އެޗްޑީސީއިން ޑިވެލޮޕަރުންގެ ޕޫލްއެއް އެކުލަވާލަނީ

ހިންދު ޢަލީ 07 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސޮފްޓްވެއަރ ޑިވެލޮޕަރުންގެ ޕޫލެއް އެކުލަވާލުމަށް މިމަހު 1 ވަނަ ދުވަހު ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން ބުނާގޮތުގައި މިޕޫލް އެކުލަވާލުމުގެ ބޭނުމަކީ އެޗްޑީސީއިން ހުޅުވާލާ އެކި އެކި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އައުޓްސޯސް ކުރުމަށް ދިވެހި ފްރީލާންސް ޑިވެލޮޕަރުންނަށާއި ޑިވެލޮޕްމަންޓް މަސައްކަތްކުރާ ކުދި ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމެވެ.

ޑިވެލޮޕަރުންގެ ރިސޯސް ޕޫލެއް އެކުލަވާލުމަކީ އެޗްޑީސީގެ 'ގޯ ބިޔޯންޑް' އިނީޝިއޭޓިވްގެ ދަށުން ކުރެވޭ ކަމެކެވެ. މިގޮތަށް ޕޫލެއް އެކުލަވާލާ ޑިވެލޮޕްމަންޓް މަސައްކަތްތައް ހަވާލުކުރުމުން، ސޮފްޓްވެއަރ ޑިވެލޮޕް ކުރާނެ ފަރާތްތައް ހޯދުމުގައި ތަކުރާރުކޮށް ކުރާ ޚަރަދާއި ވަގުތު ކުޑަވެގެންދާނެކަމަށް އެޗްޑީސީއިން މަޢުލޫމާތު ދެއްވައެވެ.

މިކަމަކަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ 11 ޖެހުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލްއާއި އެކު ކަނޑައެޅިފައިވާ އިތުރު ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. ވަކި ވަކި ޑިވެލޮޕަރުން ނުވަތަ ޑިވެލޮޕަރުންގެ ގްރޫޕަކުން ނުވަތަ ކުންފުންޏަކުންވެސް ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ.

މުއްދަތު ހަމަވުމާހަމައަށް ލިބޭ ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް، ޝަރުތު ހަމަވާ ޕާޓީތައް ޝޯޓްލިސްޓް ކުރެވޭނެކަމަށް އެޗްޑީސީގެ ޓީއޯއާރގައި ވެއެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، ހޮވުނު ކަމުގެ ލިޔުމެއް ދޭނެއެވެ. މިހާރު ހުޅުވާލައިފައިވާ ފުރުސަތުގައި މިފަރާތްތައް ހަމައެކަނި ޑިވެލޮޕާރސް ޕޫލްގައި ހިމަނާނީއެވެ.

އޭގެ ފަހުން އެޗްޑީސީއިން ހުޅުވާލާ އިތުރު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ދެން ހުޅުވާލާނީ މިދެންނެވުނު ޕޫލްގައި ތިބި ފަރާތްތަކަށް އެކަންޏެވެ. ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ބަލާ ޕޫލްގައި ތިބި ޕާޓީތަކަށް ބޭނުން ޕްރޮޖެކްޓަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މި ޕޫލްއަށް މީހުން ހޮވުމުގައި ޓީމުގެ ލޮކޭޝަން މުހިއްމު ވާނެކަމަށް އެޗްޑީސީއިން ބަޔާންކުރެއެވެ. 'ގޯ ބިޔޯންޑް' ޕޮލިސީގެ ދަށުން މާލެއިން ބޭރު އެހެން އަތޮޅުތަކުގައި ތިބި ޓީމްތަކަށް އިސްކަން ދެވޭނެއެވެ. އޭގެ އިތުރުން ދިވެހިންނަށް ފުރުސަތު އިތުރުކޮށްދިނުމުގެ ބޭނުމުގައި، ޕޫލްގައި ބައިވެރިވާން ހުށަހަޅާ ހުރިހާ ޑިވެލޮޕަރުންނަކީ ދިވެހިންނަށް ވާންޖެހޭނެއެވެ. އެހެން ނަމަވެސް ޑިވެލޮޕަރުން ނުހިމެނޭގޮތަށް ކޮންސަލްޓަންޓުންނާއި އެކްސްޕާރޓުންގެ ގޮތުގައި ބޭރު މީހުން ހިމެނިދާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޕޫލްއަށް މީހުން ހޮވުމުގައި ދެން ބަލާނީ ހުނަރާއި ތަޖުރިބާއަށެވެ. ޕްރޮޕޯޒަލް ހުށަހަޅާއިރު ހުނަރާއި ތަޖުރިބާ ކަށަވަރުކޮށްދޭނެ ލިޔުންތައް ހުށަހެޅުމަށް އެޗްޑީސީއިން އެދިފައިވެއެވެ.

އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްއިޓުން ލިބޭނެއެވެ.




ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.