އެޕަލް ކުންފުނީގެ ސީއީއޯގެ މަގާމުން ޓިމް ކުކް ވަކިވެވަޑައިގަންނަވާކަން އެ ކުންފުނިން ރަސްމީކޮށް އިއުލާނުކޮށް އެ މަގާމަށް މިހާރު އެ ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޖޯން ޓާނަސް އައްޔަން ކޮށްފިއެވެ.
މި ބަދަލަށް ރަސްމީކޮށް އަމަލީ ސިފަ އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޓިމް ކުކް ހުންނަވާނީ އެޕަލްގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައެވެ.
ޓާނަސް ސީއީއޯގެ މަގާމަށް ވަޑައިގަންނަވާއިރު، އޭނާ ކުރިން ފުރުއްވި ހާޑްވެއާ އިންޖިނިއަރިންގެ ޒިންމާތަކާ މިއަދުން ފެށިގެން ހަވާލުވާނީ ޖޯނީ ސުރޫޖީ އާއި ޓޮމް މަރީބްއެވެ. މި ބަދަލަކީ އެޕަލްގެ ބޯޑުން އިއްތިފާގުން ފާސްކޮށްފައިވާ ބަދަލެކެވެ.
އެޕަލްއިން ނެރުނު ނޫސް ރިޕޯޓެއްގައި ބުނި ގޮތުގައި ޓިމް ކުކް އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުވެސް ކުކް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ދާއިރާއެކެވެ.
މިކަމާ ގުޅޭގޮތުން ޓިމް ކުކް ވިދާޅުވީ އެޕަލްގެ ސީއީއޯގެ މަގާމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި އާ ސީއީއޯ ޖޯން ޓާނަސްއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ، އީޖާދުވެރި ސިކުނޑިއެއްގެ ވެރިއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޖޯން ޓާނަސް ވިދާޅުވީ ސްޓީވް ޖޮބްސް އާއި ޓިމް ކުކްގެ ފަރާތުން ލިބުނު ފިލާވަޅުތަކާއެކު މި މަގާމާ ހަވާލުވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އެޕަލްގެ މުސްތަގުބަލާ މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2011 ވަނަ އަހަރުން ފެށިގެން ޓިމް ކުކްގެ ދައުރުގައި އެޕަލްގެ މާކެޓް އަގު 350 ބިލިއަން ޑޮލަރުން 4 ޓްރިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. އޭނާ ވަނީ އައިފޯން 4އެސް އިން ފެށިގެން މިހާތަނަށް ނެރުނު ހުރިހާ ފޯނަކާއި، އެޕަލް ވޮޗް އަދި އެއާޕޮޑްސް ފަދަ އުފެއްދުންތައް ތައާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
އާ ސީއީއޯ ޖޯން ޓާނަސް އެޕަލްއާ ގުޅުނީ 2001 ވަނަ އަހަރުއެވެ. އުމުރުން 50 އަހަރުގެ ޓާނަސްއަކީ އައިފޯނާއި މެކް ކޮމްޕިއުޓަރުތައް ފަރުމާކުރުމުގައި މިހާތަނަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޓިމް ކުކް އެޕަލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2011 ވަނަ އަހަރު އެ ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް ބަލިހާލަތު ހުރިގޮތުން މަގާމުން ދުރުވުމާ ގުޅިގެންނެވެ. ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ކުކް ވަނީ އެޕަލްގެ މާކެޓް އަގު 350 ބިލިއަން ޑޮލަރުން 4 ޓްރިލިއަން ޑޮލަރަށް އުފުލައިދީ، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމަށް އެޕަލް ގެންގޮސްދީފައެވެ.
އޭނާގެ ކާމިޔާބު ދައުރުގައި އެޕަލް ވޮޗް، އެއާޕޮޑްސް އަދި އެޕަލް ސިލިކަން ޗިޕް ފަދަ އިންގިލާބީ އުފެއްދުންތައް ތައާރަފްކުރިއިރު، އާ ސީއީއޯގެ މަގާމަށް އައްޔަންކުރި ޖޯން ޓާނަސްއަކީ 2001 ވަނަ އަހަރުން ފެށިގެން އެޕަލްގެ ހާޑްވެއާ ފަރުމާކުރުމުގައި ސްޓީވް ޖޮބްސް އާއި ޓިމް ކުކްގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ، ކުންފުނީގެ ފަލްސަފާ ދަންނަ އެންމެ ގާތް އެއް ތަޖުރިބާކާރެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.