ފޮޓޯ: ނިއުސްބައިޓް
އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން، ޗައިނާގެ ވީޑިއޯ ސަވައިލަންސް އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ 'ހިކްވިޝަން' އަދި 'ދާހުއާ' އިން އިންޓަނެޓާ ގުޅިފައިވާ ސީސީޓީވީ ކެމެރާ އިންޑިއާގައި ވިއްކުން މަނާވާނެއެވެ.
ދި އިކޮނޮމިކް ޓައިމްސްގެ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން މިގޮތަށް ނިންމީ އާ 'ސްޓޭންޑަޑައިޒޭޝަން ޓެސްޓިންގ އެންޑް ކޮލިޓީ ސެޓިފިކޭޝަން' (އެސްޓީކިއުސީ) ގަވާއިދުގެ ދަށުން، ޗައިނާގައި އުފައްދާފައިވާ ނުވަތަ ޗައިނާގެ ޗިޕްސެޓް ބޭނުންކުރާ އުފެއްދުންތަކަށް ސެޓްފިކެޓް ދިނުމަށް ދެކޮޅު ހެދުމުންނެވެ.
ސިނާއަތުގެ އިސްވެރިން ގަބޫލުކުރައްވާ ގޮތުގައި މި ނިންމުމުގެ ސަބަބުން، ކުރިން އިންޑިއާގެ ސީސީޓީވީ މާކެޓުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަމުން ދިޔަ ޗައިނާގެ ބްރޭންޑުތަކަށް އިންޑިއާގެ މާކެޓު ބަންދުވާނެއެވެ.
ޗައިނާ ކުންފުނިތަކަށް ލިބުނު މި ހީނަރުކަމާއެކު، އިންޑިއާގެ އަމިއްލަ ބްރޭންޑުތައް ކަމަށްވާ ސީޕީ ޕްލަސް، ކިއުބޯ، ޕްރާމާ، މެޓްރިކްސް އަދި ސްޕާޝް ފަދަ ކުންފުނިތަކުން ވަނީ މާކެޓުގެ ޖާގަ ހޯދާފައެވެ. މި ކުންފުނިތަކުން ވަނީ އެމީހުންގެ ސަޕްލައި ޗެއިން ބަދަލުކޮށް، ޓައިވާނުގެ ޗިޕްސެޓްތަކާއި އިންޑިއާގެ އަމިއްލަ ފާމްވެއާ ބޭނުންކުރަން ފަށާފައެވެ.
ކައުންޓަރޕޮއިންޓް ރިސާޗުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އިންޑިއާގެ ކުންފުނިތަކުން މާކެޓުގެ 80 އިންސައްތަ ކޮންޓްރޯލް ކުރެއެވެ. އާ ގަވާއިދުތަކުގެ ކުރިން މާކެޓުގެ 20-25 އިންސައްތަ ހިއްސާކުރި ސީޕީ ޕްލަސް އިން މިހާރު އެކަނިވެސް މާކެޓުގެ 45-50 އިންސައްތަ ހިއްސާކުރެއެވެ.
އިންޑިއާގެ ބްރޭންޑުތަކުން އާންމު މާކެޓު ކޮންޓްރޯލް ކުރާއިރު، މަތީ ފަންތީގެ މާކެޓު ކޮންޓްރޯލް ކުރަނީ ބޮޝް އަދި ހަނީވެލް އިންނެވެ. ސެޓްފިކެޓް ނުލިބުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ޝޯމީ އަދި ރިއަލްމީ ފަދަ ސްމާޓްފޯން ބްރޭންޑުތަކުން ވަނީ ސްމާޓް ހޯމް ކެމެރާ ވިއްކުން ހުއްޓާލާފައެވެ.
ކުރިން މާކެޓުގެ ލީޑަރުގެ ގޮތުގައި އޮތް ހިކްވިޝަން އިން މަހަކު ދެ މިލިއަން ކެމެރާ އުފައްދާ ފެކްޓަރީއަކަށް ސެޓްފިކެޓް ދިނުމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދާފައެވެ. ސަލާމަތްވުމަށްޓަކައި އެ ކުންފުނިން މިހާރު މަސައްކަތްކުރަނީ އިންޑިއާގެ ކުންފުނިތަކާ ގުޅިގެން ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. އަނެއްކޮޅުން ދާހުއާގެ ވިޔަފާރި 80 އިންސައްތަ ދަށަށް ގޮސް، މިހާރު ވިއްކަނީ ހަމައެކަނި ބޭނުންކުރުން ހުއްޓެމުންދާ އެނަލޮގް ކެމެރާތަކެވެ.
ޗައިނާގެ އުފެއްދުންތަކާ ދުރަށް ދިއުމުގެ ސަބަބުން ކެމެރާ އުފެއްދުމުގެ އަގު ވަނީ ބޮޑުވެފައެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި އުފެއްދުންތަކަށް ހިނގާ ޚަރަދު 15 ނުވަތަ 20 އިންސައްތަ އުފުލޭނެއެވެ. މިއީ ޗައިނާގެ ޗިޕްތަކަށްވުރެ ޓައިވާން އަދި އެމެރިކާގެ ޗިޕްތައް އަގުބޮޑުވުމުގެ ސަބަބުންނެވެ. އިންޑިއާގައި އުފައްދާތީ އާދައިގެ ކެމެރާތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް، މަތީ ފަންތީގެ ކެމެރާތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ޗައިނާ ކެމެރާތައް މަނާކުރުމަކީ އިންޑިއާގެ އުފެއްދުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ޑިޖިޓަލް ސެކިއުރިޓީ ވަރުގަދަކޮށް، ސަޕްލައި ޗެއިން އަމިއްލަ ކުރުމަށް އިންޑިއާއިން ކުރާ މަސައްކަތާ ގުޅޭ ނިންމުމެކެވެ. ނަމަވެސް އަގުތައް ބޮޑުވުމަކީ، ސެޓްފިކެޓް ލިބިފައިވާ ސިސްޓަމްތަކަށް ބަދަލުކުރަން ބޭނުންވާ ވިޔަފާރިތަކާއި މުއައްސަސާތަކަށް ދިމާވާނެ ގޮންޖެހުމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.