ގޫގުލް ކްރޯމް ދޫކޮށްލާކަށް ނުވޭތަ؟

ހަސަންވީ 10 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލް ކްރޯމް އަކީ އެންމެ ގިނަމީހުން ބޭނުންކުރާ އިންޓަރނެޓް ބްރައުޒަރެވެ. 2 ބިލިއަން މީހުން ކޮންމެ ދުވަހަކުވެސް ކްރޯމް ބޭނުންކުރެއެވެ. އެއީ ބަރައުޒަރ މާކެޓުގެ 65 އިންސައްތައެވެ. ދެވަނައިގައި އުޅޭ އެޕަލްގެ ސަފާރީ ބްރައުޒަރަށް ނެގުނީ 20 އިންސައްތަ އެވެ. ކްރޯމް އަކީ ގޫގުލް އިން އިންޓަރނެޓް ބޭނުންކުރާ މީހުންނާއި ބެހޭ މުހިއްމު މައުލޫމާތު އެއްކުރަން ބޭނުންކުރާ ޓޫލް އެކެވެ. މިއީ ސިއްރަކަށް ނުވިއަސް މި ބްރައުޒަރ ގިނަމީހުންނަށް ބޭނުންކުރަން ފަސޭހަވެފަ ހަލުވިކަމުން ދޫކޮށްލަން ބޭނުން ނުވަނީބާ؟

ތަޖުރިބާކާރުން ބުނާ ގޮތުގައި ކްރޯމް އަކީ ގޫގުލް އިން އެކުންފުނީގެ ސާޗް އިންޖީން އަދި ޖީމެއިލް އަށް ބޭނުންވާ މައުލޫމާތު އެއްކުރާ ނިޒާމާއި ގުޅިފައިވާ އެއްޗެކެވެ. އަދި ކްރޯމް އަކީ ގޫގުލް އިން މައުލޫމަތު އެއްކުރަން ބޭނުންކުރާ އެންމެ ބާރުގަދަ އެއް ވަސީލަތެވެ. ޒާތީ މައުލޫމާތު އެއްކުރުމާ ދެކޮޅަށް މަސައްކުރާ ފަރާތްތަކުންނާއި އެހެން ބަރައުޒަރ ޑިވެލޮޕަރުންނާއި މައުލޫމާތު ރެގިއުލޭޓް ކުރާ ފަރާތްތަކުން ދަނީ ކްރޯމްގައި ބޭނުންކުރާ ތާޑް ޕާޓީ ކުކީސް ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. މިކުކީތަކުގެ އެހީގައި ކްރޯމް ބޭނުންކުރާ ފަރާތްތަކުން ވަންނަ ސައިޓްތަކާއި ސާޗްކުރާ ބަސްތައް ދަނެގަނެވޭނެއެވެ. މިސާލަކަށް ކްރޯމްގައި "ލެޕްޓޮޕް" ލިޔެލާފައި ސާޗްކޮށްލާފައި އިރުކޮޅަކުން ފޭސްބުކް އެޕް ހުޅުވާލާއިރު ލެޕްޓޮޕް ގެ އިސްތިހާރެއް ފެންނާނެއެވެ.

މިހާރު މިކުކީސް ބޭނުންކުރުން ހުއްޓާލުމުގެ ވިސްނުމެއް ގޫގުލް އިން ނުގެންގުޅުނު ކަމުގައިވިޔަސް ތާޑްޕާޓީ ކުކީސްގެ ބަދަލުގައި ޕްރައިވެސީ އާއި ރައްޓެހި "ފްލޮކް" ކިޔާ ޓްރެކިން ޓެކްނޮލޮޖީއެއް ބޭނުން ކުރަންވަނީ ޕްލޭންކޮށްފައިއެވެ. އެހެންނަމެވެސް މިޓެކްނޮލޮޖީގެ ސަބަބުން ގޫގުލް އަށް މައުލޫމާތު އެއްކުރަން ކުރިއަށްވުރެވެސް ފަސޭހަވާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ގޫގުލް ކްރޯމް އިން އެއްކުރާ ބައެއް މައުލޫމާތުތަކުގެ ތެރޭގައި ލޮކޭޝަން، ސާޗް ހިސްޓްރީ، ބްރައުޒިން ހިސްޓްރީ، ޔޫސަރ އައިޑީ އަދި ވެބްސައިޓްތަކުގައި ބަލައި އުޅޭ ޕްރޮޑަކްޓްތައް ހިމެނެއެވެ. ގޫގުލް އިން ބުނާގޮތުން މައުލޫމާތު އެއްކުރުމުގެ ބޭނުމަކީ ބުކްމާކްސް އާއި ޕާސްވޯޑްތައް ލޮގިންވެފައި ހުންނަ އެކައުންޓަށް ސޭވްކުރުމެވެ. އެހެންނަމަވެސް ސަފާރީ، މައިކްރޯސޮފްޓް އެޖް އަދި ފަޔަރފޮކްސް ކަހަލަ ބްރައުޒަރތަކާއި ހިލާފަށް ގޫގުލް ކްރޯމް އިން އެއްކުރާ މައުލޫމާތު ހުންނަނީ ވަކިވަކި ޑިވައިސްތަކާއި މީހުންނާ ލިންކު ކޮށްފައެވެ.

ޕްރައިވެސީ ކޮންސަލްޓެންސީއެއް ކަމަށްވާ މިސް އައިޖީ ގީކް ގެ ފައުންޑަރ ރޮވެނާ ފީލްޑިން ބުނާ ގޮތުގައި ގޫގުލް ކްރޯމްއިން ރަނގަޅު ބޭނުމުގައި ކޮންމެހެން އެއްކުރާމައުލޫމާތު އެއްކުރިނަމަވެސް މީހުން ބްރައުޒް ކުރާއިރު ގެންގުޅޭ ކަންތައްތަކުގެ މައުލޫމާތު ގޫގުލް ކްރޯމްއިން ގޫގުލް ކުންފުންޏަށް ފޯރުކޮށްދެއެވެ. އަދި ޕްރައިވެޓް މޯޑްގައި ބްރައުޒް ކުރިކަމުގައިވިޔަސް ގޫގުލް އިން އޮންލައިން ކޮށްކުރާ ހުރިހާ ކަމެއް ބަލާކަމަށް ރޮވެނާ ފާހަގަ ކުރެއެވެ. އަދި މީގެ ސަބަބުން ގޫގުލް އިން ކްރޯމް ބޭނުންކުރާ ފަރާތްތައް ވަރަށް ބޮޑަށް ދަނެގަނެވެއެވެ. މީގެ އިތުރުން ކްރޯމްގައި ގޫގުލް އެކައުންޓް ސިންކް ކޮށްފިނަމަ އަދި މާގިނަ ޑޭޓާ ކްރޯމްއަށް އެކްސެސްވާން ލިބޭނެއެވެ. އެގޮތުން ޖީމެއިލް، ގޫގުލް ސާޗް، ގޫގުލް މެޕްސް އަދި ގޫގުލް ޕޭ ފަދަ ގޫގުލް ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު އެއްކޮށްގެން ބްރައުޒްކުރާ މީހާ އަކީ ކާކުކަމާއި ކިހިނެއް އުޅޭމީހެއްކަން ގޫގުލް އަށް އިންގޭނެކަމަށް ރޮވެނާ ގަބޫލުކުރެއެވެ.

ގޫގުލް ކްރޯމް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން އެހެން ބްރައުޒަރ ބޭނުންކުރާމީހުންގެ މައުލޫމާތުވެސް ގޫގުލް އިން އެއްކުރާކަމަށް ސެކިއުރިޓީ ދިރާސާކުރާ ފަރާތެއްކަމުގައިވާ ޝޯން ރައިޓް ފާހަގަކުރެއެވެ. މައިކްރޯސޮފްޓް އެޖް، ސެމްސަންގް ބަރައުޒަރ އަދި އޮޕެރާގެ އިތުރުން ވަރަށް ގިނަ ބަރައުޒަރތަކަކީ ގޫގުލްގެ ކްރޯމިއަމް ބްރައުޒަރ އިންޖީން ބޭނުންކޮށްގެން ޑިވެލޮޕްކޮށްފައިވާ ބަރައުޒަރތަކެކެވެ. އެހެންކަމުން މިހުރިހާ ބްރައުޒަރ ތަކަކީވެސް ކްރޯމްގެ ވައްތަރެއްކަމަށް ޝޯން ބުނެއެވެ.

ގޫގުލްގެ ބޮޑު މާކެޓްޝެއަރގެ ސަބަބުން ބައެއް ވެބް ސްޓޭންޑަޑް ހެދުމަށް ފަސޭހަވެއެވެ. އެގޮތުން އޭމްޕް އަކީ ގޫގުލް ވެބްސާޗްގައި ބޭނުންކުރާ އެއްޗެކެެވެ. އާޓިކަލް ޕަބްލިޝްކުރާ ފަރާތްތަކުން ސާޗް ރިސަލްޓް ޕޭޖްގައި ކުރިއަށް އަރަން ބޭނުންނަމަ އޭމްޕް ބޭނުންކުރަން މަޖުބޫރުވެއެވެ.

ރޮވެނާ ފީލްޑިން ފާހަގަ ކުރާގޮތުގައި ގޫގުލް އިން ކުރާ ނުރަނގަޅު ކަންތައްތައް ހުއްޓުވުމަކީ ވަރަށް އުދަގޫ ކަމެކެވެ. ސަބަބަކީ ގޫގުލް އަކީ ބޮޑު ކުންފުންޏަކަށްވެފައި އަދި އެކިގައަމުތަކުގެ ސަރުކާރުތަކާއި ގުޅުން އޮންނާތީ ގޫގުލް އާއި ދެކޮޅު މައުލޫމާތު އެއްކުރުމުގެ ގާނޫނު ހަދަންނުކެރުމާއި ގޫގުލް އާއި ދެކޮޅަށް ފިޔަވަޅު އަޅަން ނުކެރުން ރޮވެނާ ފާހަގަކުރެއެވެ.

މައުލޫތު ގޫގުލްއަށް ދޭން ބޭނުންނުވާނަމަ ކްރޯމްއާއި ސިންކު ނުކުރުން އަދި ތާޑްޕާޓީ ކުކީސް އޮފް ކުރުން މުހިއްމެވެ. ނަމަވެސް މިގޮތަށް ހެދުމުން ކްރޯމްގެ ބައެއް ފީޗަރތައް ބޭނުންނުކުރެވޭނެއެވެ. ދެން އޮތް އަނެއް ގޮތަކީ ކްރޯމް އެއްކޮށް ދޫކޮށްލުމެވެ. ދޫކޮށްލާނަމަ ޕްރައިވެސީއާއި ރައްޓެހި ބްރައުޒަރ ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޑަކްޑަކްގޯ، ފަޔަފޮކްސް، އެޕިކް އަދި ބްރޭވް ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލުމަށް :

ކުކީޒް ގެ ބަދަލުގައި ދެން ފެންނާނީ ކޮންއެއްޗެއް؟

ގޫގަލްއިން އިންކޮގްނިޓޯ މޯޑް ބޭނުންކުރާ މީހުން ޓްރެކް ކުރަނީ

ބްރޭވް ބްރައުޒާ އިން ސާޗް އިންޖީނެއް ތައާރަފް ކުރަނީ

ޑަކްޑަކްގޯ އިން ގޫގަލްއަށް ފާޑުކިޔައިފި

ފަޔާފޮކްސް ގެ އައު އަޕްޑޭޓް އާއިއެކު ސެކިއުރިޓީ ވަރުގަދަވާނެ

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.