ތައުލީމީ ދާއިރާ އަށް އައިސީޓީ އާއި ރައްޓެހި ތަސައްވުރެއް

ޝުޖާޢަތު ރަޝީދު 11 ޖޫން 2021

ތަޢުލީމީ ދާއިރާގައި އައިސީޓީގެ ދައުރު އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މަޝްވަރާކޮށް އިތުރަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ޝައުނާ ޓެކްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓެކްނިއުސްއިން ތަޢުލީމީ ދާއިރާގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް) މާއްދާތައް އެކުލަވާލައި އައިސީޓީގެ ދައުރާއި ބެހޭ ގޮތުން މިނިސްޓަރގެ ހިޔާލާއި މަސައްކަތް ކުރައްވާނެ ގޮތާއި މެދު ސުވާލު ކުރުމުންނެވެ.

ޓެކް ކޮމިއުނިޓީއާއި އަދި ވިމެންއިންޓެކް މޯލްޑިވްސްއާއި އެކު ބޭއްވުނު އޮންލައިން ބައްދަލުވުމުގައިވެސް އައިސީޓީ ވަކި މާއްދާއެއް ގޮތުގައި ނެތުމާއި ބެހޭގޮތުން ޓެކް ކޮމިއުނިޓީއިން ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ ކޮވިޑް 19 އިގެ ހާލަތުގައި އެނގިގެން މިދިޔައީ ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ޓެކްނޮލޮޖީ އެކުލަވާލުން މިއީ ވަރަށް މުހިންމު ކަމެއްކަމުގައި ކަމެވެ.

އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤަޢުމެއްގައި މާލޭގައި ހުރި މުދައްރިސަކަށް އެހެން ރަށެއްގައި ތިބޭ ދަރިވަރުންނަށްވެސް ކިލާހެއް ނަގައި ދިނުމަކީ ނުވާނެ ކަމެއް ނޫންކަންވެސް މިހާރު އެނގިގެން ހިނގައްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަ ކުރީ އެންސީއައިޓީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން އިންޓަނެޓަށް ބަރޯސާވެ އަދި ކުރަންޖެހޭ ހޭދަ އެހާ ބޮޑުނުވެ ބޭނުން ކުރެވޭނެ ފަދަ ލާނިން ޕްލެޓްފޯމެއް ޑެވެލޮޕް ކުރެވެމުންދާ ވާހަކައެވެ. އަދި މީގެ އިތުރަށް، ގޫގަލް ކްލާސްރޫމް ބޭނުންކޮށްގެން ގޫގަލް މީޓްގެ ބަދަލުގައި ކޮންފެރެންސިން ޓޫލެއް ބޭނުން ކުރުން މިއީވެސް ވިސްނަާފައިވާ ކަމެއް ކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރގެ އިންޓަވިއު ނިންމާލަމުން ތަޢުލީމީ ދާއިރާގައި ސްޓެމް މާއްދާތަކުގެ ޓްރެއިނިން ތަކާއި އަދި ދަރިވަރުންނާއި ދިވެހި ރައްޔިތުން އައިސީޓީއަށް އަހުލުވެރި ކުރުމަށްޓަކައި ވިމެންއިންޓެކްއާއި އަދި މުޅި ޓެކް ކޮމިއުނިޓީއިން ކުރައްވަމުން ގެންދާ މަސައްކަތްތަށް ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރު އަދާ ކުރެއްވިއެވެ.

އަދި ސްޓެމް މާއްދާތައް ހިމަނައި އައިސީޓީ ކަރިކިއުލަމް ޑެވެލޮޕްކުރުމަށް ޓެކް ކޮމިއުނިޓީގެ އެހީ ވަރަށް ބޮޑަށް ލިބުމަކީ މުހިންމު ކަމެއް ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ރޭވިފައި ހުރި ލަނޑުދަނޑިތަކަށް ބަލާއިރު ސްޓެމް އެޑިއުކޭޝަނަށް ފުރުސަތު ދިނުމަށްޓަކައި މި މާއްދާތަށް އެކުލަވާލައި ކަރިކިއުލަމްއަށް އިންޓަނޭޝަނަލް ސްޓޭންޑަޑްތަކެއް ގެނައުމަށް ވަނީ ބަޔާންކޮށްފައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.