އޮންލައިން މާހައުލެއްގައި ކުޑަކުދިން ރައްކާތެރިކުރުން

ޝުޖާޢަތު ރަޝީދު 08 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރު ކޮންމެ ކުއްޖަކަށްވެސް އިންޓަނެޓަކީ ކޯއްޗެއްކަން ވަރަށް ކުޑައިރުންސުރެން ދަސްވެއެވެ. ފޯނު، ޓެބްލެޓް، ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ސިސްޓަމެއް ބޭނުންކޮށްގެން އިންޓަނެޓަށް ވަންނަން ނޭނގޭ ކުދިން މިހާރު މަދުވާނެއެވެ.

މިއީ ގިނަ ފަހަރު އުފާކުރަން ޖެހޭ ކަމެކެވެ. އިންޓަނެޓު ބޭނުންކޮށްގެން ސްކޫލްގައި ކިޔަވާދޭ ފިލާވަޅު ދިރާސާކުރުން ނުވަތަ އެހެނިހެން ކަންތައްތައް ދަސްކުރުމަކީ ކުއްޖެއްގެ ގައިގައި އެކިކަހަލަ ހުނަރު އިތުރުވެ، ވިސްނުމާއި ޢިލްމުވެސް މުއްސަނދިވާ ކަމެކެވެ.

މަދުންނަމަވެސް އިންޓަނެޓުގައި ކުޑަކުދިން އެހެން މީހުންގެ ޝިކާރައަކަށްވެ، އުމުރާ ނުބައްދަލު ތަކެތި ފެނުމަކީވެސް ވާކަމެކެވެ. އެހެންކަމުން އިންޓަނެޓާއި ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރާއިރު ބެލެނިވެރިންނަށް ވަރަށް ރަނގަޅަށް ކުދިންގެ ކަންތައްތައް ބެލެހެއްޓުން މިވަނީ މުހިންމު ކަމަކަށް ވެފައެވެ.

މިއީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. އިންޓަނެޓުގައި ދަރިވަރުން ރައްކާ ކުރުމަށް މިހާރު ޕޭރަންޓަލް ކޮންޓްރޯލާއި އިތުރު ސެކިއުރިޓީ ފީޗާތައް ލެވިފައި ހުންނަ ގިނަ އެޕްލިކޭޝަންތަކާއި ޕްލެޓްފޯމުތައް ހުރެއެވެ.

ކުޑަކުދިން އޮންލައިން މާހައުލެއްގައި ރައްކާކުރުމަކީ އެންމެންގެ ޒިންމާއަކަށް ހެދުން

އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަންތައްތައް ބެލުމަކީ ހަމައެކަނި އެންމެ މީހެއްގެ ކަމެއް ގޮތުގައި ނުބެލުމެވެ. އާއިލާއެއްގެ ތެރޭގައި އުޅޭ ހުރިހާ ބޮޑެތި މީހުންވެސް ކުޑަކުދިން އިންޓަނެޓު ބޭނުންކުރާއިރު އަބަދުވެސް ސަމާލުވެ އެކުދިންނަށް ބެލުން މުހިންމެވެ.

އިސްކޫލުގައިނަމަ ދަރިވަރުންގެ އޮންލައިން އެކްޓިވިޓީތައް މުދައްރިސުން ވަރަށް ކައިރިން ބަލަންޖެހެއެވެ. ކޮންމެ ދަރިވަރަކުވެސް އަނެއް ދަރިވަރާއި އޮންލައިން މާހައުލެއްގައި މުހާތަބު ކުރަނީ ރަނގަޅައްތޯ ބަލައި ސައިބާބުލީން ފަދަ ކަންތައްތަކަކީ ނޭދެވޭ ނުބައި ސިފައެއްކަން ހުރިހާ ދަރިވަރުންނަށްވެސް ކިޔައިދޭންޖެހެއެވެ.

މިހާރު ދަރިވަރުން އެންމެ ގިނައިން ސްކޫލުގައި ބޭނުންކުރާ އޮންލައިން އެޕްލިކޭޝަންތައް ހުރީ އެންމެ އެދެވޭ ގޮތައްތޯވެސް ބަލަންޖެހެއެވެ.

ބޭނުންކުރާ ޓެކްނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ ގޫގަލް އެޑިއުކޭޝަން އެޕްލިކޭޝަންތަކަކީވެސް ދަރިވަރުންނަށް ރައްކާތެރިކޮށް އުފައްދާފައިވާ ތަކެއްޗެވެ. މިގޮތުން ގޫގަލްގެ އެޑިއުކޭޝަން އެޕްލިކޭޝަންތަކުގައި އެއްވެސް ކަހަލަ އިޝްތިހާރުތަކެއް ހިމަނާފައިނުވެއެވެ. އަދި އިސްކޫލުގެ އައި.ޓީ އެޑްމިނިސްޓްރޭޓަރުންނަށް މިފަދަ އެޕްލިކޭޝަންތައް ސެޓަޕްކުރާއިރު ދަރިވަރުންގެ މަޢުލޫމާތު ރައްކާކޮށްފައި ބެހެއްޓޭނެ ގޮތައް ހެދެއެވެ. އޮންލައިން ކުލާސްތައް ޝެޑިއުލްކުރާއިރު ބޭރުން އެހެން އެއްވެސް މީހަކަށް ނުވަދެވޭ ގޮތް ހެދޭކަންވެސް ފާހަގަކުރެވެއެވެ.

މައިކްރޮސޮފްޓުން ޓީމްސް ކްލާސްރޫމުތަކުގައި އަދި އެހެނިހެން ކިޔަވައިދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައިވެސް ދަރިވަރުންނަށް ހާއްސަކޮށް އިތުރު ރައްކާތެރިކަމެއް ލާފައި ހުރެއެވެ. ނޭދެވޭ ބަހުރުވައާއި ފޮޓޯ އެއް ދަރިވަރު އަނެއް ދަރިވަރަށް ނުފޮނުވޭ ގޮތް ހަދައި ރައްކާތެރި ގޮތުގައި އޮންލައިން ކުލާސްތައް ހިންގާލެވެއެވެ.

ގޭގައި ބޭނުންކުރާ ކޮމްޕއުޓަރު ފަދަ ތަކެއްޗަކީ ބެލެނިވެރިއާއަށް ފެންނަ ހިސާބެއްގައި ބޭނުންކުރެވޭ ތަކެއްޗައް ހެދުން

މިހާރު ބޭނުންކުރާ ކޮންމެ ޑިޖިޓަލް ޑިވައިސްއަކަށްވެސް ބެލެނިވެރިއާއަށް އިސްކްރީން ވަގުތު ލައިފައި ބެހެއްޓޭނެއެވެ. އަދި ޑިވައިސްތައް ބޭނުންކުރަނީ ބެލެނިވެރިއާއަށް ފެންނަ ހިސާބުގައިކަން ހެދުމަކީވެސް ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.

އެންޑްރޮއިޑް ޑިވައިސެއް ބޭނުންކުރާނަމަ ގޫގަލްގެ ފެމިލީ ލިންކް ބޭނުންކުރެވިދާނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އިސްކްރީން ވަގުތެއް ހަމަޖައްސައި، ޑައުންލޯޑު ކުރާ އެޕްލިކޭޝަންތައް ބަލައި، ގޫގަލް ސާޗް ހިސްޓްރީ، ޔޫޓިއުބް ހިސްޓްރީ އުމުރާއި އެއްގޮތައް ފެންނަހެން ބެހެއްޓޭނެއެވެ.

ގޫގަލް ފެމިލީ ލިންކު އެޕްލިކޭޝަންގެ ސާމްޕަލް އިސްކްރީންތަކެއް

އެޕަލް ޑިވައިސްއެއް ބޭނުންކުރާނަމަ އެޕަލްގެ ޕޭރަންޓަލް ކޮންޓްރޯލް ސެޓިންތަކެއްވެސް ހުރެއެވެ. މީގެ ތެރޭގައި އިސްކްރީން ވަގުތއް ކަނޑައެޅުން، އައިޓިއުންސް ނުވަތަ އެޕްސްޓޯއިން ޑައުންލޯޑް ކުރެވޭ ތަކެތި ލިމިޓް ކުރުން، ސިރި ވެބް ސާޗްގައި ކުރެވޭ ކަންތައްތައް ލިމިޓް ކުރުން އަދި މީގެ އިތުރަށް ގޫގަލްއެކޭ އެއްފަދައިން އެޕަލްއިންވެސް ކުޑަކުދިންގެ އުމުރާއި ގުޅޭގޮތައް ވެބް ފިލްޓާކޮށް ފެންނަ ތަކެތި ލިމިޓްވެސް ކުރެވެއެވެ.

ކޮންމެ އެޕްލިކޭޝަނެއްވެސް ބޭނުންކުރެވޭ ލިމިޓެއް ލުމަށްފަހު ޑައުންޓައިމް ސެޓްކުރުމުން ދެން އެޕްލިކޭޝަން ހުޅުވާނަމަ ބެލެނިވެރިއާގެ ޕާސްކޯޑު ޖަހަންޖެހޭ ގޮތްވެސް ހެދެއެވެ.

އެޕަލްގެ ސެކިއުރިޓީއާއި ޕްރައިވެސީ ސެޓިންތައް

މީގެ އިތުރުން މައިކްރޮސޮފްޓުންވެސް ފެމިލީ ސޭފްޓީ އެޕްލިކޭޝަނެއް އުފައްދާފައިވެއެވެ. މި އެޕްލިކޭޝަނަކީވެސް އިސްކުރީން ވަގުތު ލުމަށްފަހު، ކުޑަކުދިންގެ އޮންލައިން ހަރަކާތްތައް ބެލުމަށް ބެލެނިވެރިންނަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ކޮންމެ ދުވަހަކު ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ބޭނުންކުރާ ވަގުތު ކަނޑައެޅުމަށްފަހު، އެވަގުތުގައި ބޭނުންކުރެވޭ އެޕްލިކޭޝަންތައްވެސް ކަނޑައެޅެއެވެ. މި އެޕްލިކޭޝަންގައި އެންމެ ފާހަގަކުރެވޭ ކަމަކީ ވިންޑޯޒް، އެކްސްބޮކްސް އަދި އެންޑްރޮއިޑް ގޭމްތަކާއި އެޕްލިކޭޝަންތައް ބޭނުންކުރެވޭ މިންވަރު ކަނޑައެޅޭކަމެވެ. އިތުރަށް ވަގުތު ބޭނުންވާނަމަ ރިކުއެސްޓެއް ފޮނުވުމުން ބެލެނިވެރިޔާގެ ފޯނަށް ނޮޓިފިކޭޝަން އާދެއެވެ.

ކޮންމެ ހަފްތާއަކު، ނޫނީ ކޮންމެ ދުވަހެއްގެ އެކްޓިވިޓީތަކުގެ ހުލާސާއެއް ބަލާލައި ވެބް ސާޗްކޮށްފައި ހުރި ވެބްސައިޓްތަކާއި ވެބް ސާޗްކުރަން ބޭނުންކުރި ބަސްތައްވެސް ފެންނަން ހުރެއެވެ. މިހާރު ވިންޑޯޒް ޑިވައިސްތަކާއިއެކު މައިކްރޮސޮފްޓް އެޖް ބްރައުޒާގެ ކިޑްސް މޯޑްވެސް ބޭނުންކޮށްލެވޭނެއެވެ. މައިކްރޮސޮފްޓް ފެމިލީ ސޭފްޓީ އެޕަކީ ހިލޭ ބޭނުންކޮށްލެވޭ އެއްޗެކެވެ.

މި އެޕްލިކޭޝަންތަކުގެ އިތުރުން އަދިވެސް އެހެނިހެން އެޕްލިކޭޝަންތައް ބެލެނިވެރިންނަށް މިކަމަށް ހާއްސަކޮށް ނެރެފައިވެއެވެ. މީގެ ތެރޭގައި ނެޓް ނެނީ، ނޯޓަންގެ ފެމިލީ ސޭފްޓީއާއި ސާކަލް މިއީ މަޤުބޫލު އެޕްލިކޭޝަންތަކެވެ.

މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދަރިންގެ އެކައުންޓުތައް ބެލެހެއްޓުމަކީ ކިހާ މުހިންމުކަމެއްކަން އެކުދިންނަށް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއްވެސް ހާލެއްގައި އެއީ މާ ހަރުކަށިވުމަށް ނުވަތަ އަބަދު ކުރާ ކަންތައްތަކަށް އިތުބާރު ނޯންނާތީ ކުރާކަމެއް ނޫންކަންވެސް ކިޔައިދޭންޖެހެއެވެ. އަދި ކޮންމެ އެޕްލިކޭޝަނަކުން ކަންތައްތައް ބެލިކަމުގައިވިޔަސް ބެލެނިވެރިއާއާއި ވާހަކަ ދައްކައި އޮންލައިންކޮށް ދަރިފުޅަށް ދިމާވެދާނެ ނުރައްކާތައް ހިއްސާކުރުމަށް ފުރުސަތު ހޯދަދޭންޖެހެއެވެ.

މީސް މީޑިއާއާއި ގޭމްތައް ބޭނުންކުރާއިރު އިތުރަށް ސަމާލުވުމަށް ދަސްކޮށްދިނުން

މީސްމީޑިއާ އަދި އޮންލައިންކޮށް ގޭމްތައް ކުޅޭއިރު ކޮންމެ ކުއްޖަކުވެސް ކުޅެނީ އުމުރާއި ގުޅުން ހުރި ތަކެތި ތޯ ބެލުން މުހިންމެވެ.

ފިލްމާއި ގޭމްތައް ބެލުމުގެ ކުރިން އެތަކެތި ރޭޓްކޮށްފައިވާ އުމުރުފުރާ ބެލެނިވެރިން ބެލުމަކީ ރަނގަޅުކަމެކެވެ. އީ.އެސް.އާރު.ބީ ވެބްސައިޓް މެދުވެރިކޮށް މިކަންތައް ކޮށްލެވިދާނެއެވެ.

އީ.އެސް.އާރު.ބީ ވެބްސައިޓުގައި އެސްޓްރޮނިއާ ގޭމްގެ ރޭޓިން

މި ވެބްސައިޓުގައި ގޭމްތަކާއި ފިލްމުތަކުގެ ރޭޓިން އުމުރުފުރާ ފާހަގަކޮށްފައި އަދި އިތުރަށް ފިލްމާއި ގޭމްގައި ހުންނަ ކަންތައްތައް ހާމަކޮށްފައި ހުރެއެވެ. މީގެ އެހީގައި ކުދިން ބަލާ ކުޅޭ ގޭމްތަކާއި ފިލްމުތަކަކީ ކޯއްޗެއްކަން ފުރަތަމަ ބެލެނިވެރިއާއަށް ދެނެގަނެވޭނެއެވެ.

މީސްމީޑިއާގައި ޕޯސްޓުކުރާ ތަކެއްޗަކީ އުމުރާއި ގުޅުން ހުރި ތަކެތިތޯ ބަލައި، ޒާތީ މަޢުލޫމާތު އޮންލައިންކޮށް ހާމަނުކުރުމަށް ކުދިންނަށް ނަސޭހަތްތެރިވާންޖެހެއެވެ. އެއްވެސް ކުއްޖަކު އެހެން މީހެއްގެ ޝިކާރައަކަށް ވެގެން ނުވާނެއެވެ. އަދި ޓެކްނޮލޮޖީ ބޭނުންކުރިކަމުގައިވިޔަސް އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތަކަށް އަބަދުވެސް އުޅުން ބެހެއްޓުމަށް ހަދުމަކޮށްދޭންވެސް ޖެހޭނެއެވެ.

މުސްތަޤުބަލް ބިނާކުރުމަށް ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ރަނގަޅުގޮތުގައި އަދި ރައްކާތެރިކަމާއިއެކު ބޭނުންކުރުމަކީ އެންމެންގެވެސް ޒިންމާއެއްކަމުގައި ދެކެންޖެހެއެވެ.

އިތުރަށް ކިޔާލުމަށް:

އޮންލައިން ސްކޭމްތަކަށް ފުރާވަރު ކުދިން ހެއްލޭ މިންވަރު މަތި

މީސް މީޑިއާގައި ބަދަލުހިފުމާއި ބިރުދެއްކުން އާންމުވެއްޖެ

ރައްކާތެރިގޮތުގައި ޓެކްނޮލޮޖީގެ ބޭނުންހިފުން

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.