މާކެޓް ކެޕިޓަލައިޒޭނަޝަނަށް ބަލާއިރު މިހިނގާ 2022 ވަނައަހަރުވެސް ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ މަޤާމް ދިފާއުކުރަމުންދާ އެޕަލްއިން، ޗެޓިންގ ޕްލެޓްފޯމް ޓެލެގްރާމް އެޕްގެ ބޮޑު އަޕްޑޭޓެއް ހިފަހައްޓާފަވާ ކަމަށްބުނެ ޓެލެގްރާމްގެ ސީއީއޯ އެޕަލްކުންފުނީގެ މައްޗަށް ތުހުމަތުތަކެއް ކޮށްފިއެވެ.
ސޯޝަލް ނެޓްވޯކިން ސައިޓް ވީކޭ އާއި ޓެލެގްރާމްގެ ސީއީއޯ އަދި ފައުންޑަރު ޕަވެލް ޑުރޯވް ކޮށްފައިވާ ޓެލެގްރާމް ޕޯސްޓެއްގައި ވާގޮތުން ކުރިއަށް އޮތް ޓެލެގްރާމް އަޕްޑޭޓެއް އެޕަލްގެ އެޕް ރިވިއުގައި "އެއްވެސް ތަފުސީލެއް ދިނުމެއް ނެތި" ދެ ހަފުތާ ވަންދެން ތާށިވެފައި އެބައޮތެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި މި އަޕްޑޭޓަކީ "މެސެޖު ކުރުމުގައި މީހުން ފާޅުކުރާ ހިޔާލުތަކަށް އިންގިލާބީ ބަދަލެއް ގެންނަން އުޅޭ" އަޕްޑޭޓެއް ނަމަވެސް އަދި މިހާތަނަށް އެ އަޕްޑޭޓެއް އެޕްރޫވް ކޮށްފައެއް ނުވެ އެވެ.
ޑޫރޯވް ވަނީ އެޕް ސްޓޯރުގެ ވިޔަފާރީގެ މޮޑެލްތަކަށް ފުޅާ ދާއިރާއެއްގައި ފާޑުކިޔާފަ އެވެ. އޭނާ ބުނާ ގޮތުގައި ޓެލެގްރާމް އަށް ހިތްވަރު ގެއްލިފައިވަނީ “ޓެކް މޮނޮޕޮލީތަކުން ހުރިހާ މޯބައިލް އެޕްތަކެއްގެ މައްޗަށް ލާޒިމުކުރާ” “އޮބްސްކިއުރ” އެޕް ރިވިއު ޕްރޮސެސް އިންނެވެ. އޭނާ ބުނާގޮތުންނަމަ “ދުނިޔޭގައި އެންމެ މަގުބޫލު 10 އެޕްގެ ތެރެއިން އެއް އެޕަކީ މިހާރު ޓެލެގްރާމް އެވެ. އަދި ޓެލެގްރާމަށް މިފަދަ ދަތިކުރުންތަކެއް އަންނައިރު ކުދިކުދި އެޕް ޑިވެލޮޕަރުންނަށް ދިމާވާ ދަތިތައް ތަޞައްވުރު ކުރެވޭ” ކަމަށްވެސް އޭނާވަނީ ބުނެފައެވެ.
ޓެލެގްރާމުން އެބުނާ އާ އަޕްޑޭޓްގައި ހުރީ ސީދާ ކޮން އެއްޗެއް ކަން ސާފު ނުވާއިރު، އެޕަލް އާއި ޓެލެގްރާމް އިންވެސް މިކަމާ ގުޅިގެން މީޑިއާއަށް އިތުރު ތަފްޞީލެއް ނުދޭ ކަމަށް ދަ ވާރޖް އިން ބުނެއެވެ.
މިއީ އެޕަލްގެ އެޕް ރިވިއު ޕްރޮސެސްތަކަށް ޑޫރޯވް ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ޑޫރޯވް ބުނީ އެޕަލް އިން ޓެލެގްރާމް އައިއޯއެސް އެޕްގެ އަޕްޑޭޓްތައް ބްލޮކް ކުރީ ރަޝިޔާއިން ޓެލެގްރާމް މަނާ ކުރުމުން ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން ޑޫރޯވް ޕޯސްޓް ކުރިތާ އެއް ދުވަސް ފަހުން އެޕަލް އިން ވަނީ އަޕްޑޭޓެއް ފާސްކޮށްފަ އެވެ.
ޓެލެގްރާމް އިން ދާދި ފަހުން ވަނީ މަހަކު 4.99 ޑޮލަރުގެ ޕްރީމިއަމް ސަބްސްކްރިޕްޝަން ތައާރަފްކޮށް، ބޮޑެތި އަޕްލޯޑްތަކާއި، އަވަސް ޑައުންލޯޑްތަކާއި، ވޮއިސް ޓު ޓެކްސްޓް ފީޗާއަކާއި، ޔުނިކް އިމޯޖީ ރިއެކްޝަންތަކާއި އަދިވެސް އެތައް ކަމެއް އަލަށް ތަޢާރަފް ކޮށްފައެވެ.
ގުޅުން ހުރި ލިޔުންތައް
ޓެލެގްރާމް ގައި ރައްކާތެރިކަމަށް ތަފާތު ގިނަ ފީޗަރތަކެއް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.