މިޒަމާނުގެ އާންމުކޮށް ޔުނިވަރސިޓީ ދަރިވަރަކަށް ދުވަސް ފެށޭނީ ކިޔެވުމުގެ ހުރިހާ ކަންތައްތަކެއް މެނޭޖްކުރާ ޑިޖިޓަލް އެޕްލިކޭޝަނަކާއި ހަމައިންނެވެ. އާންމުކޮށް އެޕްލިކޭޝަނަށް ލޮގިން ކުރުމުން ފެންނާނީ ދުވަހުގެ ކްލާސްތަކުގެ ތާވަލާއި ފިލާވަޅުތަކާއި ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓްތަކެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކެންވަސް އެލްއެމްއެސް އެޕްލިކޭޝަން ބޭނުންކުރާ ޔުނިވަރސިޓީ ދަރިވަރުންނަށް ފެނުނީ ތަފާތު މަންޒަރެކެވެ.
ކެންވަސް ބޭނުންކުރާ ދަރިވަރުންނަށް 7 މެއި 2026 ވީ ދުވަހު، އެސައިންމަންޓްތަކާއި ކޯސް މެޓީރިއަލްތަކުގެ ބަދަލުގައި، ހޯމް ސްކްރީނުގައި ފެނުނީ ސިސްޓަމް ހެކްކޮށް، އޭގައި ހިމެނޭ ޑޭޓާ ރެންސަމަށް ހިފަހައްޓާފައިވާކަމަށް ހެކަރުންތަކެއް ފޮނުވާފައިވާ މެސެޖެކެވެ. މެސެޖުގައި އޮތީ ހެކްކުރީ ޝައިނީ ހަންޓަރސް ކިޔާ ގްރޫޕަކުން ކަމަށާއި، އަދި އެހެކުގެ އަސަރުކުރި އެއްވެސް ސްކޫލެއްގެ ޑޭޓާ އާންމުކުރުމުގެ ކުރިން އެކަން ހުއްޓުވަން ބޭނުންނަމަ ޕްރައިވެޓްކޮށް އެމީހުންނާއި ގުޅުމަށެވެ. އަދި 12 މެއި 2026 ވަނަ ދުވަސް ނިމުމާއި ހަމައަށް މުހުލަތުދީ އޭގެ ފަހުން ހުރިހާ ޑޭޓާއެއް އާންމުކޮށް ރިލީސްކުރާނެކަމުގެ އިންޒާރެކެވެ.
ކެންވަސްއަކީ ދުނިޔޭގެ ވަރަށް ގިނަ ސްކޫލްތަކާއި ޔުނިވަރސިޓީތަކެއްގައި ބޭނުންކުރާ ލާރނިންގ މެނޭޖްމަންޓް ސިސްޓަމް (އެލްއެމްއެސް) އެކެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް އެލްއެމްއެސްއެވެ. ފާއިތުވި އަހަރުތަކުގައި ކެންވަސް އިން ވަނީ މާކެޓުގައި މޫޑްލް އާއި ބްލެކްބޯޑް ފަހަތަށް ޖައްސާލާފައެވެ. އެމެރިކާއާއި ކެނެޑާގައި މާކެޓްގައި ކެންވަސްގެ ހިއްސާއަކީ ގާތްގަނޑަކަށް %45 އެވެ.
މިއީ ތައުލީމީ އިންސްޓިޓިއުޓްތަކުން ފިލާވަޅުތަކާއި އެސައިންމަންޓްތައް ހަވާލުކުރުމަށާއި، މާކްސް އާއި ގްރޭޑް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މިޕްލެޓްފޯމަކީ އެމެރިކާގެ އިންސްޓްރަކްޗަރ (Instructure) ކިޔާ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ކުންފުންޏެއްގެ އުފެއްދުމެކެވެ. މުޅި ދުނިޔޭގައި މިއެޕްލިކޭޝަން ބޭނުންކުރާ އެތަށް ސަތޭކަ މިލިއަން ދަރިވަރުންނާއި ޓީޗަރުންގެ މަޢުލޫމާތާއި ސިސްޓަމްގެ ސެކިއުރިޓީ ބަލަހައްޓަނީ މިކުންފުނިންނެވެ.
ދުނިޔޭގެ އެންމެ ގިނައިން ބޭނުންކުރާ އެއް އެލްއެމްއެސް، ކެންވަސްއަށް ބޮޑު ސައިބަރ އެޓޭކެއްގެ މިކުރިމަތިވީ، މިއެޕްލިކޭޝަން ބޭނުންކުރާ ސްކޫލަތަކާއި ޔުނިވަރސިޓީތަކުގެ ދިރާސީ އަހަރުގެ އިމްތިހާނުތައް ފެށެން ގާތްވެފައި ވަނިކޮންނެވެ. މިއީ ގިނަ ދަރިވަރުންތަކެއް އެމީހުންގެ އެސައިންމެންޓްތައް ފިލާވަޅުތައް ފުރިހަމަ ކުރަން އޮންނަ ހަމައެކަނި ގޮތްވެސް މެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިސައިބަރ ހަމަލާގެ ސަބަބުން 3.5 ޓެރަބައިޓްގެ ޑޭޓާގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވެއެވެ.
އަދި ގާތްގަނޑަކަށް 275 މިލިއަން ޔޫޒަރުންނަށް އަސަރުކޮށްފައިވެއެވެ.
މިކަމުގެ އަސަރު ކުރި ތައުލީމީ އިންސްޓިޓިއުޓްތަކުގެ އަދަދު ގާތްގަޑަކަށް 9000 އަށް އަރާނެކަމަށް ރިޕޯޓްތަކުން ލަފާކުރެއެވެ. މީގެ ތެރޭގައި އެމެރިކާގެ ހާވާޑްއާއި ޕްރިންސްޓަން ފަދަ އައިވީ ލީގު ޔުނިވަރސިޓީތަކާއި، ޔޫކޭގެ ޔުނިވަސިޓީ އޮފް އޮކްސްފޯޑާއި، ކެނެޑާ، ޔޫރަޕް، އޮސްޓްރޭލިޔާ އަދި ނިއުޒީލެންޑްގެ ބައެއް ޔުނިވަރސިޓީތަކާއި ޕަބްލިކް ސްކޫލްތައް ވެސް ހިމެނެއެވެ.
މިހެކުގެ ސަބަބުން ހަމައެކަނި ލިބޭނެ ގެއްލުމަކީ އެޕްލިކޭޝަންއަށް އެކްސެސް ނުކުރެވި ނުވަތަ ބޭނުންނުކުރެވި ހޭދަވާ ވަގުތު އެކަންޏެއް ނޫނެވެ. މިއީ އެޕްލިކޭޝަންގައި ރައްކާކުރެވިފައިވާ ދަރިވަރުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ނެތިގެން ދިޔަ ބޮޑު ކާރިސާއެކެވެ.
ރިޕޯޓްތަކުން ދައްކާގޮތުގައި މިހެކުގައި ކޮމްޕްރޮމައިސް ވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކެންވަސް ބޭނުންކުރާ ޔޫސަރުންގެ ނަމާއި، އީމެއިލް އެޑްރެހާއި ދަރިވަރުންގެ ސްޓުޑެންޓް އައިޑީ ނަންބަރުތައް ފަދަ މީހުން ދެނެގަނެވޭނެ ޒާތީ މައުލޫމާތު ހިމެނެއެވެ. އަދި އެޕް މެދުވެރިކޮށް ދަރިވަރުންނާއި ފެކަލްޓީއާއި ދެމެދު އަހަރުތަކެއް ވަންދެން ބަދަލު ކުރެވިފައިވާ ޕްރައިވެޓް މެސެޖުތަކާއި ހެކުގެ އަސަރުކުރި ތައުލީމީ އިންސްޓިޓިއުޓްތަކުގެ އެތެރޭގެ ޑިޖިޓަލް އަރކިޓެކްޗާރއާއި ގުޅޭ މެޓަޑޭޓާވެސް ހިމެނޭކަމަށްވެއެވެ.
މިހެކުގެ ޒިންމާ ނަގާފައިވަނީ ޝައިނީ ހަންޓަރސް ކިޔާ ގްރޫޕެކެވެ. މިގްރޫޕަކީ މީގެ ކުރިންވެސް އެކި އެޕްލިކޭޝަންތަކަކަށް އެތައް ސައިބަރ ސެކިޔުރިޓީ ހަމަލާތަކެއް ދީފައިވާ ގްރޫޕެކެވެ. 2024 ގައި ޓިކެޓްމާސްޓަރ އެޕްލިކޭޝަނަށާއި ސެންޓެންޑަރ ބޭންކަށް މިގްރޫޕުން ހަމަލާތަކެއްދީ އެތަށް މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ވަގަށް ނަގާފައިވެއެވެ. އަދި 2020 ގައި މައިކްރޮސޮފްޓްގެ ގިޓްހަބް އެކައުންޓް ހެކްކޮށް 500 ޖީބީ އަށް ވުރެ ގިނަ އަދަދަކަށް ސޯސް ކޯޑް ވަގަށް ނަގާފައިވެއެވެ.
މީގެ 8 މަސް ކުރިން، ސެޕްޓެމްބަރ 2025 ގައި ވެސް ޝައިނީ ހަންޓަރސްއިން ވަނީ ހަމަ ކެންވަސް ސިސްޓަމްގެ ބެލެނިވެރި ކުންފުނި އިންސްޓްރަކްޗަރއަށް ސައިބަރ ސެކިޔުރިޓީ ހަމަލާއެއް ދީފައެވެ. އެފަހަރު ހަމަލާ ދީފައިވަނީ އެކުންފުނީގެ ސޭލްސްފޯސް ބިޒްނަސް ސިސްޓަމަށެވެ. އެއީ ސޯޝަލް އިންޖިނިއަރިންގ ބާވަތުގެ ސައިބަރ ހަމަލާއެކެވެ. އިންސްޓްރަކްޗަރއިން ހާމަ ކުރާ ގޮތުގައި އެހަމަލާގައި ކެންވަސް އެޕްލިކޭޝަނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.
އިންސްޓްރަކްޗަރއިން ހާމަކޮށްފައިވާ ގޮތުގައި 2026 މެއި މަހުގެ ހަމަލާގައި އެކްސްޕްލޮއިޓްކޮށްފައިވަނީ ކެންވަސް އެޕްލިކޭޝަންގައި ހިމެނޭ "ފްރީ-ފޯ-ޓީޗަރ އެކައުންޓްސް (އެފްއެފްޓީ)" ކިޔާ ޕްރޮގްރާމްގައި ހިމެނޭ މައްސަލައެއްގެ ފައިދާ ނަގައިގެންނެވެ. ހަމަލާއާއި ވިދިގެން 7 މެއި ވީ ދުވަހު އިންސްޓްރަކްޗަރއިން ކެންވަސް، ކެންވަސް ބީޓާ އަދި ކެންވަސް ޓެސްޓް އެޕްލިކޭޝަން އެއްކޮށް ޑައުންކޮށްލިއެވެ. އަދި ފަހުން ކެންވަސްގެ އެޕްލިކޭޝަންތައް އަޕް ކުރީ ފްރީ-ފޯރ-ޓީޗަރ އެކައުންޓް ޕްރޮގްރާމް އެއްކޮށް ޝަޓްޑައުން ކޮށްފައެވެ. އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ޑޭޓާގެ ރައްކާތެރިކަމަށް މިފިޔަވަޅު އެޅި ނަމަވެސް މިކަމުގެ ސަބަބުން އެތައް ހާސް ޓީޗަރުންނަކަށް މިހާރު ވަނީ މިވަސީލަތްތައް މެދުކެނޑިފައެވެ.
އިންސްޓްރަކްޗަރއިން ކަށަވަރުކޮށްދީފައިވާ މައުލޫމާތުން އެގެނީ، މިދެންނެވުނު ފްރީ-ފޯ-ޓީޗަރ އެކައުންޓްސް ފީޗަރގައި ހިމެނޭ މައްސަލަތަކެއްގެ ސަބަބުން، ހަމަލާ ދިން ފަރާތަށް ކެންވަސްގެ ޕްރޮޑަކްޝަން ޑޭޓާބޭސްގެ އެކްސެސް ހޯދުނު ކަމަށެވެ. އަދި ޔޫސަރނޭމްތަކާއި، ސްޓުޑެންޓް އައިޑީތަކާއި، ޔޫސަރުންގެ މެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކަށް އެކެސްސްކޮށް، އިންސްޓިޓިއުޓްތަކަށް ފެންނަ ހޯމް ޕޭޖް ބަދަލުކުރިކަމަށެވެ. މިގޮތަށް އިންޓަރފޭސް ބަދަލުކުރުމާއި ގުޅިގެން ހަމަލާ ދިން މީހުންނަށް ކެންވަސް އެޕްލިކޭޝަންގެ ރީޑް އެކްސެސްގެ އިތުރުން ކޮންމެވެސް މިންވަރަކަށް ރައިޓް އެކެސްސް ލިބުނު ކަން ހާމަވެއެވެ. އެހެން ނަމަވެސް އިންސްޓްރަކްޗަރއިން އެކްސެސް ލިބުނު މިންވަރާއި މެދު އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
މިހާދިސާއާއި ގުޅިގެން ކެންވަސްގެ ބެލެނިވެރި ކުންފުނި، އިންސްޓްރަކްޗަރއިން ވަނީ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހެކްގެ ސަބަބުން ދަރިވަރުންގެ ބައެއް މަޢުލޫމާތުތައް ލީކުވި ނަމަވެސް، އެންމެ ނާޒުކު ބައެއް މަޢުލޫމާތުތަކަކަށް ހެކަރުންނަކަށް އެކްސެސްއެއް ނުކުރެވެއެވެ.
އިންސްޓްރަކްޗަރއިން ކަށަވަރުކޮށްދޭ ގޮތުގައި، ދަރިވަރުންގެ ޕާސްވޯޑްތަކާއި، ބޭންކު އެކައުންޓް ފަދަ މާލީ މަޢުލޫމާތުތައް، އަދި ރަސްމީ އައިޑީ ކާޑު ފަދަ ލިޔެކިޔުންތައް ހެކަރުންގެ އަތްދަށަކަށް ނުދެއެވެ.
ހެކް ކުރުމާއި ގުޅިގެން ޑައުން ކުރި ބައެއް ސިސްޓަމްތަކަށް އަލުން ވަދެވޭނެ އިންތިޒާމުތައް ކުންފުނިން ދަނީ މަޑުމަޑުން ހަމަޖައްސަމުންނެވެ.
ހެކަރުން ދޭން ބުނި ފައިސާ ނުވަތަ "ރޭންސަމް" ދިނުމާއި މެދު ކުންފުނިން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އާންމު ގޮތެއްގައި މިފަދަ ބޮޑެތި ހަމަލާތަކުގައި ހެކަރުންނަށް ފައިސާ ދިން ނަމަވެސް އެކަން ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، އިންސްޓްރަކްޗަރ އިން ބުނެފައިވަނީ މިފަދަ ކަމެއް ދެން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަކޮށް، ސައިބަރ ސެކިއުރިޓީ މާހިރުންނާއެކު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މިދުވަސްވަރަކީ އިމްތިހާން ދުވަސްވަރު ކަމަށްވުމުން، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދަރިވަރުންނަށް ވީހާވެސް އަވަހަކަށް ސިސްޓަމް ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށް ބުންޏެވެ.
މިހާދިސާއިން އެނގިގެން ދިޔައީ، ބަރޯސާވާ އެންމެ އެޕްލިކޭޝަންއެއް ފެއިލްވުމުގެ ސަބަބުން އެތަށް ހާސް ބައެއްގެ ޑޭޓާ ކޮމްޕްރޮމައިސް ވެދާނެކަމެވެ. އެންމެ ޕްލެޓްފޯމެއްގެ އެންމެ ބައެއްގެ ސެކިއުރިޓީ ބަލިކަށިވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ވަސީލަތްތައް އެއްކޮށް ގެއްލިދާނެކަމެވެ.
މިހާދިސާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކާއި ސްކޫލްތަކުގެ އިމްތިހާންތައް ފަސްކުރަންޖެހުމާއި، އެތަށް މިލިއަން ދަރިވަރުންނެއްގެ މަޢުލޫމާތު ނުރައްކަލަށް ހުށަހެޅިގެން ދިޔުމަކީ ތަޢުލީމީ އިދާރާތަކަށް ލިބުނު ވަރުގަދަ އިންޒާރެކެވެ.
ޑިޖިޓަލް ވަސީލަތްތައް މެދުވެރިވެ މިހާރު ކޮންމެ ދާއިރާއަކަށް ވެސް ލިބިފައިވަނީ ކުރިއެރުމެވެ. އެހެން ނަމަވެސް ދެރަކަމަކީ ބޭނުންކުރާ އެޕްލިކޭޝަންތަކަށް ދޭ އަހަންމިއްޔަތުކަން، އެތަކެތި ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ނުދެވޭކަމެވެ. ކީބޯޑެއްގެ ފަހަތުގައި ތިބި ނުރައްކާތެރި ގްރޫޕަކަށް މުޅި ތައުލީމީ ނިޒާމު ހުއްޓުވާލެވޭ ފަދަ ފުރުސަތެއް ދެވިގެން ނުވާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް