ފަސްޓް ގްލޯބަލް މުބާރާތަށް ރާއްޖޭގެ ޓީމު މިފަހަރު ޕެނަމާއަށް

އަޝްނާ ރަޝީދު 19 އޮކްޓޯބަރު 2025

ރާއްޖޭގެ ޓީމުން ފަސްޓް ގްލޯބަލް ޗެލެންޖް 2025 ރޮބޮޓިކްސް މުބާރާތުގައި ބައިިވެރިވުމަށް ޕެނަމާއަށް ދާން ތައްޔާރުވަމުން އެބަދެއެވެ. މި މުބާރާތް ބާވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 29 އިން ނޮވެމްބަރު 1 އަށް ޕެނަމާގެ ޕެނަމާ ސިޓީގައެވެ. މީގެ ކުރިން 2023 އަދި 2025 ވަނަ އަހަރުގައިވެސް ރާއްޖޭގެ ޓިމަކުންވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މިގޮތުން މި އަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ފޯލޫޕް އެކެޑަމީގެ 5 ދަރިވަރުންނެވެ.

މި އަހަރުގެ ޓީމުގައި ރާއްޖެ ތަމްސީލުކުރަނީ މި ޓީމުގެ ކެޕްޓަން އަދި ޑިޒައިނަރ 17 އަހަރުގެ އީޝަލް، ޓީމުގެ ރިސާޗަރު އަދި އެނަލިސްޓް 15 އަހަރުގެ ޝުއާއު، ޓީމުގެ އިސް ޕްރޮގްރާމަރު 16 އަހަރުގެ ޔޫނުސް، ޕްރޮގްރާމްކުރުމާއި އިންވެންޓަރީ ބެލެހެއްޓުމަށް ހަރަކާތްތެރިވާ 14 އަހަރުގެ ޒައިދާން އަދި ޓީމުގެ ބިލްޑަރ 14 އަހަރުގެ އަލާންއެވެ.

މި ދަރިވަރުން ދިޔައީ މިދިޔަ ފަސް އަހަރު އެކުދިން ޓެކްނޮލޮޖީއާމެދު އުފެދިފައިވާ ލޯތްބާއި ޝައުގުވެރިކަމުގެ ރޫހުގައި އުނގެނުމާއި އީޖާދުކުރުމުގައި މަސައްކަތް ކުރަމުންނެވެ. މިހާރު މި ޝައުގުވެރިކަން މިވަނީ އީޖާދީ ވިސްނުމުގައި ދުނިޔޭގެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ ސްޓޭޖްގައި މަސައްކަތްކުރަން ފަށާފައެވެ.

މިފަހަރު މި ޓީމުން މި ބައިވެރިވާ ފަސްޓް ގްލޯބަލް ޗެލެންޖަކީ ދުނިޔޭގެ އެކި ޤައުމުތަކުން ރޮބޮޓިކްސްގެ ދާއިރާގައި ދަރުވަރުންގެ މެދުގައި އުފެއްދުންތެރިކަމާއި، އެކީ މަސައްކަތްކުރުމާއި އެކި ސަޤާފަތްތަކާއި ދެމެދު އޮންނަ ވިސްނުން ވަރުގަދަކުރުމަށް މަސައްކަތް ކުރާމުބާރާތެކެވެ.


މި މުބާރާތަކީ ކޮންމެ އަހަރަކު ދުނިޔޭގެ 190 ޤައުމެއްގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ބާއްވާ ރޮބޮޓިކްސް މުބާރާތެކެވެ. އޮލިމްޕިކްސް ސްޓައިލް މި މުބާރާތުގައި ދަރިވަރުން ދުނިޔޭގެ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ވާދަކޮށް، އީޖާދުކޮށް، އަދި އެކީ މަސައްކަތްކުރެއެވެ. މިގޮތުން މިއަހަރުގެ މައުލޫއަކަށް "އީކޯ އީކުއިލީބްރިއަމް" ކަނޑައެޅިފައިވެއެވެ.

މިގޮތުން މި މުބާރާތުގެ މައި މަރުހަލާގައި ފޯރުކޮށްދީފައިވާ ސްޓޭންޑާޑް ކިޓެއް ބޭނުންކޮށްގެން ރޮބޮޓެއް ތައްޔާރުކުރަންޖެހެއެވެ. މި ރޮބޮޓުގެ އެހީގައި ތިން ޤައުމުގެ ޓީމުތަކުން އެކީ މަސައްކަތްކޮށް ދުނިޔޭގެ ސިމިއުލޭޝަނެއްގައި ވާސަތައް ރުޖޫއަކޮށް އިކޮލޮޖިކަލް ބެލެންސް ބެލެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.

މީގެ އިތުރުން ކޮންމެ ޓީމަކުންވެސް "އިކޯ އީކުއިލިބްރިއަމް ނިއު ޓެކްނޮލޮޖީ އެކްސްޕީރިއަންސް" ކިޔާ އެހެން ހަރަކާތެއްގައި ވެސް ބައަިވެރިވެއެވެ. މި ހަރަކާތުގައި ކޮންމެ ޓީމަކުންވެސް އެ ބައެއްގެ ޤައުމުގެ ހަޔަވީ ސިންދަފާތު ދެނެގަނެ ރައްކާތެރިކުރުމަށްޓަކައި އެމާޖިންގް ޓެކްނޮލޮޖީތަކުގެ އެހީގައި ހައްލެއް އީޖާދު ކުރެވޭތޯ މަސައްކަތް ކުރާނެއެވެ.

މީގެ ކުރިންވެސް ރާއްޖެގެ ޓީމްތަކުންވަނީ މި މުބާރާތުގައި ބައިވެރި ވެފައެވެ. މިގޮތުން 2018 ވަނަ އަހަރު ބައިވެރިވެފައިވާ ޓީމަކުން މެކްސިކޯގައި ބޭއްވި މުބާރާތުގައި ދެވަނަ ހާސިލްކޮށްފައިވެއެވެ. އަދި 2023ގައި ސިންގަޕޫރުގައި ބޭއްވި މުބާރާތުގައި 2024ގައި ގްރީސްގައި ބޭއްވި މުބާރާތްތަކުގައި ރާއްޖޭގެ ޓީމަތަކުންވެސް ވަނީ މޮޅު އީޖާދީތަކެއް ދައްކާފައެވެ. މި ގޮތުން މި އަހަރު ރާއްޖޭގެ ޓީމް މި މުބާރާތުގައި ބައިވެރިވުމުގައި ދިވެހި ރާއްޖޭގެ ފަސްޓް ގްލޯބަލް ޗެލެންޖްގެ އޮފިޝަލް ޕާޓްނަރުކަމުގައި މިދިޔަ ދެ އަހަރެކޭވެސް އެއްފަދައިން ވިމެންއިންޓެކް މޯލްޑިވްސް ހަރަކާތްތެރިވެފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.