Download Logo
Copy Logo

ކްރިއެޓޯލް: ދިވެހި ފަންނުވެރިކަން ދުނިޔެއަށް – އައު ވިޔަފާރީގެ ބާޒާރު

އަޙްމަދު ދާއޫދު 30 ޖޫން 2026

ދިވެހިރާއްޖޭގެ އުފެއްދުންތެރި އިޤްތިޞާދު (ކްރިއޭޓިވް އިކޮނޮމީ) އާ މަރުހަލާއަކަށް ގެންގޮސްދޭނެ މުހިންމު ފެށުމެއްގެ ގޮތުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވަނީ "ކްރިއެޓޯލް"ގެ ނަމުގައި ޤައުމީ ޑިޖިޓަލް މާކެޓްޕްލޭސްއެއް އިފްތިތާހުކޮށްފައެވެ. ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ އިފްތިތާހުކޮށްދެއްވި މި ޕްލެޓްފޯމަކީ، ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތައް އެއްތަނަކުން ގަނެވިއްކޭނެ ގޮތަށް ހުޅުވާލެވުނު ރަސްމީ ދިވެހި ބާޒާރެކެވެ.

މި ޕްލެޓްފޯމަކީ ކުރިން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ފޮޓޯއާއި ވީޑިއޯ ހޯދުމުގައި ގެންގުޅުނު އާދައިގެ މެނުއަލް ނިޒާމް ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކޮށްލި ވަސީލަތެކެވެ. މީގެ ސަބަބުން ދިވެހި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް ވެރިފައިޑް ޕްރޮފައިލް ހަދައި، އަމިއްލަ އަގު ކަނޑައަޅައިގެން މަސައްކަތް ވިއްކުމުގެ މިނިވަންކަން ލިބިގެންދެއެވެ.

މީގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެތަނުގެ 50 އަހަރުވީ ތާރީޚީ އޯޑިއޯ އަދި ވީޑިއޯ އާކައިވްއިން ހޮވާލެވޭ ބައިތައް ލައިސަންސްގެ ދަށުން ބޭނުންކުރުމުގެ ފުރުސަތުވެސް ކްރިއޭޓަރުންނަށް ލިބިގެންދާނެއެވެ. ކްލަޔަންޓުންނަށް މި ބާޒާރުން ހިލޭ ހުންނަ ކޮންޓެންޓް ޑައުންލޯޑްކުރުމާއި، ލައިސަންސްކޮށްފައިވާ ތަކެތި ސީދާ ގަނެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

ކްރިއޭޓޯލް މާކެޓް ޕްލެސް އިފްތިތާޙް ކުރުން --- ފޮޓޯ: ވީއެމްސީ

ކްރިއޭޓޯލް ބޭނުންކުރާނީ ކިހިނެއް:

ވެބްސައިޓަށް ލޮގިންވުމާއި، އޭގެ ޚިދުމަތްތައް ބޭނުންކުރާނެ ގޮތް މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ތިރީގައި އެވަނީއެވެ.

1. އެކައުންޓަށް ލޮގިންވުން

ވެބްސައިޓުގެ އެއްވެސް ޚިދުމަތެއް ބޭނުންކުރެވޭނީ އެކައުންޓެއް ހަދައިގެންނެވެ. އެގޮތުން ވެބްސައިޓުގެ މައި ސަފުހާގައިވާ [Get Started] ބަޓަނަށް ފިތާލުމުން ސައިން-އަޕް ނުވަތަ ލޮގިން ވާނެ ޕޭޖެއް ފެންނާނެއެވެ. ލޮގިންވުމަށް އީމެއިލް އެޑްރެހާއި ޕާސްވޯޑް ބޭނުންކުރެވޭއިރު، ސައިޓުން ސަޕޯޓްކުރާ ސެކިއުރިޓީ އޮތެންޓިކޭޝަން މެދުވެރިކޮށްވެސް ފަސޭހަކަމާއެކު އެކައުންޓަށް ވަދެވޭނެއެވެ.

2. ވެބްސައިޓުގެ ޚިދުމަތްތައް ބޭނުންކުރުން

ލޮގިންވުމަށްފަހު، ތިމާ ވެބްސައިޓް ބޭނުންކުރާ ބޭނުމަކަށް ބަލައި ޚިދުމަތްތައް ލިބިގަނެވޭނީ ތިރީގައިވާ ގޮތަށެވެ.

ކޮންޓެންޓް ވިއްކާ ފަރާތްތަކަށް (Creators):

ތިޔައީ ފޮޓޯގްރާފަރެއް ނުވަތަ ވީޑިއޯގްރާފަރެއްނަމަ، އަމިއްލަ ފޮޓޯ އަދި ސްޓޮކް ވީޑިއޯތައް ސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. އުފެއްދުންތަކުގެ ކޮޕީރައިޓްސް އަމިއްލައަށް ހިފެހެއްޓުމާއެކު، އެ ތަކެތި ވިއްކާނެ އަގު ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ކްރިއޭޓަރަށް ލިބެއެވެ.

ކޮންޓެންޓް ގަންނަ ފަރާތްތަކަށް (Clients):

މާކެޓިންގ އެޖެންސީތަކާއި ކުންފުނިތަކުން [Marketplace] ބަޔަށް ގޮސް، ބޭނުންވާ ފަންނާނެއްގެ ނުވަތަ ޓްރެންޑިންގ ކޮންޓެންޓްތައް ބަލައި ޕްރިވިއު ކުރެވޭނެއެވެ. އަދި ރައްކާތެރި ޕޭމަންޓް ސިސްޓަމެއް މެދުވެރިކޮށް ފައިސާ ދެއްކުމުން، ޑިޖިޓަލް ލައިސަންސް އެގްރީމެންޓަކާއެކު ހައި-ކޮލިޓީ ފައިލްތައް ޑައުންލޯޑް ކުރަން ލިބޭނެއެވެ.

ކްރިއޭޓޯލް ގައި ފުރިހަމަ ޕްރޮފައިލެއް ނުވަތަ އެކައުންޓެއް ހެދުމަށްޓަކައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަން ޖެހެއެވެ:

1. އަމިއްލަ މައުލޫމާތު:

ފުރިހަމަ ނަން: ތިމާގެ ރަސްމީ ފުރިހަމަ ނަން ހިމެނުން.

އީމެއިލް އެޑްރެސް: އީމެއިލް އެޑްރެސް ޖެހުމަށްފަހު އެއީ ސައްހަ އީމެއިލްއެއްކަން ވެރިފައި (Verify) ކުރުން.

ގައުމު: ތިމާ ނިސްބަތްވާ ގައުމު (މިސާލަކަށް: Maldives) އިޚްތިޔާރުކުރުން.

ގުޅޭނެ ނަންބަރު: ފޯނު ނަންބަރު ހިމަނައި، އެ ނަންބަރު ވެރިފައި ކުރުން.

2. ވެރިފިކޭޝަން ލިޔެކިޔުންތައް (އަޕްލޯޑްކުރަންޖެހެއެވެ.)

އެކައުންޓްގެ ބާވަތް: އަމިއްލަ ފަރުދެއް (Individual)، ވިޔަފާރިއެއް (Business)، ނުވަތަ ސަރުކާރުގެ އިދާރާއެއް (Government) ފަދަ ބާވަތްތަކުގެ ތެރެއިން އެކައުންޓްގެ ބާވަތް ހޮވުން.

އައިޑީ ކާޑު ނަންބަރު: އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ނަންބަރު ޖެހުން.

ލިޔެކިޔުން އަޕްލޯޑްކުރުން: އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ސާފު ފޮޓޯއެއް/ޕީޑީއެފްއެއް (ގިނަވެގެން 10 MB) އަޕްލޯޑްކުރުން. (މި ލިޔުންތައް ސައިޓުގެ ޓީމުން ރިވިއު ކުރާނެއެވެ).

3. ކްރިއޭޓަރ ޕްރޮފައިލް (Creator Profile)

މާކެޓްޕްލޭސްގައި އާންމުންނަށް ފެންނަން ހުންނާނެ ތިމާގެ ތައާރަފެއް ނުވަތަ މަސައްކަތުގެ ދާއިރާ (މިސާލަކަށް: Teacher LT) ލިޔުން.

4. ބޭންކް އެކައުންޓް މައުލޫމާތު (Bank Account)

އެކައުންޓް ވެރިފަރާތުގެ ނަން: ބޭންކް އެކައުންޓްގައި އޮންނަ ގޮތަށް ނަން ލިޔުން.

ބޭންކުގެ ނަން: ބޭންކުގެ ނަން (މިސާލަކަށް: BML Manadhoo).

އެކައުންޓް ނަންބަރު: ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓް ނަންބަރު ހިމެނުން.

ކަރަންސީ: ފައިސާ ބޭނުންކުރާ ކަރަންސީ (މިސާލަކަށް: MVR) އިޚްތިޔާރުކުރުން.

ނޯޓް: ބޭންކް އެކައުންޓްގެ މައުލޫމާތު އެއްފަހަރު ވެރިފައިވުމުން، ފަހުން އެ މައުލޫމާތު ބަދަލެއް ނުކުރެވޭނެއެވެ.


އިތުރު ފީޗާތައް:

ވެބްސައިޓުގައި ބާއްވާ ފޮޓޯގްރަފީ މުބާރާތްތަކުގައި ބައިވެރިވުމަށް [Contests] ސެކްޝަން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން [Creators]ބައިން ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ޕްރޮފައިލްތަކަށް ވަދެ އެމީހުން ފޮލޯވެސް ކުރެވޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ހުރި މިފަދަ ބޮޑެތި ޕްލެޓްފޯމްތައް

ދުނިޔޭގައި ސްޓޮކް މީޑިއާ ލައިސަންސްކޮށްގެން ކްރިއޭޓަރުންނަށް އާމްދަނީ ހޯދައިދޭ އެންމެ ނުފޫޒުގަދަ ޕްލެޓްފޯމްތަކުގެ ތެރޭގައި 615 މިލިއަނަށްވުރެ ގިނަ ކޮންޓެންޓް ހިމެނޭ ޝަޓަރސްޓޮކް އާއި، އެޑޯބީގެ ސޮފްޓްވެއާސްތަކާ ސީދާ ގުޅިފައިވުމުގެ އިތުރުން 33% އާއި 35% އާ ދެމެދުގެ މަތީ ރޯޔަލްޓީ ރޭޓެއް ދޭ [އެޑޯބް ސްޓޮކް] ހިމެނެއެވެ. މީގެ އިތުރުން، "ގެޓީ އިމޭޖްސް" ގެ ދަށުން ހިންގާ އަދި އެކްސްކްލޫސިވް ކްރިއޭޓަރުންނަށް ބޮޑު ފައިދާއެއް ލިބޭ [އައިސްޓޮކް]އާއި، އާޓިސްޓިކް އަދި ޔުނީކް ކޮންޓެންޓަށް ޚާއްސަވެ، ކޯޕަރޭޓިވް އުސޫލުން ހިންގަމުން ކްރިއޭޓަރުންނަށް 50% އާއި 75% އާ ދެމެދުގެ ބޮޑު ފައިދާގެ ހިއްސާއެއް ދޭ [ސްޓޮކްސީ]ފާހަގަކޮށްލެވެއެވެ.

ބޭރުގެ މި ބޮޑެތި ޕްލެޓްފޯމްތަކަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ބޮޑެތި މާކެޓްތަކަށް ވިޔަސް، ރާއްޖޭގެ "ކްރިއެޓޯލް" ޚާއްސަވަނީ މިއީ ސީދާ ދިވެހިވަންތަކަމާއި ރާއްޖޭގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން އުފެއްދި ފުރަތަމަ ގައުމީ ވަސީލަތަށް ވާތީއެވެ. މިއީ ހަމައެކަނި ކޮންޓެންޓް ގަނެވިއްކާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ ވާހަކަތައް އިތުރު ބައެއްގެ މެދުވެރިއެއް ނެތި، އިތުބާރުހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދީ، ދިވެހި ފަންނުވެރިންނަށް މާލީ ކުރިއެރުން ސީދާ ގޮތެއްގައި ހޯދައިދޭނެ ރާއްޖޭގެ އަމިއްލަ "ކްރިއޭޓިވް އިކޮނޮމީ" އެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.