Download Logo
Copy Logo

މުހިންމު ބަދަލުތަކާއި އައު ފީޗާތަކާއެކު އެންޑްރޮއިޑް 17 ބީޓާ 4 އާންމުކޮށްފި

އަޙްމަދު ދާއޫދު 19 އޭޕްރީލު 2026

ގޫގުލް އިން އެންޑްރޮއިޑް 17 ގެ ފަހު ބީޓާ ވާޝަން ކަމަށްވާ "އެންޑްރޮއިޑް 17 ބީޓާ 4" ޕިކްސެލް ފޯނުތަކަށް އާންމުކޮށްފިއެވެ. ޕިކްސެލް 6 އިން ފެށިގެން އެންމެ ފަހުގެ މޮޑެލްތަކަށް ލިބެންހުރި މި އަޕްޑޭޓާއެކު، އެންޑްރޮއިޑް 17 ގެ ރަސްމީ ވާޝަން ނެރުމާ ވަރަށް ބޮޑަށް ގާތްވެފައިވާކަން ވަނީ ހާމަވެފައެވެ.

އެންޑްރޮއިޑް 17 ބީޓާ 3 ގައި "ޕްލެޓްފޯމް ސްޓެބިލިޓީ" އަށް ވާސިލްވެފައިވާތީ، މިފަހަރުގެ އަޕްޑޭޓްގައި އާންމުކޮށް ފެންނަ ބޮޑެތި އައު ފީޗާތަކެއް ނުހިމެނެއެވެ. އޭގެ ބަދަލުގައި މި އަޕްޑޭޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސިސްޓަމްގެ އެތެރޭގެ މުހިންމު ބަދަލުތަކަކާއި، ފޯނު ބޭނުންކުރުމުގައި ދިމާވާ ގިނަ މައްސަލަތަކެއް ހައްލުކުރުމަށެވެ.

މި އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުސްތަގުބަލުގައި އަތުވެދާނެ ސައިބާ ހަމަލާތަކުން ފޯނުތައް ރައްކާތެރިކުރުމަށްޓަކައި ތައާރަފުކުރި "ޕޯސްޓް-ކުއަންޓަމް ކްރިޕްޓޮގްރަފީ" ގެ ސެކިއުރިޓީ އަޕްގްރޭޑެވެ.

މީގެ އިތުރުން، އެޕްލިކޭޝަންތަކުން ރެމް ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށްދީ، ފޯނުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭ "އެޕް މެމަރީ ލިމިޓްސް" ވެސް ވަނީ ތައާރަފުކޮށްފައެވެ.

ފެންނަ ނުފެންނަ ކުދި ބަދަލުތަކަށް ބަލާއިރު، ޔޫޒަރ އިންޓަރފޭސްއަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ނޮޓިފިކޭޝަން ނެތް ހާލަތްތަކުގައި ކުރިން ފެންނަ ލިޔުމުގެ ބަދަލުގައި މިހާރު ފެންނާނީ "You're all caught up" މި ލިޔުމާއެކު ކުޑަ ޓްރޮފީއެކެވެ.

މި އަޕްޑޭޓްގެ ކޯޑުތައް ދިރާސާކުރުމުން، ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ޕިކްސެލް 11 ސީރީޒްގައި ހިމެނިދާނެ ކަމަށް ބެލެވޭ "ޕިކްސެލް ގްލޯ" ކިޔާ އައު ފީޗާއެއްގެ މައުލޫމާތު ވަނީ ހާމަވެފައެވެ. މިއީ ފޯނު ބަންޑުން ބާއްވާފައި އޮންނައިރު، ފޯނުގެ ފަހަތުން ދިއްލޭ ކުލަގަދަ އަލިތަކެއް މެދުވެރިކޮށް ނޮޓިފިކޭޝަން އަންގައިދޭ ނިޒާމެކެވެ. ރިޕޯޓުތައް ބުނާގޮތުން ގޫގުލްގެ އޭއައި "ޖެމިނައި" އާއެކު މުއާމަލާތްކުރާއިރު ވެސް މި އަލިތައް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން، މި ބީޓާ ވާޝަންގައި ވަނީ ފޯނު ބޭނުންކުރުމުގައި ކުރިން ދިމާވި ވަރަށް ގިނަ މައްސަލަތަކެއް ހައްލުކޮށްފައެވެ. އޭގެ ތެރޭގައި، ބެޓެރީ 80 އިންސައްތައަށް އެރުމަށްފަހު ޗާޖުވުން ކުއްލިއަކަށް ލަސްވާ މައްސަލައާއި، ބްލޫޓޫތު އޮފް ކުރުމަށްފަހު އަލުން އޮން ނުވާ މައްސަލަ ހިމެނެއެވެ. އަދި ސްކްރީން ފްރީޒްވުމާއި، މެސެޖުކުރަން އުޅޭއިރު އަމިއްލައަށް ފޯނު ރީސްޓާޓްވާ މައްސަލައިގެ އިތުރުން ސްކްރީންޝޮޓް ޝެއާކުރާއިރު ނޭނގި ވެބްސައިޓް ލިންކުތައް ފޮޓޯއާއެކު ޝެއާކުރެވޭ މައްސަލައަށް ވެސް ވަނީ ހައްލު ހޯދައިދީފައެވެ.

އެންޑްރޮއިޑް 17 ގެ ރަސްމީ ވާޝަން ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި އާންމުކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އޭގެ ކުރިން ނެރޭނެ އެންމެ ފަހު ޓެސްޓިންގ ވާޝަނެވެ. މިހާރު ޕިކްސެލް 6 އިން ފެށިގެން މަތީގެ ފޯނުތައް ގެންގުޅޭ ފަރާތްތަކަށް ބީޓާ ޕްރޮގްރާމް މެދުވެރިކޮށް މި އަޕްޑޭޓް ޑައުންލޯޑުކޮށް ޓެސްޓު ކުރެވޭނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.