ފޮޓޯ: ގެޓީއިމޭޖްސް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އޯޕަން އޭއައި އިން، އެ ކުންފުނީގެ ވީޑިއޯ އުފައްދާ ސޮފްޓްވެއަރ "ސޯރާ" (Sora) ހުއްޓާލުމަށް ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން މި އެޕްލިކޭޝަން ހިންގުމަށް އެ ކުންފުނިން ދުވާލަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ޚަރަދުކުރަންޖެހެއެވެ.
މިދިޔަ ހަފުތާގައި އޯޕަން އޭއައި އިން ކުރި ޓުވީޓެއްގައި ވަނީ ސޯރާއަށް "އަލްވަދާއު" ކިޔާފައިވާކަން ހާމަކޮށްފައެވެ. އެ ކުންފުނީގެ ޕީއާރު ޓީމުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯރާ ހުއްޓާލުމަށްފަހު އެ ޓީމުގެ ދިރާސާތައް ދެން އަމާޒުކުރާނީ ރޮބޮޓިކްސް ދާއިރާއަށް ކަމަށެވެ. މީގެ ބޭނުމަކީ އިންސާނުން އަމަލީ ގޮތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭނެ "ވޯލްޑް ސިމިއުލޭޝަން" އޭއައި ތަރައްގީކުރުމެވެ.
ވޯލްސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސޯރާ އަކީ އޯޕަން އޭއައި އަށް ބޮޑު މާލީ ބުރައަކަށް ވެފައިވަނީ، ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކުމަށް (IPO) ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ކުންފުނީގެ މައިގަނޑު އަމާޒަކީ މިހާރު އުފައްދަމުންދާ އާ މޮޑެލްތަކަށް ބޭނުންވާ ކޮމްޕިއުޓިންގް ވަސީލަތްތަކާއި ޗިޕްތައް ހޯދުމެވެ.
ސޯރާ އެޕްލިކޭޝަން ސެޕްޓެމްބަރު މަހު ނެރުނުއިރު ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އެގޮތުން އޮކްޓޯބަރު މަހު 4.8 މިލިއަން ޑައުންލޯޑް އަދި ނޮވެމްބަރު މަހު 6.1 މިލިއަން ޑައުންލޯޑް ލިބުނެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 1.1 މިލިއަނަށް ދަށްވެފައެވެ.
އޯޕަން އޭއައި އިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އިސްކަންދޭނީ މަސައްކަތްތަކަށް ބޭނުންކުރެވޭނެ "ސުޕަރ އެޕް" އެއް އުފެއްދުމަށެވެ. މިއީ މިހާރު މާކެޓުގައި އޮތް ގޫގުލްގެ ޖެމިނައި އަދި ކްލޯޑް ފަދަ އޭއައިތަކާ ވާދަކުރުމަށް ކުރާ ކަމެކެވެ. މި ބަދަލާއެކު ޗެޓްޖީޕީޓީގެ "އެޑަލްޓް މޯޑް" ފަދަ ބައެއް ފީޗާތައްވެސް އެ ކުންފުނިން ވަނީ މެދުކަނޑާލާފައެވެ.
ސޯރާ އެޕްލިކޭޝަން މުޅިން ބަންދުކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުން އުފައްދާފައިވާ މަސައްކަތްތައް ރައްކާތެރިކުރާނެ ގޮތުގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އޯޕަން އޭއައި އިން ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.