ޑިޖިޓަލައިޒޭޝަންގެ ޒަރީއާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސް، އެންމެންގެ ބައިވެރިވުން ހިމެނޭ ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވުނު "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީ.ބީ.އެން) ފޯރަމް" ގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) އަމާޒުކޮށްގެން ބޭއްވި މި ފޯރަމަކީ، 30 އަށް ވުރެ ގިނަ ޤައުމަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ މައިގަނޑު ދައުރެއް އަދާކުރަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީ) ކަން ފާހަގަކުރެއްވިއެވެ. އަދި އައު ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުންތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ ސިޔާސަތުތަކާއި، މާލީ އެހީތެރިކަމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ސަރުކާރުން ފުރިހަމަ އަހައްމިއްޔަތުކަމެއް ދޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އަދި ކްރިއޭޓިވް އިޤްތިޞާދުގެ ހިއްސާކަމުގައި ހެދުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ރާއްޖޭގެ ޖޯގްރަފީ އުފެދިފައިވާ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން ވިޔަފާރިތަކަށް ފަސޭހައިން މާލީ މުޢާމަލާތްތައް ކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރާއްޖޭގައި ޑިޖިޓަލް ވޮލެޓްތައް ތަޢާރަފުކުރުމާއި، ބީ.އެމް.އެލް ސްވައިޕް ފަދަ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ޕޭޕާލް (PayPal) ގެ ޚިދުމަތް ރާއްޖެއަށް ހޯދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުންޏެއް ކަމަށްވާ ގޫގުލް (Google) އިން ފަންޑުކޮށްގެން ރާއްޖޭގައި އަޅަމުންދާ ސަބްސީ ކަނެކްޓިވިޓީ އިންފްރާސްޓްރަކްޗަރ އަކީ ޖަޒީރާ ރަށްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ޕާޓްނާޝިޕްތަކަށް ރާއްޖެ ހުޅުވާލަދޭނެ މުހިންމު ފިޔަވަޅެކެވެ.
ހަމައެއާއެކު، އުފެއްދުންތެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ރީޖަނަލް ކްރިއޭޓަރ ހަބްތަކާއި، ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސެލަރޭޝަން ޒޯން" ޤާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އަދި ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ނެރުމަށްޓަކައި "އޯތެންޓިކް މޯލްޑިވްސް" އަދި "އަލީބާބާ" (Alibaba) އާ ދެމެދު ވަނީ ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ޤާއިމުކުރެވިފައެވެ.
މި ފޯރަމްގައި ސިޑްސް ޤައުމުތަކަށް ކުރިމަތިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު އިރު، އެސް.އެމް.އީ މާކެޓްޕްލޭސްއާއި އިންވެސްޓްމަންޓް ފުރުޞަތުތައް ދައްކުވައިދޭ ޕެނަލްތައް ވެސް ކުރިއަށް ގެންދެވުނެވެ. މި ފޯރަމް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ