ޓްރަމްޕްގެ ޓްރުތް ސޯޝަލް ޕްލެޓްފޯމް ލޯންޗުކުރަނީ

ހިންދު ޢަލީ 21 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްރުތް ސޯޝަލްގެ ނަމުގައި އައު ސޯޝަލް މީޑިއާ ނެޓްވޯރކެއް ލޯންޗުކުރަން އުޅޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކޮށްފިއެވެ.

ޓްރަމްޕް ބުނި ގޮތުގައި މިޕްލެޓްފޯމް ވެގެންދާނީ ބޮޑެތި ޓެކް ކުންފުނީތަކުން ކޮންޓްރޯލް ކުރާ އެހެން ސޯޝަލް މީޑިޔާތަކާއި ތަފާތު ޕްލެޓްފޯމަކަށެވެ. މިއީ އެފަދަ ކުންފުނިތަކުގެ ހުދުމުހުތާރުވެރިކަމާއި ދެކޮޅަށް ތެދުވުމަށް ކުރާ މަސައްކަތެއްކަމުގައި އޭނާ ބުނެއެވެ. އަދި މެއިންސްޓްރީމާއި ދެކޮޅަށް ބަސްބުނާ މީހުން މައިތިރި ކުރުމަށް ބޮޑެތި ކުންފުނިތަކުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް މިޕްލެޓްފޯމުން އެހީވެދޭޭނެ ކަމަވެސް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޓްރަމްޕްގެ ސަޕޯޓަރުންގެ ބަޔަކު ޔޫއެސް ކެޕިޓޮލް ބިލްޑިންގއަށް ވަދެ ހަމަނުޖެހުން ހިންގުމަށް ބާރު އަޅާ، ޓްރަމްޕް ސޯޝަލް މީޑިއާގައި ދެއްކި ވާހަކައާއި ގުޅިގެން އޭނާ ޓްވިޓަރ އަދި ފޭސްބުކްއިން ބްލޮކް ކޮށްލިއެވެ. އޭގެ ފަހުން މީޑިޔާގައި ޓްރަމްޕް އަދި އޭނާގެ އެޑްވައިޒަރުން ދިޔައީ މިފަދަ ޕްލެޓްފޯމެއް ތައްޔާރުކުރަން ޕްލޭންކުރާކަމުގެ ވާހަކަތައް ދައްކަމުންނެވެ.

މިއަހަރުގެ ކުރީކޮޅު ޓްރަމްޕް "ފްރޮމް ދަ ޑެސްކް އޮފް ޑޮނަލްޑް ޖޭ ޓްރަމްޕް" ގެ ނަމުގައި ބްލޮގެއްވެސް ތައާރަފްކުރިއެވެ. އެހެން ނަމަވެސް ފެށުނުތާ މަހެއް ނުވަނީސް އެޕްލެޓްފޯމް ވަނީ ހުއްޓާލާފައެވެ. އޭރު ނެރެފައިވާ ހަބަރުތަކުގައި ވާގޮތުންނަމަ، މި ދެންނެވުނު ބްލޮގް ހުއްޓާލީ، އެއަށްވުރެ ފުޅާ ގޮތެއްގައި އެކަން ކުރުމަށް ޕްލޭންކޮށް މަސައްކަތް ކުރެވެމުންދާތީއެވެ.

ޓްރުތް ސޯޝަލްގެ ފުރަތަމަ ވަރޝަން ރިލީސް ކުރުމަށް ޕްލޭންކުރެވެނީ ކުރިއަށް އޮތް ނޮވެމްބަރ މަހުގެ ތެރޭގައެވެ. މިވަރޝަން ބޭނުންކުރެވޭނީ ހަމައެކަނި ދައުވަތު ލިބޭ ފަރާތްތަކަށެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި މުޅި އެމެރިކާއަށް ރޯލްއައުޓް ކުރެވިގެންދާނެކަމަށް ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) އިން ހާމަކޮށްފައިވެއެވެ. ޓީއެމްޓީޖީއަކީ މިފަދަ މަސައްކަތައް ހާއްސަކޮށް ޓްރަމްޕް އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިން މީގެ އިތުރުން ސަބްސްކްރިޕްޝަން މޮޑެލްއަށް ވީޑިއޯ އޮން ޑިމާން ޚިދުމަތެއްވެސް ފަށަން ގަސްދުކުރާކަމަށް ހަބަރު ލިބެއެވެ.

"އަހަރުމެން ދިރިއުޅެމުން މިދާ ދުނިޔޭގައި ތާލިބާނުންނަށް ފުޅާ ދާއިރާއެއްގައި ޓްވިޓަރގައި އުޅެވެއެވެ. އެހެން ނަމަވެސް ތިބޭފުޅުންގެ އެންމެ ފޭވަރިޓް އެމެރިކާގެ ރައީސްގެ އަޑު މިވަނީ މަޑުކޮށްލާފައެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން! ގިނަ ފަރާތްތަކަކުން ދަނީ މިފަދަ ބޮޑު ޓެކް ކުންފުނިތަކާއި ދެކޮޅަށް އެއްވެސް މީހަކު ނުތެދުވަނީ ކީއްވެތޯ އަހަރެންނާއި ސުވާލުކުރަމުންނެވެ. ވަރަށް އަވަހަށް އަހަރުމެން ތެދުވާނަން!" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނެފައިވަނީ ޓްރުތް ސޯޝަލް މެދުވެރިކޮށް އޭނާގެ އެންމެ ފުރަތަމަ 'ޓްރުތް' ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ. އަދި ބިގްޓެކް ކުންފުނިތަކާއި ދެކޮޅަށް ކުރާ މިހަނގުރާމަ ވަރަށް ފޯރީގައި ފަށަން ތައްޔާރުކަމަށެވެ.

އިތުރަށް ކިޔާލުމަށް:

ޓްރަމްޕް ގެ މީސް މީޑިއާ މަންސަ މިވީ ބްލޮގް އަކަށް

ޓްރަމްޕް ގެ އަމިއްލަ މީސްމީޑިއާ މަންސައެއް އުފައްދަނީ

ޓްވިޓާއިން ދުނިޔޭގެ ލީޑަރުން މޮޑަރޭޓްކުރާނެގޮތް ދިރާސާކުރަނީ

މުޅި އިންޓަނެޓް އިން ޓްރަމްޕް އަށް ދަތިކުރުމުގެ ފިޔަވަޅު

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.