Download Logo
Copy Logo

މުސްތަގުބަލުގެ އިންޓަރނެޓަށް އެންމެ މުހިއްމު ވަނީ އިންފްރާސްޓްރަކްޗަރ

ހިންދު ޢަލީ 19 އޭޕްރީލު 2026

އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް އިންޓަރނެޓޭ ބުނީމާ ސިފަ ކުރެވޭނީ ފޯނުގައި ނުވަތަ ކޮމްޕިޔުޓަރ މެދުވެރިވެ އެކި ބޭނުންތަކަށް ބޭނުން ކުރާ، ތަފާތު ނަންތައް ދީފައިވާ ޒާތްޒާތުގެ އެޕްތަކަށެވެ. މިސާލަކަށް ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި "ވާހަކަ ދެއްކުމަށް" ބޭނުންކުރާ ޗެޓް އެޕެވެ. ވަޒީފާގައި ކުރާ މަސައްކަތްތައް ޕްރޮޑަކްޓިވްކޮށް މެނޭޖުކުރުމަށް ބޭނުންކުރާ ޓާސްކް އެޕާއި އީމެއިލް އެޕެވެ. ނުވަތަ ހުސްވަގުތުގައި ވީޑިއޯއެއް ބަލާލަން ބޭނުންކުރާ އެޕެކެވެ. ޝައުގުވެރިކަމާއެކު ކުރާ އެކި ކަންތައްތައް ހިއްސާކުރުމަށް ބޭނުންކުރާ ސޯޝަލް މީޑިއާ އެޕެކެވެ. ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ހަބަރަުތައް ބަލާލަން އަދި އެކި ކަންތައްތަކުގައި ހިޔާލު ފާޅުކުރަން ބޭނުން ކުރާ އެޕެކެވެ. ގިނަ ބައެއްގެ ނަޒަރުގައި އިންޓަރނެޓަކީ މިއީއެވެ.

ގޭގައި ހުންނަ ބޮތްކެއް ދިއްލާ ގަޑީގައި އަހަރުމެން އޭގެ ފަހަތުގައިވާ އެތަށް ހާސް މީޓަރުގެ ކަރަންޓު ނަރުތަކާއި ދޭތެރެއަކު ނުވިސްނައެވެ. ނޫނީ ބަދިގޭ ސިންކުގެ ފެން އިސްކޫރު ބޭނުންކުރާ ވަގުތު އިސްކޫރާއި ހަމައަށް ފެން ގެނެސްދޭ އެތަށް ބައިވަރު ހޮޅިތަކާއި ދޭތެރެއަކު ނުވިސްނައެވެ. އަހަރުމެންނަށް ކަރަންޓުން ބޮކި ދިއްލުމުން އޭގެ ފައިދާ ލިބުނީއެވެ. އަދި ފެންއިސްކޫރާ ހަމައަށް ފެން އައިސް ފެން ބޭނުންކުރެވުމުން އެކަންވެސް ނިމުނީއެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކަމެއް ވާން އޮންނަ ގޮތަށް ވޭވޭ ހުންނަންނަމަ، ހާއްސަކޮށް މިފަދަ ކަންކަމުގައި ދޭތެރެއަކު އިތުރަކަށް ނުވިސްނާނެއެވެ. ބޮކި ދިއްލަން އުޅޭ ގަޑީގައި ބޮކި ނުދިއްލިއްޖެނަމަ ނުވަތަ އިސްކޫރު ދޫކޮށްގެން ފެން ނާންނަ ހިސާބުން ނޫނީ އަހަރުމެން އެކަމުގެ ފަހަތުގައި ކަންތައް ވާގޮތުގެ އިތުރު ތަފްސީލެއް ނުބަލައެވެ.

އިންޓަރނެޓާއި ދޭތެރޭގައި ވެސް ގިނަ މީހުން ވިސްނަނީ ހަމަ މިފަދައިންނެވެ. އަހަރުމެން ވިސްނަނީ އިންޓަރނެޓުގެ "ފެންނަ" ބަޔަށް އެކަންޏެވެ. ވައިރަލް ވީޑިއޯތަކާއި، އަހަރުމެންގެ މަސައްކަތާއި ކިޔެވުމުގައި ބެނުންކުރާ އޭއައި ޗެޓްބޮޓުތަކާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާއެއްޗެހި ޑިލިވަރ ކުރަން ބޭނުންކުރާ އެޕްތަކަށެވެ. އެހެން ނަމަވެސް މިއެޕްތަކަކީ ހަމައެކަނި އިންޓަރނެޓްގެ މަތީ ލޭޔަރު އެކަންޏެވެ. އެންމެނަށް ފެންނަ އިންޓަރފޭސް އެކަންޏެވެ.

އެންމެނަށް ފެންނަ އިންޓަރނެޓުގެ އިންޓަރފޭސްގެ ފަހަތުގައި ޑިޖިޓަލް އެތަށް ވަސީލަތްތަކެއް ހިމެނެއެވެ. ކަރަންޓާއި ފެނަށް ބޭނުންވާ ކަރަންޓު ނަރާއި ފެން ހޮޅިތައް ފަދައިން، ގިނަ ބަޔަކަށް ނުފެންނަ، އެތައް ބައިވަރު އެއްޗެއް "އަޑީގައި" އަދި ހިމެނެއެވެ. ދުނިޔެ ވަށައިގެން ދައުރުވާ ސެޓެލައިޓްތަކާއި، ކަނޑައަޑީގެ އެތައް ހާސް މޭލަކަށް ދެމިގެންވާ ފައިބަރ ކޭބަލްތަކާއި، ބޮޑެތި ޑޭޓާ ވެއަރހައުސްތަކުގައި ހުރި ކޮމްޕިޔުޓަރތެކެވެ.

މީގެ ކުރިން އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް މިދެންނެވުނު އަޑީ ލޭޔަރުގައި ހިމެނޭ ތަކެތި މަސައްކަތް ކުރާ ގޮތަކާއި ދޭތެރޭގައި ވިސްނާކަށް ނުޖެހެއެވެ. އެހެން ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސާއި މުޅި ދުނިޔޭ ގުޅިފައިވާ މިޒަމާނުގައި އަހަރުމެންގެ ވިސްނުން އިތުރަށް ފުޅާކޮށް ބަދަލު ކުރުން މުހިއްމު ވެއެވެ.

އޭގެ ސަބަބަކީ މުސްތަގްބަލުގައި އަންނަން އޮތް އިންޓަރނެޓަކީ ހަމައެކަނި އެޕްތަކާއި ހަމައިން ނިންމާ ލެވޭނެ އެއްޗަކަށް ނުވާނެތީއެވެ. ސޯޝަލް މީޑިއާ އެޕަކުން ނުވަތަ ސްމާޓް ފޯނަކާއި ހަމައިން ނިންމާ ލެވޭނެ އެއްޗަކަށް ނުވާނެތީއެވެ.

އަންނަން އޮތް އިންޓަރނެޓުގެ ބިންގާ ބިނާވަނީ ކުރިން ދެންނެވު ސެޓެލައިޓްތަކާއި ކަނޑުއަޑީގެ ކޭބަލްތަކާއި ބޮޑެތި ޑޭޓާ ވެއަރހައުސްތަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ، މުސްތަގްބަލުގައި އިންޓަރނެޓް ބިނާވާނީ އިންފްރާސްޓްރަކްޗަރގެ މައްޗަށެވެ.

މިބުނާ "އިންފްރާސްޓްރަކްޗަރ" އަކީ ކޮބާ؟

އިންފްރާސްޓްރަކްޗަރ އަކީ މީ ކޯއްޗެއްތޯ، ގިނަ ބަޔަކަށް ވިސްނޭ ގޮތަށް ބަލާލަމާ ހިނގާށެވެ. އާންމުކޮށް މިީހުންނަށް އެނގޭ ކަންތައްތަކުގައި އިންފްރާސްޓްރަކްޗަރގެ ދެތިން މިސާލަކަށް ބާލާލާނަމެވެ. ދަތުރުފަތުރުގެ ނިޒާމުގައި މަގުތަކާއި ބްރިޖުތަކަކީ އިންފްރާސްޓްރަކްޗަރއެވެ. ކަރަންޓުގެ ނިޒާމުގައި، އެކި ހިސާބުތަކުގައި ހުރި ޓްރާންސްފޯމަރުތަކާއި އިންޖީނުގެ ތަކަކީ އިންފްރާސްޓްރަކްޗަރއެވެ. އަދި މުވާސަލާތީ ނިޒާމެއްގައި، ސެލް ޓަވަރުތަކާއި ބިމުއަޑިން ގެތަކަށް ވައްތާ ކޭބަލްތަކަކީ އިންފްރާސްޓްރަކްޗަރއެވެ.

އިންޓަރނެޓުގައި ވެސް ހިމެނެނީ ހަމަ މިފަދަ އިންފްރާސްޓްރަކްޗަރ ތަކެކެވެ. އަހަރުމެން ކޮމްޕިޔުޓަރ ކައިރީގައި އިނދެގެން ފޮނުވާލާ އެންމެ އީމެއިލްއެއް އެއްތަނުން އަނެއްތަކަށް ދަނީ އިންފްރާސްޓަރކްޗަރގެ އެކި ލޭޔަރުތައް މެދުވެރިވެއެވެ.

ޑޭޓާ ވެއަރހައުސް ނުވަތަ ޑޭޓާ ސެންޓަރުތައް : އަހަރުމެން ފޮނުވާ ކޮންމެ އީމެއިލްއެއް އަދި ޕޯސްޓް ކުރާ ކޮންމެ ފޮޓޯއެއް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ހުރި ޑޭޓާ ސެންޓަރެއްގައި ރައްކާކުރެވެއެވެ. ބައެއް ބޮޑެތި ކުންފުނިތަކުގެ ޑޭޓާ ސެންޓަރުތަކަކީ އެތަށް ގިނަ ފުޓްބޯޅަ ދަނޑަށް ވުރެ ސައިޒުން ބޮޑެތި ތަންތަނެވެ.

ސެޓްލައިޓްތަކާއި ކަނޑުއަޑީގައި އަޅާފައިވާ ކޭބަލްތައް : އަހަރުމެން ފޮނުވާ އީމެއިލްއެއް ކަނޑައެޅިފައިވާ ފަރާތާއި ހަމައަށް ރައްދުވަނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޮންމެވެސް ފައިބަރ އޮޕްޓިކް ކޭބަލްއެއް ތެރެއިން ދިގު ދަތުރެއް ކުރުމަށް ފަހުއެވެ. ނުވަަތަ ޑޭޓާ ޓްރާންސްފަރ ކުރާ ކޮންމެވެސް ސެޓެލައިޓެއް މެދުވެރިވެއެވެ.

ސެލް ޓަވަރުތަކާއި ރައުޓަރތައް : މިއީ އިންޓަނެޓް އިންފްރާސްޓްރަކްޗަރގެ އަހަރުމެންނަށް ފެންނަ ބައެކެވެ. ރަށުގެ އެއްކޮޅުގައި ނުވަތަ ކޮންމެވެސް ބިލްޑިންގެ އެއްގެ މަތީގައި ހަރު ކުރެވިފައިވާ ހުރި 5G ޓަވަރުތަކާއި އަހަރުމެންގެ ސިޓިންގ ރޫމް ތެރޭގައި ހުރި ވައިފައި ރައުޓަރުތަކަކީ ވެސް އިންފްރާސްޓަރކްޗަރއެވެ. މިއީ އަހަރުމެންގެ ފޯނުތަކާއި ލެޕްޓޮޕްތަކާއި އެހެނިހެން ޑިވައިސްތަކާއި ހަމައަށް އިންޓަރނެޓް ގެނެސްދޭ އެންމެ ފަހުގެ ލޭޔަރެވެ.

އެޕްގެ ވިސްނުން ދޫކޮށްލާ އިންފްރާސްޓްރަކްޗަރއަށް ފޯކަސް ކުރަންޖެހޭ ސަބަބަކީ ކޮބާ؟

އެޕްތަކުގެ މައްޗަށް ބިނާވެފައިވާ އިންޓަނެޓް ދަނީ އިންފްރާސްޓްރަކްޗަރގެ މައްޗަށް ބިނާވާ އެއްޗަކަށް ބަދަލުވަމުންނެވެ.

އޭއައިގެ މަގްބޫލުކަން އިތުރުވެ، އޭގެ ބޭނުންތައް ގިނަ ވެގެންދާ މިންވަރަކަށް ބާރުގަދަ، ޕްރޮސެސިންގ ޕަވަރު މަތި ކޮމްޕިޔުޓަރތަކުގެ ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އެހެން ކަމުން އިތުރަށް މޮޅު، ބާރުގަދަ ޑޭޓާ ސެންޓަރުތައް ތަރައްގީކުރަން އެބަޖެހެއެވެ.

ކޮމްޕިޔުޓަރ ޕްރޮސެސިންގ ޕަވަރު މަތިވާ މިންވަރަކަށް، އަހަރުމެން އިންޓަރނެޓް ބޭނުންކުރާ ހަލުވިމިނުގެ އެކްސްޕެކްޓޭޝަންވެސް ދަނީ މަތިވަމުންނެވެ. އެހެން ކަމުން އިންޓަރނެޓް ކަނެކްޝަނަށް ބޭނުންވާ ކޭބަލް އަދި ސެޓްލައިޓް ޓެކްނޮލޮޖީ ފެންވަރު ރަނގަޅުކޮށް ބާރު ގަދަ ކުރަން އެބަޖެހެއެވެ.

ބޮޑެތި ޑޭޓާ ސެންޓަރުތައް އުފެއްދުމަށް ބޮޑެތި ބިން ބޭނުންވެއެވެ. އަދި ކަރަންޓް ވިއުގަ ހަރުދަނާ ވާންޖެހެއެވެ.

މީގެ އިތުރުން ގައުމުތަކުން ދަނީ އެގައުމުތަކުގެ ޑޭޓާގެ މައްޗަށް އިތުރު ކޮންޓްރޯލް ހިފެހެއްޓުމަށް މަސައްކަތް ކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން މައުލޫމާތު ރައްކާ ކުރާ ލޮކޭޝަން ވެސް މުހިންމުވެއެވެ.

މިހުރިހާ ކަމަކަށް ބަލާފައި ބުނެވޭނީ އިންޓަރނެޓް ތަރައްގީ ކުރުމަކީ މިހާރު ހަމައެކަނި ކޯޑު ލިޔުމެއް ނޫނެވެ. ނުވަތަ އެޕް ޑިވެލޮޕްކުރުމެއް ވެސް ނޫނެވެ. މުސްތަގްބަލުގެ އިންޓަރނެޓަކަށް އިންފްރާސްޓްރަކްޗަރ އަކީ އެންމެ މުހިއްމު ބަޔެކެވެ.

މިޒަމާނުގައި އިންފްރާސްޓްރަކްޗަރ ކޮންޓްރޯލް ކުރުމަކީ ބޮޑެތި ބާރުގަދަ ކުންފުނިތަކަށް އެންމެ މުހިއްމު އެއްކަމެވެ. އެއީ އިންފްރާސްޓްރަކްޗަރގެ ކޮންޓްރޯލް އޮތް ބަޔަކަށް އިންޓަރނެޓުގެ ސްޕީޑާއި އަގު ކަނޑައަޅާ އަދި އެކްސެސް ކޮންޓްރޯލް ކުރެވޭނެތީއެވެ. ނެޓްވޯކް ރަނގަޅުވުމުން ހިދުމަތުގެ ސްޕީޑް ހަލުވި ކުރެވޭނެއެވެ. ޑޭޓާ ސެންޓަރު ހުރި ލޮކޭޝަންގެ ސަބަބުން ވެސް ހިދުމަތުގެ ސްޕީޑް ހަލުވި ކުރެވޭނެއެވެ. އިންޓަރނެޓުގެ ހިދުމަތް ފޯރުކޮށްދޭ ބަޔަކަށް މިހާރު މިއީ އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ ކުޑަ ކަންތައްތަކެއް ނޫނެވެ. މިއީ ކުންފުނިތަކުން ވިޔަފާރި ކުރާ ގޮތާއި، ފައިދާގެ މިންވަރު އިތުރުކުރެވޭނެ ފަދަ ބޮޑެތި ކަންތައްތަކެވެ. މިހާރު އިންފްރާސްޓްރަކްޗަރ ހިފަހައްޓާ ކުންފުނިތަކަކީ އެންމެ ބާރުގަދަ ކުންފުނިތަކެވެ.

އިންފްރާސްޓްރަކްޗަރގެ މައްޗަށް ބިނާވެފައިވާ އިންޓަރނެޓަކީ އަންނަން އޮތް ކަމެއް ނޫނެވެ. މިހާރު ވެސް އަހަރުމެންގެ ތެރެއިން ބައެއް ފަރާތްތަކަށް މިކަން ވާނީ ތަޖުރިބާ ކުރެވިފައެވެ. ބައެއް އެޕްތައް ލޯޑްވާ ސްޕީޑުން މިކަން ތަޖުރިބާ ކުރެވިދާނެވެ. ނުވަތަ ބައެއް ގައުމުތަކުގައި ވަކި އެޕްތަކެއް ބޭނުންކުރެވޭ މިންވަރާއި ފެންވަރު ރަނގަޅު ވާކަން ތަޖުރިބާ ކުރެވިފައި ހުރެދާނެއެވެ. މި ތަފާތުތައް ގިނަ ފަހަރަށް ފެންނަނީ އިންފްރާސްޓްރަކްޗަރގެ ސަބަބުންނެވެ.

އެހެންކަމުން އެޕްތައް އުފައްދާ ވިޔަފާރިތަކުން، މިހާރު ހަމައެކަނި އެޕްތަކެއް އުފައްދާ، އެޕް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދޭ އިންޓަފޭސްތަކާއި ދޭތެރޭ އެކަނި ވިސްނާލައިގެން ނުފުދޭނެއެވެ. އެޕްލިކޭޝަން ހޯސްޓް ކުރާ ތަނާއި، އެޕް ބޭނުންކުރާ މީހުންނާއި ކުންފުންޏާއި ދޭތެރޭގައި ހުރި ދުރުމިނާ ދޭތެރޭގައިވެސް ވިސްނަން މުހިއްމުވެއެވެ. ހާއްސަކޮށް އެއް ބާވަތެއްގެ އެޕްތަކެއް އުފައްދާ 2 ކުންފުންޏަކަށް ވާދަވެރިކަން އިތުރުކޮށް، ކުރިއަރާ ދިޔުމާއި، ފައިދާ އިތުރުކުރުމަށް ބައި ސިކުންތުގެ މިންވަރަކުން ވެސް ކުރިއަރާފާނެއެވެ. މިކުރިއެރުމުގެ ސަބަބަކަށް ވަނީ އިންފްރާސްޓްރަކްޗަރއެވެ.

މުސްތަގުބަލުގައި އިންޓަނެޓްގެ ބިނާވަނީ އެޕަކަށް ނޫނެވެ. އެކަން ބިނާވަނީ އިންފްރާސްޓްރަކްޗަރގެ ވަރުގަދަ ބިންގަލަށެވެ. އަހަރުމެންނަށް ސްމާޓްފޯނުތަކާއި އެހެން ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ވަގުތުން އިންޓަރނެޓްގެ މިބަދަލު ނުފެނިދާނެއެވެ. އިންޓަރފޭސްތަކުން ނުފެނުނު ނަމަވެސް އެޕްތަކުގެ ފަހަތުގައި ހިމެނޭ އިންފްރާސްޓްރަކްޗަރއަށް މިހާރު ވެސް ދަނީ އިންގިލާބީ ބަދަލެއް އަންނަމުންނެވެ. އިންފްރާސްޓްރަކްޗަރ ވެގެންދާނީ އައު ޖީލުގެ އިންޓަރނެޓް އޮންނާނެ ގޮތް ބައްޓަންކުރާ އެންމެ މުހިއްމު އެއްޗަށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.