. ޑޭޓާ ސަލާމަތް ކުރުމުގެ ގޮތުން ހަމައެކަނި ވަކި ޚާއްޞަ ފަސް ވެބްސައިޓަކަށް ވެސް ވީޕީއެން އޮން ކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެކައުންޓްތަކަށް ވަނުމުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް ބައެއް މުހިންމު ވެބްސައިޓްތަކުގައި ވީޕީއެން މަސައްކަތެއް ނުކުރާނެއެވެ.
މޮޒިލާ އިން ބުނެފައިވަނީ މި ޚިދުމަތް ދިނުމަށް އެއްކުރާނީ ހަމައެކަނި ކަނެކްޝަން ކާމިޔާބުވިތޯ ނުވަތަ ބޭނުންކުރީ ކިހާ ޑޭޓާއެއްތޯ ބެލުން ފަދަ ޓެކްނިކަލް މަޢުލޫމާތު ކަމަށެވެ. މީގެ ސަރވަރތައް އެމެރިކާގައި ޤާއިމުކޮށްފައިވާއިރު، މިވަގުތު މި ޚިދުމަތް ދޫކުރަން ފަށާފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސްގައެވެ. އެހެން ޤައުމުތަކަށް މި ޚިދުމަތް ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފަޔަރފޮކްސްގެ އާ ސްޕްލިޓްވިއު
ސޯސް: މޮޒިއްލާ
ފަޔަރފޮކްސް 149 ގައި ހިމެނޭ އިތުރު ފީޗަރތަކުގެ ތެރޭގައި ގޫގުލް ކްރޯމްގައި ވެސް ހިމެނޭ، އެއް ވިންޑޯއެއްގެ ތެރެއިން ދެ ޓެބް އެއްކޮށް ބަލައިލެވޭ "ސްޕްލިޓް ވިއު" ހިމެނެއެވެ. މީގެ އިތުރުން 'ސޭފްބްރައުޒިންގ' ސިސްޓަމުން ނުރައްކާތެރި ކަމަށް ފާހަގަކުރާ ވެބްސައިޓުތަކުގެ ނޮޓިފިކޭޝަންތައް އަމިއްލައަށް ބްލޮކްކޮށްދިނުމާއި، ސެކިއުރިޓީގެ ނުރައްކާތެރި 46 މައްސަލައެއް މި އަޕްޑޭޓުގައި ވަނީ ޙައްލުކޮށްފައެވެ.
ފަޔަރފޮކްސް އަކީ މޮޒިލާ ކުންފުނިން އުފައްދާފައިވާ، އާންމުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭ، ދުނިޔޭގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ އޯޕަން-ސޯސް ވެބް ބްރައުޒަރެކެވެ.
މީގެ ކުރިން 2020 ވަނަ އަހަރު މޮޒިލާއިން ވަނީ ފައިސާ ދައްކައިގެން ބޭނުންކުރެވޭ، މުޅި ޑިވައިސްގެ އިންޓަނެޓް ޓްރެފިކް ރައްކާތެރިކޮށްދޭ "މޮޒިލާ ވީޕީއެން" ގެ ނަމުގައި ވަކި ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. ނަމަވެސް ބްރައުޒަރގެ ތެރޭގައި ހިލޭ ބޭނުންކުރެވޭ ވީޕީއެންއެއް އަލަށް މި ހިމެނީ، ގޫގުލް ކްރޯމް އަދި މައިކްރޯސޮފްޓް އެޖް ފަދަ ވާދަވެރި ބްރައުޒަރތަކާ އަޅާކިޔާއިރު ފަޔަރފޮކްސް ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އޮޕެރާ (Opera) އަދި އެޕިކް (Epic) ފަދަ ބައެއް އެހެން ބްރައުޒަރތަކުން ވެސް ބިލްޓް-އިން ހިލޭ ވީޕީއެންގެ ޚިދުމަތް މީގެ ކުރިން ތަޢާރަފްކޮށްފައިވާއިރު، މިއީ މިހާރު ބްރައުޒަރތަކުގެ މެދުގައި ޢާންމުވަމުން އަންނަ ވަރަށް މުހިންމު ސެކިއުރިޓީ ފީޗާއެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.