ފާއިތުވެގެން ދިޔައަހަރުގެ ތެރޭގައި އެކިއެކި ޓެކްކުންފުނިތަކުން ޖެނަރޭޓީވް އޭއައިގެ އައު އުކުޅުތަކެއް އީޖާދުކުރަމުން ގޮސްފައިވާއިރު، މި ވާދައިގައި މީސްމިޑިޔާ ކުންފުނިތައް ބައިވެރިވެފައިވާތަން ފެނިފައިވެއެވެ. ޓިކްޓޮކުގެ އޭއައި އިންފލުއެންސަރުންނާއި، ޔޫޓިއުބުން ނެރުނު މިޔުޒިކާއި ގުޅުންހުރި އޭއައިތަކައި މެޓާގެ ސެލެބްރިޓީ އޭއައި ޗެޓްބޮޓުތައް ފަާހަގަކުރެވިފައިވާ އިރު، މެޓާގެ ވަޓްސްއެޕްއުންވެސް ވަނީ މި ވާދައިގައި މަޑުމަޑުން ބައިވެރިވެފައެވެ. މިގޮތުން ވަޓްސްއެޕްގެ 'އިމޭޖިންމީ'އިން ޖެނަރޭޓިވް އޭއައި މެދުވެރިކޮށް ތަސްވީރު މި އެޕްތެރެއިން އުފެއްދެއެވެ.
އިމޭޖިންމީއަކީ މެޓާއިން ނެރުނު އައު ޖެނަރޭޓިވް އޭއައި އެކެވެ. މެޓާގެ އެޕްތަކުގައި ބޭނުންކުރަން ފަރުމާކޮށްފައިވާ މި އޭއައި މެދުވެރިކޮށް، ލިޔެފައިހުންނަ ސިފަކުރުމަކުން ޕޮޓޯއަކީ އެއްވައްތަރު، ފެންވަރު ރަނގަޅު ތަފްސީރެއް ޖެނަރޭޓުކޮށްދެއެވެ. މި ފީޗަރ މިހާރުވަނީ އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕްގެ ފީޗަރތަކުގެ ތެރެއަށް ލަމުންނެވެ. މިގޮތުން، ފާއިތުވިމަސްތަކުގެ ތެރޭގައި މި ފީޗަރވަނީ އެމެރިކާގެ ވަޓްސްއެޕް ޔޫޒަރުންނަށް ތަޢާރަފުކުރައްވާފައެވެ.
މި ފީޗަރ ބޭނުންކުރަން ވަރަށްވެސް ފަސޭހައެވެ. ވަޓްސްއެޕް ޗެޓުގައި MetaAI@ ޓެގުކޮށްފައި imagine/ ޖައްސަވާފައި ޖެނަރޭޓުކުރަން ބޭނުންވާ އެއްޗެއް ލިޔުމުން ވަރަށް ފުރިހަމަ ތަފްސީރެއް ޖެނަރޭޓުކޮށް ދެވޭނެއެވެ. މި އޭއައި އެންމެ ފުރަތަމަ މީހުންނަށް ހުޅުވާލި ދުވަސްވަރު އެހެން މިކަހަލަ އިމޭޖު ޖެނަރޭޓަރުންނަށްވުރެ އަވަސްކަން މީހުން ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ވަޓްސްއެޕް އިމޭޖިންއިން އެހެން ފީޗަރތައްވެސް ނެރެން ރާވާފައިވެއެވެ. ޑަބްލިޔުއޭބީޓާއިންފޯއިން ހާމަކޮށްފައިވާގޮތުން ވަޓްސްއެޕްއިން ކުރިއަށްއޮތް އަޕްޑޭޓެއްގައި އާ އޭއައި ފީޗާރެއް ތައާރަފްކުރުމަށް ރާވާފައިވެއެވެ.
މި އިޚްތިޔާރީ ފީޗާރގެ ސަބަބުން މި އެޕް ތެރެއިން އަމިއްލަ ނަފުސުގެ އޭއައި އިމޭޖެއް ޖެނެރޭޓް ކުރެވޭނެއެވެ.
މި ފީޗާރއަކީ މެޓާގެ އޭއައި ލާމާ މޮޑެލް ބޭނުންކޮށްގެން ހަދަމުންދާ ފީޗަރެކެވެ.މި ފީޗަރއިން ޔޫޒަރުންގެ ފޮޓޯ ބޭނުންކޮށްގެން އެފަރާތްތަކުގެ އޭއައި އަވަޓާރެއް ހަދައިދެވޭނެއެވެ.މި ފީޗަރ ނެރޭނެ ތާރީޙެއް ޚާއްސަކޮށްފައި ނުވާއިރު މީގެކުރިން "އިމޭޖިން" ބޭނުންކޮށްގެން ވަގުތުން އޭއައި މެދުވެރިކޮށް ތަސްވީރު ޖެނަރޭޓުކުރާ ފީޗަރުތަކެއް އެމެރިކާގައި ނެރެން ރާވަފައިވާކަމަށް މެޓާއިން ހާމަކޮށްފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.