Download Logo
Copy Logo

އެޕަލްގެ ސީއީއޯ ޓިމް ކޫކް ---ފޮޓޯ: އޭޕީ

އެޕަލްގެ ސީއީއޯގެ މަގާމުން ޓިމް ކުކް ވަކިވަނީ!

އަޙްމަދު ދާއޫދު 24 އޯގަސްޓު 2026

އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުން ޓިމް ކުކް އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. އުމުރުން 65 އަހަރުގެ ކުކް އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސީއީއޯގެ މަގާމު ދޫކޮށްލައްވައި، ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ކުކްގެ ބަދަލުގައި އެޕަލްގެ އައު ސީއީއޯގެ މަގާމަށް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގައި 25 އަހަރު ދުވަހު މަސައްކަތްކުރައްވާފައިވާ އިންޖިނިއަރެއް ކަމަށްވާ ޖޯން ޓާނަސް އެވެ. ޓާނަސް އަކީ އައިޕެޑް، އެއާޕޮޑްސް، މެކް، އެޕަލް ވޮޗް އަދި އައިފޯން ފަދަ އުފެއްދުންތަކުގެ ހާޑްވެއާ އިންޖިނިއަރިންގެ ބައި ބަލަހައްޓަވަމުން ގެންދެވި ބޭފުޅާއެވެ. މި ބަދަލާއެކު މާހިރުން ދެކޭގޮތުގައި އެޕަލް އިން ދަނީ އެ ކުންފުނީގެ ހާޑްވެއާ ޑިވިޝަން އިތުރަށް ވަރުގަދަކުރުމަށް އަމާޒު ހިފަމުންނެވެ.

އައު ސީއީއޯގެ މަގާމަށް އައްޔަންކުރުމަށް ހަމަޖެހިފައިވާ އެ ކުންފުނީގައި 25 އަހަރު ދުވަހު މަސައްކަތްކުރައްވާފައިވާ އިންޖިނިއަރެއް ކަމަށްވާ ޖޯން ޓާނަސް --- ފޮޓޯ: އެޕަލް އިންސައިޑަރ

އެޕަލްގެ ބާނީ ސްޓީވް ޖޮބްސްއަށް ފަހު ކުންފުނީގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި ކުކް ފާހަގަކުރެވިފައިވަނީ މަޑުމައިތިރި ލީޑަރެއްގެ ގޮތުގައެވެ. އޭނާގެ ދައުރުގައި ކުންފުނީގެ ސަޕްލައި ޗެއިން ފުޅާކޮށް، އެޕަލް އަމިއްލައަށް ފަރުމާކުރާ ޗިޕްތައް ތައާރަފުކުރިއެވެ. އަދި ހާޑްވެއާގެ އިތުރުން އެޕަލް ނިއުސް، އެޕަލް ޓީވީ އަދި އެޕަލް ޕޭ ފަދަ ސަބްސްކްރިޕްޝަން ޚިދުމަތްތައް ތައާރަފުކޮށް، ކުންފުންޏަށް ވަންނަ އާމްދަނީ ބޮޑުތަނުން އިތުރުކުރިއެވެ. ކުކްގެ ލީޑާޝިޕްގައި އައިފޯނާއެކު ސްމާޓްފޯނު މާކެޓް އެޕަލް އިން ކޮންޓްރޯލްކޮށް، ކުންފުނީގެ ޖުމްލަ އަގު ވަނީ ގާތްގަނޑަކަށް 4 ޓްރިލިއަން ޑޮލަރަށް އަރާފައެވެ.

އެޕަލްގެ މުޖުތަމައުއަށް ފޮނުއްވި ވަދާއީ ސިޓީގައި ކުކް ވަނީ ވޭތުވެދިޔަ 15 އަހަރު ކޮންމެ ދުވަހެއްގެ ހެނދުނު އެޕަލްގެ ކަސްޓަމަރުން ފޮނުވާ އީމެއިލްތައް ކިޔުއްވުމަށް ލޯބިކުރެއްވި މިންވަރު ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެޕަލް ވޮޗްގެ ސަބަބުން ފުރާނަ ސަލާމަތްވި މައިންނާއި، އެޕަލްގެ ޑިވައިސްތަކުން ނަގާފައިވާ ފޮޓޯތަކުގެ ވާހަކަތައް އޭނާ ފާހަގަކުރެއްވިއެވެ. އަދި އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ކުންފުންޏެއްގެ ލީޑަރަކަށް ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ޝުކުރުވެރިވާކަމަށް ވެސް ވިދާޅުވިއެވެ.

ކުކް މަގާމު ދޫކޮށްލައްވަން ނިންމެވި ނިންމެވުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އިންގިލާބާއެކު ޓެކްނޮލޮޖީގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެކެވެ. މި ދާއިރާގައި އެޕަލް ފަހަތުގައި އޮތުމުން، އައިފޯނުގެ ސިރީ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި އަހަރުގެ ކުރީކޮޅު އެޕަލް އިން ވަނީ ގޫގުލްގެ އޭއައި އެހީތެރިކަން ހޯދަން ފަށާފައެވެ.

ކުކްގެ ވެރިކަމުގައި އެޕަލްގެ އުފެއްދުންތައް އުފެއްދުމަށް ޗައިނާއަށް މާބޮޑަށް ބަރޯސާވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. ސަޕްލައި ޗެއިން އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެޕަލް އިން މިހާރު މަސައްކަތް ކުރި ނަމަވެސް، ޗައިނާއަށް ބަރޯސާވުން އެއްކޮށް ކަނޑުވާލުމަށް އަދި އެތައް އަހަރެއް ނުވަތަ އެތައް ދަހަރެއް ނަގާނެ ކަމަށް މާހިރުން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.