11 މެއި 2026 ގައި ދިވެހިރާއްޖޭގެ ޑިޖިޓަލް ރައްކާތެރިކަމަށް ވަރަށް މުހިއްމު 2 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅައިފިއެވެ. މިގޮތުން ހުށަހަޅާފައިވާ ދެ ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި ސައިބަރ ސެކިއުރިޓީގެ ބިލެވެ.
މިބިލުތަކަކީ ސަރުކާރުގެ މޯލްޑިވްސް 2.0 ޕްލޭންގެ ހަތަރު ވަނަ ތަނބުކަމަށްވާ ޑިޖިޓަލް ހިދުމަތްތައް ހަރުދަނާ ކުރުމަށާއި އޭގެ މައްޗަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ހުށަހެޅުނު 2 ބިލެކެވެ. މިބިލްތައް ވެގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޒާތީ މައުލޫމާތު އެއްކުރުމާއި ބަލަހައްޓުމާއި ރައްކާތެރިކުރުމާއި އަދި ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާރ ރައްކާތެރިކުރުމާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ކަނޑައަޅާނެ ބިލްތަކަކަށެވެ. މިއީ މިހާރު ދިވެހިރާއްޖޭގައި ބޮޑުތަނުން އޮތް ގާނޫނީ ހުސްކަމެއް ފޫބެއްދުމަށާއި، ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި އާންމުންގެ ގިނަ ޝަކުވާތަކަކަށް ހައްލު ހޯދާދިނުމަށް ބާރުއަޅާދޭނެ ގާނޫނުތަކެކެވެ.
މި ބިލްތަކުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް އުފެއްދުންތަކާއި އިންފްރާސްޓްރަކްޗަރ އުފެއްދުމާއި، ރައްޔިތުންގެ ޑޭޓާ ބަލަހައްޓާނެ ގޮތުގެ ސާފު އުސޫލުތަކެއް ކަނޑައެޅުމުގެ އިތުރުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
މިބިލް ސަރުކާރުގެ ފަރާތުން މަޖުލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމްއެވެ.
މިބިލުގައި މައިގަނޑު ގޮތުގައި ބަލާލާފައިވަނީ
- ޒާތީ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމްކުރުން.
- ވަކި ފަރުދުންގެ ޒާތީ މައުލޫމާތުގެ ކޮންޓްރޯލް އެމީހެއްގެ އަތްމައްޗަށް ދިނުމުގެ އުސޫލުތައް ކަނޑައެޅުން.
- ޑޭޓާ އެއްކުރުމާއި ޕްރޮސެސްކުރާ މީހުންގެ ޒިންމާތައް ކަނޑައެޅުމާއި އެފަދަ ފަރާތްތައް ރެގިއުލޭޓްކުރުމުގެ އުސޫލުތައް ކަނޑައެޅުން.
- ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި ގުޅޭ ޝަކުވާތައް ތަހުގީގު ކުރުމަށް ޕްރައިވެސީ ކޮމިޝަނަރ އުފެއްދުން. ބިލުގައި މިދައުރު އަދާކުރުމަށް ހުށަހަޅާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ.
- އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުން ޑޭޓާ ލީކުވުން ހުއްޓުވުމަށް އަޅާނޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައެޅުން. މިގޮތުން ގާނޫނާ އެއްގޮތަށް މިމަސައްކަތް ކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި އިދާރާތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރ އައްޔަންކުރުން.
މިބިލް ސަރުކާރުގެ ފަރާތުން މަޖުލީހަށް ހުށަހެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޙުސައިން ނާސިހުއެވެ.
މިބިލުގައި މައިގަނޑު ގޮތުގައި ބަލާލާފައިވަނީ
- ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރި ކުރުމާއި ގުޅޭ ކަންކަން ރާވާ ހިންގުމަށް ނޭޝަނަލް ސައިބަރ ސެކިޔުރިޓީ އެޖެންސީއެއް ގާއިމުކުރުން. އަދި އެޖެންސީގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން.
- ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިއްމު އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅުން. އަދި އެދާއިރާތަކުގައި ފުރިހަމަ ވާންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުން.
- ދާހިލީ އަދި ކްރޮސް ބޯޑަރ ސައިބަރ ސެކިޔުރިޓީ ނުރައްކާތައް މޮނިޓަރކޮށް، ސައިބަރ ސެކިޔުރިޓީ ހާދިސާތަކަށް އިޖާބަދިނުމަށް ނިޒާމުތަކެއް ކަނޑައެޅުން.
- ބައިނަލްއަގްވާމީ ސައިބަރ ސެކިޔުރިޓީ މިންގަނޑުތަކަށާއި ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށް ރާއްޖޭގައި ގައުމީ ފެންވަރުގައި އަމަލު ކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުން.
މިދެބިލަކީ ވެސް މިވަގުތު ރާއްޖެއަށް ވަރަށް މުހިއްމު ދެބިލެވެ. އަދި މިބިލުތައް މަޖުލީހަށް ރަސްމީކޮށް ހުށަހެޅުމަކީ ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާ ވާންޖެހޭ މިޒަމާނުގައި ރާއްޖެއިން ކުރިއަށް އެޅި ފިޔަވަޅެކެވެ. މަޖުލީހުގެ ވެބްސައިޓްގައި ވާގޮތުން މިހާރު މިދެބިލުވެސް ވަނީ މަޖުލީހުގެ ތަޅުމަށް ހުށަހެޅި، އިބްތިދާއީ ބަހުސް މަރުހަލާގައެވެ.
މި ބިލްތައް މަޖުލީހުގެ ތަޅުމާއި ކޮމިޓީ މަރުހަލާތަކުގެ ތެރެއިން ކުރިއަށް ގޮސް އާންމުންގެ ހިޔާލު ހުށަހެޅޭ މަރުހަލާއަށް ދިއުމުން، އުންމީދުކުރަނީ ޓެކް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި މިފަދަ މަސައްކަތްތަކަށް އެޑްވޮކޭޓް ކުރާ ފަރާތްތަކަށް މިބިލްތަކަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ލިބޭނެ ކަމަށެވެ. ސަބަބަކީ މިއީ ހަމައެކަނި ގާނޫނީ ލިޔުމަކަށްވުރެ ފުޅާކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނާއި އިދާރާތަކުގެ މައުލޫމާތުގެ ރައްކާތެރިކަމަށް އެޅޭނެ ބިންގަލަކަށް ވާތީއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް
ހިންދު ޢަލީ
ސައިބަރޓެގް
ހިންދު ޢަލީ
ސައިބަރޓެގް