އޭއައި ފޭޝަލް ރިކޮގްނިޝަން (މޫނު ދެނެގަންނަ ޓެކްނޮލޮޖީ) ބޭނުންކޮށްގެން ފުލުހުންނަށް އެރި އޮޅުމެއްގެ ސަބަބުން، އެމެރިކާގެ ޓެނެސީ ސްޓޭޓަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އަންހެނަކު 5 މަސްދުވަހަށް ވުރެ ގިނަ ދުވަހު ކުށަކާ ނުލައި ޖަލުގައި ހޭދަކުރަން ޖެހިއްޖެއެވެ.
އެންޖެލާ ލިޕްސް ނަމަކަށް ކިޔާ މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދުވަހަކުވެސް ގޮސްފައިނުވާ ސްޓޭޓެއް ކަމަށްވާ ނޯތު ޑެކޯޓާގެ ފާގޯ ސިޓީގައި ހިނގި ބޭންކް ފްރޯޑް (މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ) މައްސަލަތަކެއްގައެވެ.
އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ ޖުލައި މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ ޓެނެސީންނެވެ. ޓެނެސީގެ ޖަލެއްގައި 3 މަސްދުވަހު ބެހެއްޓުމަށްފަހު، އޭނާ ވަނީ 1000 މޭލު ދުރުގައި އޮންނަ ނޯތު ޑެކޯޓާއަށް ގެންގޮސްފައެވެ.
ފާގޯ ސިޓީގެ ފުލުހުން ބުނި ގޮތުގައި މި އޮޅުން އެރީ އެ ސިޓީއާ ޖެހިގެން އޮންނަ ވެސްޓް ފާގޯ ފުލުހުން ބޭނުންކުރި "ކްލިއަވިއު އޭއައި" ނަމަކަށް ކިޔާ ސިސްޓަމަކުން ދިން މައުލޫމާތަކަށް ބަރޯސާވުމުންނެވެ. އެ ސިސްޓަމުން ވަނީ ކުށްކުރި މީހާ ބޭނުންކުރި ފޭކް އައިޑީއެއްގައިވާ ފޮޓޯއަކީ އެންޖެލާއާ ވައްތަރު މީހެއްކަމަށް ދައްކާފައެވެ. ފާގޯ ފުލުހުން އެކަން އިތުރަށް ތަޙުޤީޤު ނުކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރުނީއެވެ.
އެންޖެލާ ޖަލުން މިނިވަންވީ، ފާގޯގައި އޭނާއަށް ހަމަޖައްސައިދިން ވަކީލު، ކުށް ހިނގި ވަގުތު އެންޖެލާ ހުރީ ޓެނެސީގައިކަން ސާބިތުކޮށްދޭ ބޭންކް ރެކޯޑުތަކެއް ހޯދައި ހުށަހެޅުމާ ގުޅިގެންނެވެ. މިއާއެކު އޭނާގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް، ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު (ކްރިސްމަސް އީވްގައި) އޭނާ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ފާގޯ ފުލުހުންގެ ޗީފް ޑޭވް ޒިބޮލްސްކީ ވަނީ ތަޙުޤީޤު މަރުހަލާގައި ފުލުހުންނަށް ގޯސްތަކެއް ހެދިފައިވާކަމަށް އެއްބަސްވެފައެވެ. އަދި ދެން އެ ޑިޕާޓްމަންޓުން އެހެން އިދާރާތަކުގެ އޭއައި ސިސްޓަމްތަކަށް ބަރޯސާ ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން އެންޖެލާގެ ކިބައިން ސީދާ މާފަށް އެދިފައެއް ނުވެއެވެ. ޗީފް ވިދާޅުވީ މައްސަލަ އަދިވެސް އޮތީ ތަޙުޤީޤު މަރުހަލާގައި ކަމަށެވެ.
3 ކުދިންގެ މަންމަ އަދި 5 ކުދިންގެ މާމަ ކަމަށްވާ އެންޖެލާ ބުނި ގޮތުގައި، ހައްޔަރުކޮށްގެން ނޯތު ޑެކޯޓާއަށް ގެންދިއުމަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި އަދި ލަދުވެތި ތަޖުރިބާއެވެ. އެއީ އޭނާ މަތިންދާބޯޓަކަށް އެރި ފުރަތަމަ ފަހަރުވެސްމެއެވެ. އަދި ދުވަހަކުވެސް ދެން ނޯތު ޑެކޯޓާއަށް ނުދާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އެންޖެލާގެ ވަކީލުން އަންނަނީ ފުލުހުންނާ ދެކޮޅަށް މަދަނީ ދައުވާއެއް ކުރުމަށް ވިސްނަމުންނެވެ.
މިއީ އޭއައި ޓެކްނޮލޮޖީއަށް ބަރޯސާވެގެން ފުލުހުންނަށް މިފަދަ ބޮޑެތި ގޯސްތައް ހެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލައެއް ނޫނެވެ. މިއީ ޓެކްނޮލޮޖީއަށް މާބޮޑަށް އިތުބާރުކޮށް، އިންސާނުން (ފުލުހުން) ކުރަންޖެހޭ އަސާސީ ތަޙުޤީޤުތައް ފުރިހަމައަށް ނުކުރުމުގެ ސަބަބުން ނުކުންނަ ހިތާމަވެރި ނަތީޖާއެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.
އަޙްމަދު އަޙްސަން
އަޙްމަދު ދާއޫދު
އަޙްމަދު ދާއޫދު
އަޙްމަދު ދާއޫދު