ފޮޓޯ: އޭއައި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްޤީކުރާ އޯޕަންއޭއައި އިން ސައިބަރ ސެކިއުރިޓީގެ ނުރައްކާތެރިކަން އެންމެ ބޮޑު މޮޑެލްގެ ގޮތުގައި ގްރޭޑްކޮށްފައިވާ "ޖީޕީޓީ-6 ސައިބަރ" މޮޑެލް ޚާއްޞަ ކަސްޓަމަރުންގެ ކުޑަ ގްރޫޕަކަށް ދޫކޮށްލައިފިއެވެ.
މި މޮޑެލްއަކީ ސިސްޓަމްތަކުގެ ނާޒުކު ތަންތަން ނުވަތަ ސެކިއުރިޓީ ފްލޯތައް ހޯދައި، އެ ތަންތަނުގެ ބޭނުން ނަހަމަގޮތުގައި ހިފިދާނެ ގޮތްތައް ދެނެގަތުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ މޮޑެލްއެކެވެ.
ކުންފުނީގެ ސޭފްޓީ ފްރޭމްވޯކުގެ ދަށުން މި މޮޑެލްއަށް "ކްރިޓިކަލް" ނުވަތަ ނުރައްކާތެރިކަން އެންމެ ބޮޑު ރޭޓިންގއެއް ދީފައިވާއިރު، މިއީ ކުރީގެ "ޖީޕީޓީ-5.6 ސައިބަރ" މޮޑެލްއަށް ދީފައިވާ "ހައި" ރޭޓިންގއަށްވުރެ މަތީ ދަރަޖައެކެވެ.
އޯޕަންއޭއައި އިން ބުނި ގޮތުގައި މި މޮޑެލްގެ މައިގަނޑު މަޤްޞަދަކީ ނުބައި ނިޔަތުގައި ސައިބަރ ޙަމަލާތައް ދޭ ފަރާތްތަކުން ސިސްޓަމްތަކަށް ޙަމަލާދިނުމުގެ ކުރިން، ސެކިއުރިޓީ ރިސާޗަރުންނަށް ސިސްޓަމްތަކުގެ ނާޒުކު ކަންކަން ހޯދައި، އެކަންކަން ޓެސްޓުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އަޅަން އެހީތެރިވެދިނުމެވެ.
މި މޮޑެލް ބޭނުންކޮށްގެން އޯޕަންއޭއައިގެ ރިސާޗަރުން ވަނީ މީގެ ކުރިން އެނގިފައިނުވާ މޮޒިލާ ފަޔަރފޮކްސް (Firefox) ގެ 81 ސެކިއުރިޓީ މައްސަލައެއް ހޯދާފައެވެ. މޮޒިލާ އިން ވަނީ މިއީ ނުރައްކާތެރިކަން ބޮޑު މައްސަލަތަކެއްގެ ގޮތުގައި ކަނޑައަޅައި، އެކަންކަން ހައްލުކުރުމަށް ރިލީޒްތައް ނެރެން ފަށާފައެވެ. މީގެ އިތުރުން ލިނަކްސް ކަރނަލް (Linux kernel) ގެ 948 މައްސަލައަކަށް ބޭނުންކުރެވޭނެ އެކްސްޕްލޮއިޓްތައް ތަރައްޤީކުރުމުގައިވެސް މި މޮޑެލް އެހީތެރިވެދީފައިވާއިރު، މީގެ ތެރޭގައި މީގެ ކުރިން އެނގިފައިނުވާ 588 މައްސަލައެއް ހިމެނެއެވެ. އަދި ލިނަކްސްގެ ބެލެނިވެރި ފަރާތްތަކަށް 304 ކްރިޓިކަލް މައްސަލައެއްގެ މަޢުލޫމާތާއި، އެކަންކަން ހައްލުކުރުމަށް ހުށަހަޅާ ޕެޗްތައް އޯޕަންއޭއައި އިން ވަނީ ޙިއްޞާކޮށްފައެވެ.
ޖީޕީޓީ-6 ސައިބަރ މިހާރު ލިބެން ހުރީ އޯޕަންއޭއައިގެ "ޑޭބްރޭކް ރެޑް" (Daybreak Red) އެކްސެސް ޓިއަރގެ ތެރެއިން ހުއްދަދެވިފައިވާ އެޑްވާންސްޑް ސެކިއުރިޓީ މަސައްކަތްތަކާއި، ޕެނެޓްރޭޝަން ޓެސްޓިންގ އަދި އެކްސްޕްލޮއިޓް ޑިވެލޮޕްމަންޓް ކުރިއަށްގެންދާ ޚާއްޞަ ކަސްޓަމަރުންނަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ޑޭބްރޭކް ރެޑްގެ ހުރިހާ އެޕްރޫވްޑް ކަސްޓަމަރުންނަށް މި މޮޑެލް ބޭނުންކުރުމުގެ ފުރުޞަތު ފުޅާކުރެވޭނެއެވެ. މީގެ އިތުރުން ކުރީގެ ޖީޕީޓީ-5.6 ސައިބަރ މޮޑެލްވެސް މިހާރު ވަނީ ޑޭބްރޭކް ރެޑްގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.
އޯޕަންއޭއައި އިން ފާހަގަކުރި ގޮތުގައި، ނުބައި ނިޔަތުގައި އޭއައި ބޭނުންކުރުމާއި، ކުންފުނީގެ މޮޑެލްތަކުގެ މަޢުލޫމާތު ނަހަމަގޮތުގައި ނަގައިގެން އަމިއްލަ މޮޑެލްތައް ހަދަން މަސައްކަތްކުރާ ފަރާތްތަކުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.