އިންޑިއާގެ ނޭޝަނަލް ކުއަންޓަމް މިޝަން (އެން.ކިއު.އެމް) ގެ ދަށުން، އެ ގައުމުގެ އަމިއްލަ ޓެކްނޮލޮޖީ ބޭނުންކޮށްގެން 1,000 ކިލޯމީޓަރުގެ ދުރުމިނަށް ކުއަންޓަމް ކޮމިއުނިކޭޝަން ނެޓްވޯކެއް ކާމިޔާބުކަމާއެކު ގާއިމުކޮށް ދައްކާލައިފިއެވެ. މިއީ އެ ގައުމުން ކުރިން ކަނޑައަޅާފައިވާ އަށް އަހަރުގެ އަމާޒަށްވުރެ މާ އަވަހަށް ހާސިލުކުރެވުނު ބޮޑު ކުރިއެރުމެކެވެ.
މި އާ އީޖާދަކީ އިންޑިއާގެ ސްޓާޓްއަޕެއް ކަމަށްވާ "ކިއު.އެން.ޔޫ ލެބްސް" (QNu Labs) އިން ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މިއީ ދުނިޔޭގައި މިހާތަނަށް ގާއިމުކުރެވުނު އެންމެ ދިގު ކުއަންޓަމް ކީ ޑިސްޓްރިބިއުޝަން (QKD) ނިޒާމުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި ކާމިޔާބީއާއެކު، އިންޑިއާގެ މުވާސަލާތީ ނިޒާމުތަކުގެ ރައްކާތެރިކަން އައު އުސްމިނަކަށް ގޮސްފައިވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.
ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސެކްރެޓަރީ ޑރ. އަބޭ ކަރަންދިކަރް ވިދާޅުވި ގޮތުގައި، މިއީ އިންޑިއާގެ ކުއަންޓަމް ދާއިރާގައި ހޯދުނު ތާރީޚީ ކާމިޔާބީއެކެވެ. އަދި މި ކުރިއެރުމާއެކު، އިންޑިއާއިން އަމާޒު ހިފާފައިވާ 2,000 ކިލޯމީޓަރުގެ ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން ދިފާއީ ދާއިރާއާއި، މާލީ އިދާރާތަކުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗާތަކުގެ މުވާސަލާތީ ކަންކަން ހެކް ނުކުރެވޭނެ ފަދަ ވަރުގަދަ އުސޫލަކުން ރައްކާތެރިކުރެވޭނެއެވެ. މި ނިޒާމަކީ ފައިބަރ އޮޕްޓިކްސްގެ އިތުރުން، ކަނޑުއަޑީގައާއި، ބިމުގެ އަޑީގައި އަދި ޖައްވުގެ ތެރެއިން (ފްރީ-ސްޕޭސް) ވެސް މުވާސަލާތު ކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
މި ކާމިޔާބީއާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ކުއަންޓަމް ދާއިރާގައި މަސައްކަތްކުރާ އިތުރު 9 ސްޓާޓްއަޕަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ. މިއާއެކު މި މިޝަންގެ ދަށުން އެހީތެރިކަން ލިބޭ ޖުމްލަ ސްޓާޓްއަޕްގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ.
ފަސޭހައިން ހެކް ނުކުރެވޭނެ "އަންބްރޭކަބަލް" އެންކްރިޕްޝަން ބޭނުންކުރުން.
ގައުމީ ސަލާމަތާ ގުޅުންހުރި މުވާސަލާތީ ކަންކަން ރައްކާތެރިކުރުން.
އޮޕްޓިކަލް ފައިބަރު އެޅުމުގެ ޚަރަދަކާ ނުލައި ޖައްވުގެ ތެރެއިން ޑޭޓާ ފޮނުވޭތީ ޚަރަދު ކުޑަވުން.
އިންޑިއާ ސަރުކާރުން 2023 ވަނަ އަހަރު ވަނީ "ނޭޝަނަލް ކުއަންޓަމް މިޝަން" އަށް 6,003.65 ކްރޯޑް ރުޕީސްގެ ބަޖެޓެއް ކަނޑައަޅާފައެވެ.
މި މިޝަންގެ އަމާޒަކީ 2031 ވަނަ އަހަރާ ހަމައަށް އިންޑިއާއަކީ ކުއަންޓަމް ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމަކަށް ހެދުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.